(26 ޑިސެމްބަރ 2021 އާ ގުޅޭ)
ދުވަހަކުވެސް ފިރިހެނަކު އޭނާގެ އަތުގައި ހިފިތަނެއް ޔޫކަށް ނުފެންނާނެއެވެ. ކަންތައްވީގޮތް ކޮންމެވެސް ގޮތަކުން އެ ދަރިފުޅަށް ވިސްނައިދޭން ހޫރައިން ބޭނުންވިއެވެ. އެ ވިސްނުމުގައި ހޫރައިންގެ ނަޒަރު ޔޫކަށް އަމާޒުކޮށްލިއެވެ. އެ ކުއްޖާ ވެސް މަންމަ ބުނަން އުޅޭ އެއްޗަކާމެދު ޝައުގުވެރިވެފައި ހުރި ކަހަލައެވެ.
"ހާދަ ހިނިއައިސްފަ. މީޓުވީތަ؟" ސުކޫލާ ދުރުގައި މަޑުކޮށްގެން އޮތް ކަޅުކުލައިގެ ކާރަށް ޒެހެން އައިސް އެރުމާއެކު ސާރާ ބުންޏެވެ. އެއްވަރަކަށް ހިނިއައިސްފަ އިނދެ ޒެހެން ބޯޖަހާލީއެވެ. ހުރިހާ ކުދީން ކާރުގައި ހަމަވީކަން ޑްރައިވަރު ކާރު ދުއްވާލިއެވެ.
"ކާކު؟ އަނެއްކާ އަހަރުންނަށް ސިއްރުން ޒެން ކަމެއް ކުރަނީތަ؟" ސަމާސާގެ ރާގުގައި ސާރާ އެހީ ނިކަން ސީރިއަސް ވާހަކައެކެވެ. ޒެހެން ހީނގަތެވެ.
"ފްރެންޑެއް... އައި ތިންކް ސޯ. ޔުނިވަރސިޓީއިން ދިމާވި. ދެން ގޮސް ބޮޑުދޮންބެދައްތަ ކައިރީ ކިޔާނީއެއްނޫން. ތީ ބޮޑު އަނގައެއް. ދޯ ދީމް... މަންމި އޮންނަނީ ބޮޑު އަނގައެއް. ތިއްތައަށް އިވިއްޖެއްޔާ ދުވަސް ދިޔައީ... އޭނާ ހުރިހާ ކަމެއް ހުއްޓާލާފަ އަތުވެދާނެ މަށާ ދިމާކުރަން."
"ދިމާކުރާވަރުވެޔޭ. އެއްކަލަ ކައިލީޖެނާއާ ވަކިވީފަހުން އެކަހަލަ ކަމެއް ނުކުރޭ. ޔާނު ބުނި އަންހެނުންގެ މަތިން ޒެންގެ ހިތްކެނޑުނީއޭ... މީހަކާ އިންނަ ހިޔާލެއް ނުކުރެޔޭ." ސާރާ ތަންކޮޅެއް ވާހަކަ ބޮޑުކޮށްލައިފަ ބުންޏެވެ.
"ނުބުނާނެ. ދޮންބެ އަދި އަމުދުން ތިކަހަލަ އެއްޗެއް ނުބުނާނެ. އެހެންނޫނަސް ކާކުގެ ވާހަކައެއް ތިފެށީ. އެއީ ނިމި އަހަރެން ހަނދާންނައްތާލާފައި އޮތް ޗެޕްޓާއެއް. އަހަރެން މީހަކާ ނީންނާނަމޭ ދުވަހަކުވެސް ނުބުނަން. މެރީ ކުރާ މެޓީރިއެލްގެ ގާލްއެއް ލިބިއްޖެނަމަ ލަހެއްނުކުރާނަން." ޒެހެން މިހެން ބުނިއިރު ވެސް އޭނާގެ ހިޔާލުތަކުގައިވީ ހޫރައިންގެ ސޫރައެވެ. ހިތާއި ޟަމީރު އެއްބަސްވަނީ ޒަވާޖީ ހަޔާތެއް ފަށަން ޒެހެންއަށް ހޫރައިން ފުދޭކަމެވެ.
