ހަބަރު

ހައެއްކަ މަސް ތެރޭގައި އައްޑޫގެ މަގުތައް ނިމޭނެ: އެމްއާރުޑީސީ

ތަރައްގީކުރަން މިހާރު ފަށާފައިވާ އައްޑޫ ސިޓީގެ ހުރިހާ މަގުތަކެއްގެ މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށް މޯލްޑިވްސް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އިން ބުނެފި އެވެ.

ޗެނަލް 13ގެ "ނިއުސް ޓޯކް" ގައި ވާހަކަފުޅު ދައްކަވަމުން އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނާޒިމް ވިދާޅުވީ އެ ކުންފުނިން މިހާރު ކުރަމުންދާ އެންމެ މައިގަނޑު އެއް މަސައްކަތަކީ އައްޑޫ ސިޓީ ލިންކްރޯޑް މަރާމާތު ކުރުން ކަމަށެވެ. އެގޮތުން ލިންކް ރޯޑުގެ މަގުތަކުގައި ތާރުގަނޑު ހަލާކުވެފައި ހުރި ހިސާބުތައް ރަނގަޅުކޮށް، މި މަހުގެ ނިޔަލަށް ލިންކްރޯޑްގެ މަސައްކަތް ވެސް މުޅިން ނިމޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ސައިން ބޯޑު ހަރުކުރުމާއި، ޒިބްރާ ކްރޮސިން ކުރެހުމާ މި ފަދަ ކަންކަން މިހާރު މި ކުރަނީ. މަގުގެ މަސައްކަތް ނިމޭއިރު އެ ތަން އޮންނާނީ ވަރަށް ރީތިކޮށް، ސަލާމަތްތެރި ތަނެއްގެ ގޮތަށް ތައްޔާރުކޮށްފައި. އެހެން ނަމަވެސް މަގުގެ ސަލާމަތްތެރިކަމަކީ ދުއްވާ މީހުން ދަމަހައްޓަން ޖެހޭ ކަމެއް،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ހިތަދޫ މަގުތަކުގައި ތާރު އަޅައި މިހާރު ނިމިފައިވާ ކަމަށެވެ. އެ މަގުތަކުގައި ވެސް މިހާރު ކުރަން ހުރި މަސައްކަތްތަކަކީ ސައިން ކުރެހުމާއި ބޯޑު ހަރުކުރުން ކަމަށް ނާޒިމް ވިދާޅުވި އެވެ. ތާރު އެޅުމަށް ސަރުކާރުން އެ ކުންފުންޏާ މި އަހަރުގެ ތެރޭގައި ހަވާލުކުރި ހުޅުމީދޫގެ މަގުތައް ވެސް ކުރިއަށް އޮތް ހައެއްކަ މަސް ތެރޭ ނިންމާލާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.