މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލް ސޭފްޓީވީކްގެ ފުރަތަމަ ވޯކްޝޮޕް ނިންމާލައިފި

Dec 28, 2021

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޕޯޓު ސޭފްޓީވީކްގެ ތެރެއިން ފުރަތަމަ ކުރިއަށް ގެންދިޔަ "ސޭފްޓީ ކަލްޗާ އަވެއާނެސް ވޯކްޝޮޕް" ނިންމައިލައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕް ފުރިހަމަ ކުރި 36 ބައިވެރިންނަށް އިއްޔެ ވަނީ ސެޓްފިކެޓް ހަވާލުކޮށްފަ އެވެ. ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖާ މުހައްމަދު މަހުޖޫބު އެވެ.

ހަފްތާއެއްގެ މުއްދަތަށް އެ ކުންފުނިން ކުރިއަށް ގެންދާ ސޭފްޓީވީކްގެ ފުރަތަމަ ވޯކްޝޮޕް ނިންމައިލިއިރު، ހުރިހާ ބައިވެރިންނަށް ސޭފްޓީ ކަލްޗާ އާއި ކްރައިމް ޕްރެވެންޝަންއާ ބެހޭގޮތުން މައުލޫމާތު ދީފައިވާނެ ކަމަށް އެމްޕީއެލް އިން ވަނީ ބުނެފަ އެވެ. އަދި ކެމިކަލް އަދި އައިއެމްޑީޖީ އާއި ބެހޭ ގޮތުންނާއި، މޫސުމާ ގުޅިގެން ދިމާވާ ކާރިސާތަކާއި ބެހޭ މައުލޫމާތުވެސް ބައިވެރިވެރިންނަށް ވަނީ ހިއްސާކޮށްފަ އެވެ.

މި ޝެޝަންތަކުގައި ފުލުހުންނާއި، ސިފައިންގެއާއި މޫސުމާއި ބެހޭ ގައުމީ އިދާރާގެ ބޭފުޅުންގެ އެހީތެރިކަން ލިބިފައިވާ ކަމަށް އެމްޕީއެލް އިން ވަނީ ފާހަގަކޮށްފަ އެވެ.

އެމްޕީއެލް އިން ބުނީ ސޭފްޓީވީކްގެ އިތުރު ވޯކްޝޮޕްތަކެއް މި ހަފްތާ ތެރޭގައި ބާއްވާނެ ކަމަށެވެ. އެގޮތުން ކުންފުނީގެ އެކި މުވައްޒަފުންނަށް ފަސްޓް އެއިޑް ޓްރެއިނިންގް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓްގެ ފަރާތުން ބާއްވާ އެވައާނެސް ސެޝަނަކާއި، އެކްސިޑެންޓް އެންޑް އިންސިޑެންޓް އެވެއާނެސް ސެޝަނެއްގެ އިތުރުން ސްޓްރެސް މެނޭޖްމަންޓް ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މަސައްކަތުގެ މާހައުލުގައި އުޅޭ އިރު ސަލާމަތާއި ރައްކާތެރިކަމަށް މުވައްޒަފުން ހޭލުންތެރިކުރުވުމަށް އެމްޕީއެލްއިން 2019 ވަނަ އަހަރުން ފެށިގެން އަންނަނީ ސޭފްޓީ ވީކް ފާހަގަކުރަމުންނެވެ.