"ވަރަށް މެޗުއާވެއްޖެ ޒެން. ކުރީން ހުންނަ މޮޔަގޮތް ކެނޑިއްޖެ." ސާރާ އަނެއްކާވެސް ދިމާކޮށްލީއެވެ.
"ކައިވެނިކޮށް ދެ ކުދީން ލިބުނުއިރު ވެސް ދޮންތަ އަދިވެސް ބޮޑެއްނުވޭ. މީނދަ ދީމް ވެސް ދޮންތައަށްވުރެ ވިސްނުން ރަނގަޅު." ޒެހެން ހީނލިއެވެ. ސާރާއާ ދިމާކުރީކަން އެނގި އޭނާ ޒެހެންގެ ކޮނޑުގައި ބޮޑިއެއް އެޅިއެވެ.
"މަންމީ ފައިޓްކުރާނީ ހަޑި ކުދީން." ދީމް އިނދެފައި ބުނެލިއެވެ.
"ޒެންބެގެ ޗަމްޗަޗާ... މަންމަ ކައިރީ ބުނާނަން." ތުންއަނބުރާލަމުން ސާރާ ބުނެލިއެވެ. އިހުނަށްވުރެ ޒެހެން ބާރަށް ހީނގަތެވެ.
ކާރުގެ ދޮރުފަތުން ޒެހެން މަގުމައްޗަށް ބަލާލިއެވެ. އޭނާ ފުންނޭވާއެއް ލިއެވެ. ހޫރައިންއަށް ގެއަށް ދެވިއްޖެބާއޭ އޭނާ ހިތަށް އެރިއެވެ. ހަމައެއާއެކު ޔޫކްގެ މަތިން ހަނދާންވިއެވެ. ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިވިއެވެ. އޭނާ އެކުއްޖާއާއެކު ހޫރައިން ބަލައިގަންނަން ހުރިއިރު އެކުއްޖާ ޒެހެން ބަލައިގަންނަން ތައްޔާރެއް ނޫނޭ ހިތަށް އެރިއެވެ. ހޫރައިންއާ ގުޅިފައިވާ އެއްވެސް ކަމެއް ފަސޭހައެއް ނޫންކަން ޒެހެންއަށް ވިސްނުނެވެ. އަންހެންކުއްޖެއްގެ ރުހުމާއި ހިތް މިލްކުވޭތޯ އޭނާ މިހާ ކެތްތެރިވާން ޖެހުނު ފަހަރެއް ހަޔާތުގައި ނާދެއެވެ. އެހެންވިޔަސް ކެތްތެރިކަމާއެކު ޒެހެންގެ ހިތުގައިވާ އިހްސާސްތައް ވެސް އައީ ފުންވަމުންނެވެ.
ގޭގައި އޮއްވައި ސާރާ އައީ ޒެހެން ބަލައެވެ. ޝާހީނާ ބުނެގެންނެވެ. ދަރިފުޅު ސްކޫލުން ނިމޭ ގަޑިއަށްވީމަ ސާރާ ގަސްދުކުރީ ދީމް ނަގައިގެން އެނބުރި ގެއަށް ދާށެވެ. ސްކޫލަށް ސާރާއާއެކު ޒެހެންވަނީ އެހެންވެއެވެ. ހުރަސްކަނޑާލި ވަގުތު ކުލާހެއްގެ ތެރެއިން ނިކަން މަޑުމަޑުން އެކަނި އިން ޔޫކް ފެނުނީއެވެ. ގަބޫލުކުރަންދަތިވި އިއްތިފާގެކެވެ. ބަޔާންކުރަން ދަތިވި އުފާވެރިކަމެއް ހިތައް އެވަގުތު ވެރިވިއެވެ. އެތަނުގައި ޒެހެންގެ ދެފައި ތަތްވެފައި ހުރިހެން އެހެން ދިމާއަކަށް ނުޖެހި ހުއްޓެވެ. ސާރާގެ ފަހަތުން ދިއުމުގެ ބަދަލުގައި އޭނާއަށް