ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހުކުމް ކުރުން ލަސްވަނީ އާއިލާއިން އެދިގެން ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއީލް ރަޝީދާއި، މ. ކުދެހިގޭ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި، މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.
މި މައްސަލައިގެ ހުލާސާ ބަޔާން އިއްވާފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. އެދުވަހު ގާޒީ އާދަމް މުހައްމަދު ވިދާޅުވެފައި ވަނީ އެދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ހުކުމް އިއްވާނެ ކަމަށެވެ. އެކަމަކު އެ މުއްދަތުގައި ހުކުމް ކުރަން އަޑުއެހުމެއް ތާވަލް ކޮށްފައެއް ނުވެ އެވެ.
ކޯޓުން ބުނެފައިވަނީ ހުކުމްކުރުން ފަސްކޮށްފައިވަނީ ޔާމީން ރަޝީދުގެ އާއިލާގެ މީހަކު ބަލިވެގެން އެކަން އަންގާފައިވާތީ ކަމަށެވެ. ޔާމީންގެ އާއިލާއިން މި މައްސަލައިގެ ކޮންމެ އަޑުއެހުމަކަށް ވެސް ހާޒިރުވެ އެވެ.
އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ހުލާސާ ބަޔާން އިއްވަމުން ދައުލަތުގެ ފަރާތުން ބުނެފައިވަނީ ދައުވާ ލިބޭ ހަ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުން ކަމަށާއި ދައުވާ ލިބޭ ހަ މީހުން ހަރުކަށި ފިކުރުގެ މީހުންނާ ގުޅުން އޮންނަ ކަން އެނގެން އެބައޮތް ކަމަށެވެ.
ޔާމީން ރަޝީދަށް ހަމަލާދީ މަރައިލަން މި މީހުން ރާވަން ފަށާފައިވަނީ ޔާމީނަކީ ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ވާހަކަތައް ފަތުރާ މީހަކަށް ވާތީ ކަމަށް ދައުލަތުގެ ބަޔާނުގައިވެ އެވެ. މަރާލުމުގެ ކުރިން ވެސް ޔާމީނަށް މަރުގެ އިންޒާރުތައް ލިބެމުން ދިޔަ ކަމަށްވެސް ފާހަގަކޮށްފަ އެވެ.
ދައުވާ ލިބޭ މީހުން ދިފާއުގައި ހުލާސާ ބަޔާން އިއްވަމުން ހުރިހާ ދިފާއީ ވަކީލުން ވެސް ފާހަގަކޮށްފައިވަނީ މި މައްސަލައިގައި ވީޑިއޯ އެނަލިސިސް ހެދި ފުލުހުންގެ އޮފިސަރުގެ ތައުލީމީ ބެކްގްރައުންޑެއް ނެތް ކަމެވެ. 13 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ނަމަވެސް އެރޮނގުން އެއްވެސް ތައުލީމެއް ލިބިފައި ނުވާއިރު ވީޑިއޯތަކުން ދައުވާ ލިބޭ މީހުން ފާހަގަކޮށްފައިވަނީ ހިތު ލަފަޔަށްކަން ދައުވާ ލިބޭ ދިފްރާންގެ ދިފާއީ ވަކީލް އިސްމާއިލް ވިޝާމް ވަނީ ވިދާޅުވެފަ އެވެ.
އެ ދުވަހު ހުލާސާ ބަޔާން އިއްވަމުން ދިފާއީ ވަކީލުން ދެން ފާހަގަކުރި އަނެއް ކަމަކީ މި މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ އެއް ސިއްރު ހެއްކަކީ މި މައްސަލައިގައި އަމަލީ ގޮތުން ބައިވެރިވެފައިވާ މީހެއް ކަމަށްވާއިރު އޭނާގެ މައްޗަށް ދައުވާ ނުކޮށް ހެކިބަސް ނަގައިފައިވާ ކަމުގެ މައްސަލަ އެވެ.
ދައުލަތުގެ ފަރާތުން މައްސަލައިގައި ޝާމިލްވާ މީހުންގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވާއިރު އެ މޭރުމުން ވަކާލާތު ކުރާނަމަ ސިއްރު ހެކިވެރިޔާ އަކީ ވެސް ގާތިލަކަށް ވާނެ ކަމަށާއި އެހެންވެ ގާތިލުންގެ ހެކިބަސް ބަލައި ނުގަނެވޭނެ ކަމަށް ދައުވާ ލިބޭ މީހެއްގެ ދިފާއީ ވަކީލް އަހުމަދު ޔާމީން ވަނީ ވިދާޅުވެފަ އެވެ.