ގައުމީ ޔުނިވާސިޓީ

މޯލްޑިވިއަންގެ އޭވިއޭޝަން އެކަޑެމީ ހުޅުވައިފި

Dec 28, 2021

ޕައިލެޓުން ތަމްރީނު ކުރުމަށް އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ހަދާފައިވާ މޯލްޑިވިއަންގެ އޭވިއޭޝަން އެކަޑެމީ ރަސްމީކޮށް ހުޅުވައިފި އެވެ.

އެމްއެންޔޫގެ މައި އޮޑިޓޯރިއަމްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކަޑެމީ ހުޅުއްވައިދެއްވީ ނައިބް ރައީސް ފައިސަލް ނަސީމް އެވެ.

މިރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ ފްލައިން ސްކޫލަށް މިވަގުތު ގެނައުމަށް ނިންމާފައިވާ މަލްޓި އިންޖީނު އެއް އެއާ ކްރާފްޓާއި ސިންގަލް އިންޖީނުގެ ތިން އެއާ ކްރާފްޓް ރާއްޖެ ގެނައުމަށްޓަކައި ޝިޕް ކޮށްފައިވާ ކަމަށެވެ. ޕައިލެޓް ޓްރެއިނިންގެ އިތުރުން އޭވިއޭޝަން ދާއިރާގެ ތަފާތު ޓްރެއިނިންތައް މުސްތަގުބަލްގައި ހިންގާނެ ކަމަށްވެސް ވިދާޅުވި އެެވެ.

ނައިބް ރައީސް ފައިސަލް ވިދާޅުވީ ރާއްޖޭގައި މީހުން ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އޭވިއޭޝަންގެ ދާއިރާ އަކީ އެންމެ މުހިއްމު އެއް ދާއިރާ ކަމަށެވެ. ރާއްޖޭގައި މިވަގުތު ވެސް ގިނަ އެއާޕޯޓްތަކެއް ހުރި އިރު އެ ދާއިރާއަށް ތަމްރީން ވެފައި ތިބި ދިވެހިން ތިބުން މުހިއްމު ކަމުގައިވެސް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާއާއި އައިއޭއެސް އަދި އެމްއެންޔޫގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްއެންޔޫއާއި އައިއޭއެސް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ އިން ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ފްލައިން ސްކޫލު ހިންގުމަށް ވެސް މިހާރު ވަނީ އެއްބަސްވެފަ އެވެ. އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

އައިލެންޑް އޭވިއޭޝަން ސާވިސްއާއި އެމްއެންޔޫއާ ގުޅިގެން އުފެއްދި ކުންފުނިން ހަދާފައިވާ ފްލައިން ސްކޫލު ހިންގުމަށް ޗެކް ރިޕަބްލިކްގެ "ފްލައިން އެކަޑަމީއާ" ވަނީ ހަވާލުކޮށްފަ އެވެ. ފްލައިން އެކަޑަމީ އަކީ ފްލައިން ސްކްލޫތައް ހިންގުމުގައި މުޅި ޔޫރަޕްގައި ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުންޏެވެ.

ފްލައިން ސްކޫލުގެ ދަރިވަރުންގެ އިންހައުސް ކްލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އައްޑޫގައި ހުންނަ އެމްއެންޔޫގެ ކެމްޕަސް ގައެވެ.

ފްލައިން ސްކޫލުގެ ކިޔެވުން ފެށުމަށް ތައްޔާރުވަމުންދާއިރު އެ ސްކޫލަށް ކުދިން ވެއްދުމުގައި އެކި ސަބަބުތަކާ ހެދި ޕައިލެޓް ޓްރޭނިން މެދުކެނޑިފައިވާ ދަރިވަރުންނަށް އިސްކަންދޭ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ. އަދި ޕައިލެޓުން ތަމްރީނުކުރުމުގެ އިތުރުން އޭވިއޭޝަން ދާއިރާގެ އެހެނިހެން ތަމްރީންތައްވެސް ސްކޫލުގައި ހިންގުމަށް ނިންމާފައިވެ އެވެ. އަހަރަކު 80 ކުދިންނަށް ޖާގަ ދޭން ނިންމާފައިވާ ފްލައިން ސްކޫލުގެ ފުރަތަމަ ބެޗުގައި 30 ދަރިވަރުންނަށް ޖާގަ ދޭނެ އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މިދިޔަ 12 އަހަރު ފްލައިން ސްކޫލު ހިންގީ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) އިންނެވެ. ނަމަވެސް ތަފާތު އެތައް މައްސަލަތަކެއް ދިމާވުމުން މިދިޔަ ޖުލައި 31 ވަނަ ދުވަހު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ސަރުކާރުން ވަނީ އޭއޭއޭ އާއި އެކު ހަދާފައިވާ އެއްބަސްވުން އާނުކުރަން ނިންމާފަ އެވެ.