ބެލެނީ ބެލެނިވެރީންގެ ތެރެއިން ހޫރައިން ފެނޭތޯއެވެ. މޫނުބުރުގާ އަޅާފައި ހުރި މީހަކުނަމަ އެއީ ހުރައިންނަށް ވާނޭ އޭނާ ގަބޫލުކުރިއެވެ. ކަންތައްވީ ވެސް އޭނާއަށް ހީކުރެވުނު ގޮތަށެވެ. އެ ކުލާހުގައި ހޫރައިން ނޫނީ މޫނުއަޅާފައި ހުރި ބެލެނިވެރިއަކުނެތެވެ. ހޫރައިންއަށް އޭނާ ހުރިކަން ފާހަގަވެއްޖެކަން އެނގި ވާހަކަދައްކާލަން ޒެހެން ބޭނުންވިއެވެ. ނަމަވެސް ދީމް ގޮވައިގެން އައި ސާރާއަށް ހޫރައިން ފާހަގަވާން ޒެހެން ބޭނުންނުވީއެވެ. ސްކޫލުން ނުކުމެ ޒެހެން މަޑުކުރީ ހޫރައިންއާ ވާހަކަދައްކާލަން ގަސްދުކޮށެވެ. ދީމްއާއެކު ސާރާ ގޮސް އޭރު ކާރަށް އަރަނީއެވެ. ހޫރައިން ދަރިފުޅު ގޮވައިގެން ނުކުތް ގޮތަށް ހިނގައިގަތީއެވެ. އެއްވެސް ވަރަކަށް ވަށައިގެންވާ ކަންކަމަށް ކުޑަވެސް ސަމާލުކަމެއް އޭނާގެ ނެތްކަން ޒެހެންއަށް އެނގެއެވެ. ހޫރްއޭ ގޮވާލުމުން ވެސް ހޫރައިން ބަލައެއް ނުލިއެވެ. އެކަމަކު އޭނާގެ އަޑު ޔޫކަށް އިވުނެވެ. އެކުއްޖާ ފަސްއެނބުރި ބަލާވެސް ލިއެވެ. ދުވެފައި ގޮސް ކައިރިވެލަމުން ހޫރައިންގެ އަތުގައި ޒެހެން ހިފީ ދެ ހިޔާލެއްގައި ހުރެއެވެ. އޭނާގެ އެ ޢަމަލުން ނަތީޖާ އަންނާނޭ ގޮތަކާމެދު ޖެހިލުންވެފައި ހުރެއެވެ. ހޫރައިން ސިހުނީތީ މިފަހަރު އެކަން ޒެހެންއަށް އާކަމަކަށް ނުވިއެވެ. ކިތަންމެ ކުޑަކުޑަ ކަމެއް ވިޔަސް އެ އަންހެންކުއްޖާ ސިހޭކަން ޒެހެންއަށް މިހާރު އެނގެއެވެ.
"ހާދަ ކުޑަކުޑަ ވަގުތުކޮޅެކޭ. އެކަމަކު އެއީ ހޫރް ފެނުނު ފަހުން ފުރަތަމަ ފަހަރަށް އަމިއްލައަށް އަހަރެންގެ ވާހަކަތައް އަޑު އަހާލަން އޭނާ މަޑުކުރި މަޑުކުރުމެއް. ކަންބޮޑުވުމެއް ހާސްކަމެއްނެތި... ނޫން. އޭނާ ހުރީ ޖެހިލުންވެފަ. އެ އަސަރު އެ ދެ ލޮލުގައިވި. އެހެންވިޔަސް އެ ވަގުތުކޮޅު ދިގުލައިގެންދާން ހިތް ކިތަންމެހާ ވެސް އެދުނު. ތި އަޑު އަދިވެސް އަހާލާ ހިތްވަނީ. ފޯނު ނަންބަރު އޮތްނަމަ... އަވަސްތަ އެކަހަލަ ކަމަކަށް އެދެން. ބުނިއްޔާ ދޭނަންތަ." ޒެހެންގެ ހިތުގައި ހިނގަމުންދިޔައީ އެފަދަ ޝުއޫރުތަކެކެވެ.
