ބޮލީވުޑް

"ބްލެކް"ގެ ޝޫޓިންގްގައި ބާންސާލީ ވަރެއް ކޮށްލި: ރަންބީރު

ރަންބީރު ކަޕޫރަކީ ބޮލީވުޑްގެ އެންމެ ހުނަރުވެރި އެއް އެކްޓަރެވެ. ބަތަލެއްގެ ގޮތުގައި "ސާވަރިޔާ" އިން 2007 ގައި ބޮލީވުޑަށް ތައާރަފްވުމުގެ ކުރިން ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ރަންބީރު މަސައްކަތް ކުރި އެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބެއް ކުރިމަތިވި އެވެ.

ރަންބީރު އެންމެ ފުރަތަމަ ފިލްމީ މަސައްކަތް ފެށީ "ބްލެކް" ގެ ޝޫޓިންގްގައި ބާންސާލީގެ އެސިސްޓެންޓެއްގެ ގޮތުގަ އެވެ. އަމީތާބް ބައްޗަން އާއި ރާނީ މުކަރުޖީ ލީޑް ރޯލު އަދާކުރި މި ފިލްމުގައި ރަންބީރު ދުވަން ޖެހުނީ ބާންސާލީ ބުނާހާ ކަމެއް ކުރަމުން އޭނާގެ ފަސް ފަހަތުންނެވެ.

ދާދިފަހުން އޮތް އިވެންޓެއްގައި ވާހަކަ ދައްކަމުން ރަންބީރު ވަނީ "ބްލެކް" ގައި ބާންސާލީގެ އެސިސްޓެންޓެއްގެ ގޮތުގައި ކުރި ތަޖުރިބާތައް ހިއްސާ ކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި ބައެއް ފަހަރު ބާންސާލީ ރުޅިގަދަ ވެގެން އެމީހުންގެ ގައިގައި ޖަހައި ހުތުރު އެއްޗެތި ވެސް ގޮވަ އެވެ.

"އަހަރެމެން އެތައް ގަޑިއިރެއް ވަންދެން ކުޑަ ކަކޫ ޖަހައިގެން ވެސް ތިބެން ޖެހޭ. އޭނަ އަހަރެމެންގެ ގައިގައި ޖަހާ ހަދާ. އަދި ހުތުރު އެއްޗެތި ވެސް ގޮވާ. އެއީ ފިލްމީ ދުނިޔެއަށް އަހަރެމެން ތައްޔާރުކޮށް ހަރުދަނާ ވަރުގަދަ ބަޔަކަށް ހަދަން އޭނާ ކުރި ކަމެއް،" ރަންބީރު ބުންޏެވެ.

"ބްލެކް"ގައި ބާންސާލީ އަށް އެހީތެރިވީ ހަމައެކަނި ރަންބީރެއް ނޫނެވެ. ހަމަ އެ ފިލްމުގެ ޝޫޓިންގްގައި ސޯނަމް ކަޕޫރު ވެސް އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ބާންސާލީއާއެކު މަސައްކަތް ކުރި އެވެ.

ރަންބީރު މި ވާހަކަތައް ކިޔައި ދިނީ އޭނާގެ ކާފަ ރާޖް ކަޕޫރުގެ ހަޔާތުގެ ވާހަކަތައް ލިޔެފައިވާ ފޮތް "ރާޖް ކަޕޫރު: ދަ މާސްޓާ އެޓް ވޯކް" ލޯންޗުކުރި އިވެންޓުގަ އެވެ. މި އިވެންޓުގައި އޭނާއާއެކު ބައިވެރިވީ ރާޖް ކަޕޫރުގެ ދޮށީ ދަރިފުޅު ރަންދީރު ކަޕޫރެވެ.
އޭނާ މި ވާހަކަތައް ކިޔައިދިނުމުގެ މަގްސަދަކީ މިހާރު އަލަށް ފިލްމު އުފެއްދުމުގެ މަސައްކަތްކުރާ ޑައިރެކްޓަރުންނާއި ކުރީގެ ތަޖުރިބާކާރު ޑައިރެކްޓަރުން މަސައްކަތްކުރާ ގޮތުގައި ހުރި ތަފާތު ކިޔައިދިނުމަށެވެ.

"މިޒަމާނުގައި ގިނަ ފަންނާނުން ބޭނުންވަނީ 300 ދުވަހުން ނިމޭ ފިލްމެއްގައި މަސައްކަތް ކުރުމުގެ ބަދަލުގައި 13 ދުވަހަކުން ނިމޭ ފިލްމުތައް ކުޅެން. ނަމަވެސް ރާޖް ކަޕޫރު މަސައްކަތް ކުރީ އެހެނެއް ނޫން. އޭނާ "ބޮބީ"ގެ ޝޫޓިން ހެނދުނު 6.30ގައި ފަށާފައި 6.45 ގައި އެބަ ނިންމާލާ. އޭނަ ނުބަލާނެ ފައިސާ ޚަރަދުވާ ވަރެއް. އަހަރެން ހަނދާން އެބަހުރި "ބޮބީ"ގެ ބައެއް މަންޒަރުތައް ރީތިކުރަން ވެގެން އޭނާ ގުލްމަރްގްގައި ހުރި ހުރިހާ ގެއެއްގެ ފުރާޅުތަކުގައި ކުލަލާ ރީތިކުރި ހަނދާން. އެއީ އެ ޒަމާނުގައި އެމީހުން މަސައްކަތްކުރި ގޮތް،" މި އިވެންޓުގައި ވާހަކަ ދައްކަމުން ރަންދީރު ބުންޏެވެ.