އެމްއޭސީއެލް

އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ ސިމިއުލޭޓަރު ހުޅުވައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާާޕޯޓުގައި ގާއިމްކުރި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ ސިމިއުލޭޓަރު ހުޅުވައިފި އެވެ.

މިއީ ރާއްޖޭގައި މިފަދަ ސިމިއުލޭޓަރެއް ގާއިމުކުރި ފުރަތަމަ ފަހަރެވެ.

މިއަދު ވީއައިއޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ސިމިއުލޭޓަރު ހުޅުވައިދެއްވީ ވީއައިއޭ ހިންގުމާ މިވަގުތު ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ ޗީފް އޮފިސަރު އިބްރާހިމް ތޯހާ އެވެ.

މިއަދު ރަސްމީކޮށް ހުޅުވި ސިމިއުލޭޓަރާއެކު އެއާޕޯޓް ޓަވަރުގައި މަސައްކަތް ކުރާ އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީން ކުރެވޭނެ އެވެ. އެގޮތުން އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ގާބިލްކަން ހިފެހެއްޓުމަށްޓަކައި ދޭ ތަމްރީންތައް ވެސް މިތަނުގައި ކުރިއަށް ގެންދެވޭނެ އެެވެ.

ސިމިއުލޭޓަރު ބޭނުންކޮށްގެން އެއާޕޯޓުން ފުރާ އަދި ޖައްސާ އެއާ ކްރާފްޓްތަކުގެ ޓްރެފިކް ބެލެހެއްޓުން ފަދަ ކަންކަމާ ގުޅޭ ތަމްރީންތައް ދެވޭނެ އެވެ.

ރާއްޖޭގައި ހިންގާ އެއާޕޯޓްތަކުގެ އެއާ ޓްރެފިކް ކޮންޓްރޯލަރުން އެމްއޭސީއެލްގެ ސިމިއުލޭޓަރު ބޭނުންކޮށްގެން ތަމްރީން ކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.

އެމްއޭސީއެލްއިން ބުނީ މީގެ ކުރިން އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީން ކުރަމުން ގެންދިޔައީ މެލޭޝިއާ، ސިންގަޕޫރު ފަދަ ގައުމުތަކުގައި ކަމަށާއި އަދި އެކަމަށް ބޮޑު ހޭދައެއް ކުރަން ޖެހުނު ކަމަށެވެ.

ސިމިއުލޭޓަރާއެކު އަންނަ ޖެނުއަރީގައި މީހުން ތަމްރީންކުރަން ފެށުމަށްވެސް އެމްއޭސީއެލް އިން ދަނީ ތައްޔާރުވަމުންނެވެ. ތަމްރީންތައް ކުރިއަށް ގެންދާނީ ބޭރުގެ ޕްރޮފެޝަނަލް އިންސްޓްރަކްޓަރުންގެ އިރުޝާދުގެ ދަށުންނެވެ. އަދި މެލޭޝިއާ، ސިންގަޕޫރާ އެއްފެންވަރެއްގައި ތަމްރީން ދިނުމަށް ޕްލޭންކޮށްފައިވެ އެވެ. އަދި ވަގުތުން ވަގުތަށް 22 ސްޓާފުން ތަމްރީން ކުރަން ޖެހޭ ކަމަށާއި މި ތަމްރީންތައް ކުރިއަށް ގެންދާނީ ހަަތަރު ބެޗަށް ބަހާލައިގެން ކަމަށްވެސް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.

ސިމިއުލޭޓަރު ގާއިމްކުރުމުގެ މަަސައްކަތް އެމްްއޭސީއެލްއިން ފެށީ 2019 ވަނަ އަހަރު އެވެ. ކޮވިޑާ ގުޅިގެން މި މަޝްރޫއު އޮތީ ކުރިން މަޑުޖެހިފަ އެވެ. މި މަޝްރޫއަށް 260،000 ޑޮލަރު ގާތްގަނޑަކަށް ހަތަރު މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި މެއިންޓަނަންސްއާ ސަޕޯޓް ސާވިސް ފަދަ އެހެނިހެން ހަރަދުތަކަށް އަހަރަކު 30،000 ޑޮލަރު ނުވަތަ 462،600 ރުފިޔާ ހޭދަކުރަން ޖެހެ އެވެ.

ސިމިއުލޭޓަރެއްގެ ގޮތުގައި އެމްއޭސީއެލް އިން ބޭނުންކުރަނީ އިނގިރޭސިިވިލާތުގެ ކުންފުނި މައިކްރޯ ނެވް ކުންފުނީގެ ސިސްޓަމަކެވެ.