މަޑުމަޑުން ދަރިފުޅު އުފުލާލައި އުނގަށް އެރުވުމަށްފަހު ހޫރައިން އެކުއްޖާގެ ގައިގާ ބައްދާލިއެވެ. ބޮލުގައި ބޮސްދިނެވެ. އޯގާތެރިކަމާއެކު އެކުއްޖާގެ ގައިގާ ފިރުމާލަމުން އޭނާ ވާހަކަދެއްކިއެވެ.
"ޔޫކް ހަނދާންވޭތަ ކާމޭޒުމަތިން ތަށި ނަގަން އުޅުނު ދުވަހެއްގަ ވެއްޓި ތަޅައިގެން ދިޔައެއްނު. ދަރިފުޅު އިނގިލި ކަނޑައިގެން ގޮސްގެން އެ ދުވަހު ވަރަށް ރޮވުނު. މަންމިއާއި މާމައާ ކިހާ ދެރަވެފަ ތިބީ. އަވަހަށް ބޭސް އެޅީމެންނު ދޯ."
"ބައިވަރު ލޭ އައި. ތަދުވީމަ ޔޫކްއަށް ރޮވޭނެއެއްނު." ޔޫކް ބުނެލިއެވެ.
"އެ ދުވަހު އެއީ ކިހާ ކުޑަކުޑަ ބިއްލޫރިކޮޅެއް ދޯ. ކިހާ ތަދުވި... އެނގޭތަ... މަންމި ސްކޫލުގަ އެކަހަލަ އެކްސިޑެންޓެއް ހިނގީ. އެކަމަކު އެއީ ބޮޑުބޮޑު ބިއްލޫރިގަނޑެއް. ޔޫކަށްވުރެ ވެސް ބޮޑު. ކުދީންތަކެއް އުފުލަނިކޮށް އެ ތަޅައިގެންދިޔައީ. ވެއްޓެން އައި ބިއްލޫރިގަނޑު މަންމިގެ ގަޔަށް ހެރެން އުޅުނީ. މަންމަ ޕްރޮޓެކްޓް ކުރީ ކޮންކުއްޖެއްކަން އެނގޭތަ. ޔޫކް ދުށީމެންނު އެކުއްޖާގެ އަތުގައި ބޭސް އަޅާފައި އޮތްތަން. އެއީ އެހެންވެގެން. އެކުއްޖާ މަންމި ސަލާމަތްކުރަން ބިއްލޫރިގަނޑުގަ ޖެހީ. ބޮޑުކޮށް ކަފައިގެން ގޮސް ބައިވަރުލޭ އައި. މަންމި ވަރަށް ބިރުގަތް. އެ ދުވަހު ޔޫކްއަށް އައްދޮވެގެން މަންމަ ކިހާ ދެރަވެގެން އުޅުނީ. އެކުއްޖާ މަންމައަށް ވެސް ކިހާ ރޮވޭނެ. އެވެސް ކޮންމެވެސް މަންމައެއްގެ ދަރިފުޅެއްނު. އެއީ ވަރަށް ހިތްވަރުގަދަ ކުއްޖެއް. އެހެންކުދީންނަށް އެގޮތަށް އެހީވާނީ ރަނގަޅު ކުދީން. ހެޔޮކަންތައް ކުރާ ކުދީންދެކެ ﷲ ވަރަށް ލޯބިވާކަން ދަރިފުޅަށް އެނގެއެއްނު. އޭނާ މަންމި ސަލާމަތްކޮށްދިނީމަ އެކުރީ ކިހާ ރަނގަޅުކަމެއް. އެކަހަލަ ކުއްޖަކަށް ގޯސްކުއްޖެކޭ ބުނާކަށް ނުވާނެއެއްނު" ހޫރައިންގެ ވާހަކައާ މެދު ވިސްނާ ފަދައިން ޔޫކް ހިމޭންވެފައި އިނެވެ. ދެން އިސްއުފުލައި ހޫރައިންގެ މޫނަށް އެކުއްޖާ ބަލާލިއެވެ. ވަރަށް ވިސްނާފައި އެކުއްޖާ ވާހަކަދެއްކިއެވެ.
