ބޭރު ކުޅިވަރު

ނިއުކާސަލް އަތުން ޔުނައިޓެޑަށް ޕޮއިންޓެއް

ވަރުގަދަ ކުރިމަތިލުމަކަށް ފަހު ނިއުކާސަލް އަތުން މެންޗެސްޓާ ޔުނައިޓެޑަށް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ދެ ޓީމުން ވެސް ރަނގަޅު ފުރުސަތު ތަކެއް ތަނަވަސް ކުރި އެވެ. ނަމަވެސް ގިނަ ވަގުތު ބޯޅަ ގެންގުޅެފައި ވަނީ ޔުނައިޓެޑުންނެވެ.

ރޭގެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ނިއުކާސަލުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓީމުގެ ފަހަތުން އަރި މައްޗަށް ކުޅެމުން އަންނަ ލޯންގްސްޓަފް ނަގައިދިން ހުރަހަކުން ސައިންޓް މެކްސްމިން އެވެ.

މެޗުގެ ވަރަށް ކުރީ ކޮޅު ޖެހި މި ގޯލާއެކު ނިއުކާސަލުން ފުރަތަމަ ހާފު ނިންމާލީ 1-0 ގެ ނަތީޖާއަކުން ޔުނައިޓެޑްގެ މައްޗަށް ކުރީގައި އޮވެގެނެވެ.

ދެވަނަ ހާފުގައި ޔުނައިޓެޑުން މެޗު ފެށީ ފްރެޑް އަދި ގްރީންވުޑްގެ ބަދަލުގައި ސެންޗޯ އަދި އެޑިސަން ކަވާނީ އާއި އެކުގަ އެވެ. މިބަދަލު ތަކާއެކު ދެވަނަ ހާފުގައި ޔުނައިޓެޑް ފެނިގެން ދިޔައީ ވަރުގަދަކޮށެވެ. ނަމަވެސް ނިއުކާސަލްގެ ޑިފެންސް ލައިން ފޫއަޅުވާލުންވީ އުނދަގޫ ކަމަކަށެވެ. މެޗުގެ 57 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ރީނދޫ ކާޑެއް ދައްކާފައިވެ އެވެ. މި ސީޒަނުގައި ކޮންމެ ދެ މެޗަކުން އެއް މެޗުގައި ރޮނާލްޑޯ އަންނަނީ ރީނދޫ ކާޑު ހޯދަމުންނެވެ.

މެޗު ނިމެން 11 މިނެޓަށް ވެފައި ވަނިކޮށް ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ކަވާނީ އެވެ.

މި ނަތީޖާއާއިއެކު ޔުނައިޓެޑް އޮތީ ލީގުގެ ހަތް ވަނައިގަ އެވެ. ނިއުކާސަލް އޮތީ ލީގުގެ ނަވާރަ ވަނައިގައި ރެލިގޭޓް ވުމާއި ގާތުގަ އެވެ. ނަމަވެސް އެ ޓީމުން މިހާރު އަންނަނީ ކޯޗް އެޑީ ހޯވީއާއެކު ނަތީޖާތައް ރަނގަޅު ކުރަމުންނެވެ.