ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ ސްރީ ލަންކާ މީހުންނާ ކައިވެނި ކުރަން އެދޭ ބޭރު ގައުމުތަކުގެ މީހުން، ލަންކާގެ ޑިފެންސް މިނިސްޓްރީން ސެކިޔުރިޓީ ކްލިއަރެންސް ރިޕޯޓެއް ހޯދަން ޖެހޭ ގޮތަށް އެ ގައުމުގެ ސަރުކާރުން ހަމަޖައްސައިފި އެވެ.
ގައުމީ ސަލާމަތީ ފިޔަވަޅެއް ކަމަށް ބުނެ އަންނަ އަހަރުން ފެށިގެން ހޯދަން ޖެހޭ ސެކިޔުރިޓީ ލިޔުމަކީ ލަންކާގެ ރައްޔިތުންގެ ސަލާމަތާއި ރައްކަތެރިކަމަށް އެޅި ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެ އެވެ.
ލަންކާގައި މިހާރު އޮންނަ އުސޫލަކީ އެ ގައުމުގެ ރައްޔިތަކާ ކައިވެނިކުރަން ބޭރު މީހަކު އެދޭ ނަމަ އެމީހެއްގެ ޕާސްޕޯޓް / އުފަންދުވަހު ސެޓިފިކެޓް އަދި މިފަދައިން އޭނާއަކީ ކޮން ގައުމެއްގެ ކާކުކަން ބަޔާންވެފައި އޮތް ލިޔުމަކުން ފުދެ އެވެ.
ކައިވެނީގެ ގަވާއިދަށް ގެނައި ބަދަލުގައި ބޭރު ގައުމެއްގެ މީހަކު ލަންކާ ރައްޔިތަކާ ކައިވެނިކުރަން އެދޭ ނަމަ، އޭނާއަކީ ކޮން ގައުމެއްގެ ކާކުކަން އަދި ކޮން މަސައްކަތެއް ކުރާ މީހެއްކަން، ލަންކާ ޑިފެންސް މިނިސްޓްރީން ލިޔުމަކުން ހޯދަން ޖެހެ އެވެ.
އޭނާއަކީ އެއްވެސް ޒަމާނެއްގައި މަަސްތުވާ ތަކެތި ބޭނުންކުރި / ވިޔަފާރިކުރި މީހެއްތޯ އާއި ވަކި ހާއްސަ ބައްޔަކަށް ފަރުވާކުރާ ނަމަ ނުވަތަ އެފަދަ ބައްޔެއް ޖެހިފައި ހުރިތޯ ވެސް ޑިފެންސް މިނިސްޓްރީން ބަލަ އެވެ.
ލަންކާ ސަރުކާރުން ބުނާ ގޮތުން ބޭރު ގައުމުތަކުގެ މީހުން ތަފާތު ބޭނުންތަކުގައި ލަންކާ ރައްޔިތުންނާ ކައިވެނި ކުރެ އެވެ. އޭގެ ތެރޭގައި އެމީހަކު ލަންކާގައި ހޭދަކުރާ މުއްދަތުގައި އަންބަކު ބޭނުންވާތީ އާއީ ވިޔަފާރިކުރަން ނިވައިފަތްގަނޑަކަށް ހެދުމަށް އަދި ލަންކާގައި އިންވެސްޓްކުރަން ފަސޭހައަކަށް ވެސް ކައިވެނިކުރާ ކަމަށެވެ.
ލަންކާ ކަނބަލުންނަށް ބޭރުމީހުންގެ ފަރާތުން ބޮޑެތި ގެއްލުންތައް ލިބޭ ކަމަށާއި ދަރިން ލިބޭ ފަހުން ވެސް ދޫކޮށްލާފައި ގައުމަށް ގޮސް އުފަލުގައި އުޅޭ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި ކަނބަލުންނަށް އެއްގޮތަކަށް ވެސް އެނގުމެއް ނެތި ޑްރަގް ނެޓްވޯކްތަކަށް ހުށަހެޅޭ ކަމަށާއި ބޭރު މީހުންނާ ކައިވެނިކުރުމުން ހާލުގައި ޖެހުން ވަރަށް އާދައިގެ ކަމަކަށް މިހާރު ވެފައިވާ ކަމަށެވެ.