"އެކުއްޖާ މަންމި ކައިރީ ބުނޭ ޗޮކުލެޓު ކާލީމާ ފަސޭހަވާނޭ. ޔޫކް ޗޮކުލެޓު ކާލީމަ ތަދުނުވޭ. ފަހުން ލޭ ވެސް ނާދެއެއްނު. އަވަހަށް އިނގިލި ފަސޭހަވީ. މަންމި ބުނައްޗޭ އެކުއްޖާގެ މަންމި ކައިރީ."
"އެކުއްޖާ މަންމައާ ބައްދަލުވެއްޖެއްޔާ ބުނާނަން އިނގޭ." ދަރިފުޅުގެ ވާހަކައިން ހޫރައިންގެ ހިތަށް ފިނިކަން ލިބުނެވެ. ހަމައެއާއެކު ހިނި ވެސް އައެވެ. އެ ދަރިފުޅު އެ ދެއްކީ ސުމައްޔާ ކިޔާފައި ހުރި ވާހަކަތަކެވެ. އެ ދުވަހު ޔޫކަށް ވަރަށް ރޮވުނީތީ އެކުއްޖާގެ ރުއިން ހުއްޓާލުމަށް ސުމައްޔާ ގޭދޮށު ފިހާރައިން ގަނެގެން އައީ "ކިންޑާ ޖޯއި" ޗޮކުލެޓެކެވެ. އެ ކާލީމާ މުޅީން ފަސޭހަވާނޭ މަންމަ ބުނެލީ ޔޫކްގެ ހިތް ރުއްސާށެވެ. ހަގީގަތުގައި އެ ދުވަހު ކަނޑައިގެންދިޔައީ ކުޑަކުޑަ ތަންފުކެކެވެ. ލޭކުލަ ފާޅުވެލީތީ ޔޫކް ބިރުގަތީއެވެ. އެހެންވިޔަސް އެކުއްޖާގެ ނަޒަރު އެއީ ބޮޑުކަމެކެވެ. ދަރީން ކުޑައެއްކަމަކު އެކުދީން ކައިރީ ދެއްކާ ވާހަކައާ މެދު ސަމާލުވާން ޖެހޭކަން ހޫރައިންއަށް ވިސްނާލެވުނެވެ. އެކުދީންގެ ހަނދާން ގަދައެވެ. މައިންބަފައިން ދަރީން ކުޑައިރު ރަނގަޅު މަގަށް ހާނަން ފަށަންޖެހެނީ އެހެންވެއެވެ. ކަންކަން ދަސްކުރަން ފަށަނީ އެ އުމުރުގައި ކަމަށްވީމައެވެ. ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކަށް ހީނުކުރާވަރަށް އެ ކުދީން ސަމާލުކަން ދެއެވެ. ދަރިފުޅު ކައިރީ ހޫރައިން ދޮގެއް ހަދަން ބޭނުންނުވީ އެހެންވެއެވެ. އެކުއްޖާގެ ޅަސިކުނޑިއަށް ވިސްނޭނޭހެން ކިޔާދެވޭނެ ގޮތެއް އޭނާ ޚިޔާރުކުރީއެވެ. ހަމައެއާއެކު ޒެހެންއާމެދު ޔޫކް ގޯސް ހީއެއް ކުރުން ރަނގަޅު ގޮތެއްކަމަށް ހޫރައިންއަށް ނުފެނުނީއެވެ.
އެކުވެރީންގެ ގުރޫޕުގައި ކޮންމެ ދުވަހަކުވެސް ޒެހެންގެ ހާލު ކޮންމެވެސް އެކަކު އަހާލައެވެ. ރަހުމާ އޭނާގެ ހާލު ބަލަން ގެއަށް އާދެއެވެ. އެކަމާ ޒެހެން އެހާ ގަޔާނުވިޔަސް ނާންނާށޭ ބުނަން އޭނާ ހުރީ ނުކެރިފައެވެ. ގިނަވަގުތު ގޭގައި ޒެހެން ހުންނަނީ އެކަނިވީމައެވެ. ރަހުމާއާއެކު ވަގުތުތަކެއް ހޭދަކުރާން ބޭނުންނުވަނީއެވެ. މައްސަލައަކަށްވަނީ އެކުވެރިކަމުގެ ސާފުގުޅުމަކަށްވުރެ އިތުރަށް ރަހުމާ ބޭނުންވާކަން ޒެހެންއަށް އެނގޭތީއެވެ.
