ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރާއްޖެ އޮތީ އުއްމީދީ ހިސާބެއްގައި: ރައީސް

Dec 27, 2021
2

އިގްތިސޯދީ ނަޒަރަކުން ވިސްނާނަމަ ރާއްޖެ މިއަދު އޮތީ ވަރަށް އުއްމީދީ ހިސާބެއްގައި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވި ކޮވިޑުން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގައި މި ސަރަހައްދުގެ ގައުމުތަކާ އަޅައިބަލާއިރު އެކަމުގައިވެސް ރާއްޖެއިން އެކަށީގެންވާ ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ. އެހެންވެ މިހާރު ރާއްޖެ އޮތް ހާލަތަށް ބަލައި އިގްތިސޯދީ ނަޒަރަކުން ވިސްނާ ނަމަ ރާއްޖެ އޮތީ އުއްމީދީ ހިސާބެއްގައި ކަމުގައި ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ ކޮވިޑްގެ ކުރިން އޮތް ހާލަތަށް ނުވަތަ އެއަށް ވުރެ ރަނގަޅު ހާލަތަކަށް ގައުމުގެ އިގްތިސާދު ގެންދިއުމަށްޓަކައި، އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"މިއީ ގައުމީ މަސްލަހަތު އިސްކޮށް އެންމެން އެއް އަޒުމެއްގައި އެއް ވާނެއްގައި މަސައްކަތް ކުރަންވީ ވަގުތު،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޮވިޑްގެ ބަލި މަޑުކަމަކީ ޑިސެމްބަރު 26، 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ފަދަ ގުދުރަތީ ކާރިސާ އަކަށް ނުވި ނަމަވެސް ކޮވިޑްގައި އެތައް ބަޔަކު މަރުވެ އެތައް ބައެއްގެ ދިރިއުޅުމަށް ބޮޑެތި ގެއްލުންތައް ލިބުނު ކަމަށެވެ. ކޮވިޑްގެ ދަތިކަމުގެ ތެރޭގައިވެސް ދިވެހިންނަށް ލިބުނު އެންމެ ބޮޑު ތަސައްލީ އަކީ އަޅުގަނޑުމެންގެ ތެރޭގައި އޮތް އެއްބައިވަންތަކަން ކަމުގައި ވިދާޅުވި އެވެ. ގޭގެއަށް ބޭނުންވާ ކާބޯތަކެއްޗާއި ބޯފެނާއި އެނޫން ވެސް ތަކެތި ފޯރުކޮށްދިނުމުގައި ހިލޭ ސާބަހަށް މަސައްކަތްކުރި އެތައް ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އެބަތިބިކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވަނީ އެ ހުރިހާ ފަރާތްތަކަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަކުރަނީ ސުނާމީގައި ރާއްޖެއަށް ކުރިމަތިވި ވަރަށް ބިރުވެރި ވަރަށް ނުރައްކާތެރި ކާރިސާއަކުން ސަލާމަތްވުމުގައި ދިވެހިން ދެއްކި އެއްބައިވަންތަކަން ހަނދާންކުރުމުގެ ގޮތުން ކަމުގައި ރައީސް ވިދާޅުވި އެވެ. ސުނާމީ ކާރިސާގައި 190 ރަށަކަށް އެކިވަރުގެ ގެއްލުންތައް ލިބުނު ކަމަށާއި، ސުނާމީ އަރައިގެން އައި ވަގުތުވެސް މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވެދިނީ އެއް އާއިލާއެއްގެ މީހުން ފަދައިން އެއްބައިވަންތަކަން އިސްކޮށްގެން ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ސުނާމީގައި ލިބުނު ގެއްލުންތަކުގެ ސަބަބުން 15،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި އަލުން އާރާސްތުކުރުން އުނދަގޫ މިންވަރަކަށް ފަސް ރަށެއް ހަލާކުވެގެން ދިޔަ ކަމަށެވެ. އަދި ބައެއް މީހުން އުމުރު ދުވަހުގެ މަސައްކަތުން ކޮޅަށް ޖެހި ދިރިއުޅުން، ހިނދުކޮޅެއްގެ ތެރޭގައި ސުންނާފަތިވެ އަމިއްލަ ފުރާނަ ނޫނީ ސަލާމަތެއް ނުކުރެވުނު ކަމަށް ވިދާޅުވި އެވެ.

"އެތައް ހާސް ބައެއްގެ އަތްމަތި މުޅިން ހުސްވެގެން ދިޔައިރު އެމީހުންގެ ދިރިއުޅުން އަލުން ކޮޅަށްޖެހުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ދިވެހިންގެ ތެރޭގައި މިއޮތް އެކުވެރިކަމާއި އޯގާތެރިކަން،" ސުނާމީގެ ހަނދާންތައް އާކުރައްވަމުން ރައީސް ވިދާޅުވި އެވެ.