ދުނިޔެ

މޮރިޝަސް ފަރަށް އެރި ބޯޓްގެ ކެޕްޓަން ޖަލަށް

މޮރިޝަލް ފަރަށް އެރި ބޯޓުގެ ކެޕްޓަނާއި އޭނާގެ އެހީތެރިޔާ 20 މަހަށް ޖަލަށްލާން މޮރިޝަސްގެ ވެރިރަށް، ޕޯޓް ލުއިސްގެ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

ޖަޕާންގައި ރެޖިސްޓްރީ ކޮށްފައި އޮންނަ އެމްވީ ވަކަޝިއޯ މޮރިޝަސްގެ ފަރަށްއެރީ ޖުލައި 25، 2020 ގައި، 4،000 ޓަނުގެ ތެލާއެކު އެވެ. ބޯޓް ފަރަށްއެރުމުގެ ސަބަބުން 1،000 ޓަން ހުންނަހާ ތެޔޮ ބަންޑުންވެ ކަނޑުގެ ދިރުމަށް ވަރަށް ބޮޑު ގެއްލުމެއް ވަނީ ލިބިފަ އެވެ.

ބޯޓުގެ ކެޕްޓަން ސުނިލް ކުމާރު ނަންދޭޝްވަރަކީ އިންޑިއާ ރައްޔިތެކެވެ. އަދި އެހީތެރިޔާ ހިތިހަނިއްލާގޭ ސުބްހޯދާ ޖަނެންދުރަ ތިލަކަރަތުނަ އަކީ ލަންކާ ރައްޔިތެކެވެ.

ކެޕްޓަނާއި އެހީތެރިޔާ ވެސް ވަނީ ކުށަށް އިއުތިރާފުވެ މޮރިޝަސްގެ ރައްޔިތުންގެ ކިބައިން މާފަށް އެދިފަ އެވެ. އަދި އެހާދިސާ ހިނގަން މެދުވެރިވީ ފަރުވާ ކުޑަކަމުން ކަމަށް ވެސް އެ ދެމީހުން ވަނީ އެއްބަސްވެފަ އެވެ.

ބޯޓް ފަރަށް އެރިއިރު ކެޕްޓަން ހުރީ މަސްތުގައި ހާލަތުގައި ކަމަށް ވެސް ވަނީ ކޯޓުގައި އެއްބަސްވެފަ އެވެ. ކަނޑު ދަތުރު ކުރުމުގައި ބަލަހައްޓަން ޖެހޭ މިންގަޑާ ގާތަށް ވެސް އޭނާގެ ވާޖިބު އަދާކުރެވިފައި ނުވާ ކަމަށް ވެސް ވަނީ އެއްބަސްވެފަ އެވެ.

މޮރިޝަސްގެ ފަރަށް ތެޔޮ ބަންޑުން ވުމުގެ ސަބަބުން މަސްވެރިންނަށް ލިބުނު ގެއްލުމަށް ބަދަލު ދޭނެ ކަމަށް ބޯޓުގެ އިންސުއަރެންސް ކުންފުނިން ވަނީ ބުނެފަ އެވެ. މޮރިޝަސްގެ ފިޝަރީޒް މިނިސްޓަރު ސުދީރު މައުދޫ ވިދާޅުވި ގޮތުގައި ގެއްލުން ލިބުނު 1،000 މަސްވެރިންނަށް ކޮންމެ މީހަކަށް 2،580 ޑޮލަރު ލިބޭނެ އެވެ.

ފަރުތަކަށް ލިބިފައިވާ ގެއްލުންތައް ހޯދުމަށް ސައިންޓިފިކް ދިރާސާއެއް ކުރި ނަމަވެސް އަދި އާންމުކޮށްފައެއް ނުވެ އެވެ. މައްސަލަ މުޅިން ނުނިމޭތީ އާންމު ނުކުރި ނަމަވެސް ވަރަށް ބޮޑު ބަދަލަކަށް މޮރިޝަސް އެދޭނެ އެވެ.

ގުދުރަތީ ގޮތުން މޮރިޝަސް އުފެދިފައި އޮންނަނީ މުއްސަނދި މުރަކައިގެ ހާއްޔެއްގަ އެވެ. އެހެންކަމުން ކަނޑުގެ ރީތިކަން ވެފައި ވަނީ މޮރިޝަސްއަށް އާމްދަނީ ލިބޭ ވަރަށް ބޮޑު ވަސީލަތަކަށެވެ.

މޮރިޝަސްގެ ފަރާއި ވަށައިގެން އޮންނަ ކަނޑަކީ މަޝްހޫރުު ޓޫރިސްޓް މަންޒިލެކެވެ. ގުދުރަތީ ގޮތުން އެސަރައްދަށް ލިބިފައި އޮންނަ ރައްކާތެރިކަމުގެ ސަބަބުން ކަނޑުގެ ދިރުން ޒަމާންތަކަކަށް ދެމެހެއްޓިފައ އޮތީ އެވެ.

ބޯޓުގެ ކެޕްޓަނާއި އެހީތެރިޔާ ބަންދުގައި ތިބޭތާ 16 މަސް ވެފައި ވާތީ ހުކުމުން އެބައި އުނިވާނެ އެވެ. އަދި ލަސްތަކެއއް ނުވެ ދެމީހުން މިނިވަންކުރާނެ އެވެ.