ޝާފީއާއި ރަހީމާއެކު ރޭގަނޑު ކޮފީއަކަށް އަރާ ޒެހެން އިނެވެ. ހޫރައިންގެ ވާހަކަ އެކުވެރީންނާ ހިއްސާކުރުން ޒެހެން ހުއްޓާލިތާ ދުވަސްތަކެއް ވެއްޖެއެވެ. ރަހީމްގެ ވާހަކަތަކުން ހޫރައިންއަކީ އެމީހުންނާ އެއްފަންތިއެއްގަ ގުނޭނެ އަންހެންކުއްޖަކަށް ނުވެއެވެ. ދެން އިން ޝާފީއަށް ޒެހެންއާ އެންމެ ގުޅެނީ ރަހުމާއެވެ. ހޫރައިންއާ ގުޅިއްޖެނަމަ ޒެހެންގެ ދިރިއުޅުން ވަރަށް "ބޯރިންގ" ވާނޭ ކަމަށް ޝާފީއާއި ރަހީމު ވެސް ބުނެއެވެ. އެހެންވެ އެ ހިޔާލު ދޫކޮށްލަން އެ އެކުވެރީން އާދޭސްކުރެއެވެ.
"ޝާފީ އެޕްރޯޗް ކުރަންވީނު ރަހޫއަށް. އަހަރެން ނުދައްކާ ވަރަށް އޭނާގެ ވާހަކަ ޝާފީ ދައްކާ. އަނެއްކާ އޭނާ އުޅޭނޫޅޭ ގޮތް ބަލާ. އަސްލު ތީ ވެސް ހިތްކިޔުމުގެ ވައްތަރެއް. ޝާފީއަށް ރަހޫ ކަމުގޮސްގެން ތިއުޅެނީ. އަހަރެންގެ ވިސްނުމަކުނެތް ރަހޫއާ ގުޅުމެއް." ޒެހެން ބުންޏެވެ.
"އޭނާ ކިހާ ދުވަހެއް ޒެންއަށް އިންތިޒާރުކުރާތާ. ޒެން ނޫން ފިރިހެނެއް އޭނާއަކަށް ނުފެނޭ." ޝާފީ ބުންޏެވެ.
"އެއީ ތެދެއްތަ؟ ތި ދެމީހުން އެކަކުއަނެކަކަށް އެނގޭތާ 9 އަހަރުވެއްޖެތަ؟" ރަހީމަށް އެނގިފައި އޮތް އެއްޗެއް ޔަގީންކޮށްލަން އަހާލިއެވެ.
"ދޮންތަ ވެޑިންއިން ފުރަތަމަ މީޓުވީ. ރަހޫއަކީ ދޮންތަ ހަޒްބަންޑްގެ ދެބެންގެދެދަރި ކުއްޖެއް. އޭނާ އަމިއްލައަށް މާ ފްރެންޑްވީ. އަހަރެން ހޯދަން ވެސް އަންނަނީ. ކިރިޔާ އަށާރަ ފުރުނީ. އަހަރެން ކުޑަކޮށް ވެސް ރިލޭޝަންޝިޕަކާމެދު އޭރު ނުވިސްނަން. ނަސީބެއް ފުރަން ޖެހުނުކަން. 6 އަހަރު ފަހުން ދެން ފެނުނީ. ވަރަށް ބަދަލުވެފަ ހުރީ. އަހަރެން މާލެ އައި ޚަބަރު އިވިގެން ދޮންތަ ކައިރީ ބުނިކަމަށްވޭ މީޓުވާނެ ގޮތެއް ހަދައިދޭން. އަހަރެން ޒައިއާ ރައްޓެހިވީމަ އޭނާ ކިރިޔާ ވެސް މައިތިރިވީ. ދެން އިވުނީ އޮފީހުން ކެނޑުނު ޚަބަރު. ލެކްޗަރަރ އަކަށް ވެއްޖެކަން. އެހެންވީމަ ދިމާވީތާ ވިހި އަހަރުވިޔަސް ދެމީހުން އެނގެޔޭ ބުނެވޭކަށް ނޯންނާނެ ދޯ." ޒެހެން ބުންޏެވެ.
"އެކަމަކު އެމަންޖެ ހާދަ ދިގު އިންތިޒާރެކޭ އެކުރަނީ. ހުތުރެއް ވެސް ނޫން. ކައިރީގަ ހުންނައިރު ޝާފީ ބުނާހެން ކަލޭމެން ވަރަށް ގުޅޭ. ލައިފް ވެސް އެކްސައިޓިން ވާނެހެން ހީވޭ." ރަހީމް ވެސް ބުރަވީ ޝާފީގެ ކޮޅަށެވެ. ޒެހެން ހަމައެކަނި ހިނިތުންވެލީއެވެ.
ޗުއްޓީ ނިންމާފައި ޒެހެން ޔުނިވަރސީޓިއަށް ނުކުންނަން ފެށިއެވެ. އަތުގައި އޮތް ބޭސްގަނޑު އޭނާގެ އަތްދިގު ގަމީހުގެ ސަބަބުން ފޮރުވިފައި ވެއެވެ. ކުލާހެއް ނަގާދީ ނިންމާފައި ޒެހެން ފޯނުން ތާވަލު ބަލާލިއެވެ. ހަފްތާގެ އެންމެ ގިނަ ކުލާސް ނަގައިދޭން ޖެހޭ ދުވަހެވެ. ހެނދުނުހެނދުނާ ހޫރައިން ދުށުމުގެ ނަސީބު މިކަހަލަ ދުވަހެއްގައި އޭނާއަށް ނުލިބެއެވެ. ނަމަވެސް ހޫރައިން ގެއަށް ގޮސްފައި އަންނަންވީ އިރު ޒެހެންއަށް ހުސްވަގުތެއް ލިބިއްޖެއެވެ.
ޓީޗަރުން ތިބި ބަޔަށް ވަދެ ރަހުމާ ހޯދާލިއެވެ. އޭނާ ވެސް އެ އައީ ކުލާހެއް ނިންމާފައެވެ. މޭޒުދޮށުގައި އިން ރަހީމު އޭނާއަށް ގޮވާލިއެވެ. ތި ހޯދާ މީހާ ކުލާސް ނިންމާފައި ނާދެޔޭ ރަހީމު ބުނެލިއެވެ. ރަކި ހިނިތުންވުމެއް ރަހީމާ ބަދަލުކޮށްލުމާއެކު ރަހުމާ ނުކުތެވެ. ޒެހެންގެ ނަންބަރަށް ގުޅަމުން ޔުނިވަރސިޓީގެ ގޯތިތެރެ ފެންނަން ހުރި ސަރައްކާލީގެ ފާރުބުރި ކައިރީ މަޑުކޮށްލިއެވެ.
"ޒެހެން... ކޮންތާކަށް އެ ދަނީ. އޭނާގެ ފަހަތުން..." ރަހުމާގެ ލޮލަށް ފެނުނު މަންޒަރު ގަބޫލުކުރަން ފަސޭހައެއް ނުވިއެވެ. އޭނާ ދުވެލާފައި އައިސް ލިފްޓުގު ފިތައް އޮބާލިއެވެ. އޭރު ވެސް ކަންފަތުގައި ފޯނު ހުރީ ޖައްސާލައިގެންނެވެ. ކޯލު ރިންގި ވެސް ވިއެވެ. ނަމަވެސް ޒެހެން ފޯނުކޯލު ކަނޑާލީއެވެ. އިތުރު ހައިރާންކަމާއެކު ރަހުމާއަށް ފޯނަށް ބަލާލެވުނެވެ.
"އެއީ ކާކު؟. ޒެން ބުނި ނުދަންނަމޭ..." ހުޅުވުނު ލިފްޓުގެ ތެރެއަށް އަރާ ހުރިއިރު ރަހުމާގެ ހިތުގައި އެތައް ސުވާލެއް އުފެއްދެމުންދިޔައެވެ. (ނުނިމޭ)