ޕައިލެޓުން ތަމްރީނު ކުރުމަށް އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ހަދާފައިވާ މޯލްޑިވިއަންގެ އޭވިއޭޝަން އެކަޑެމީގައި މިއަދު ކިޔަވައިދޭން ފަށައިފި އެވެ.
ފްލައިން ސްކޫލުގެ ރިފްރެޝާ ޕްރޮގްރާމުގެ ފުރަތަމަ ބެޗްގެ ކިޔެވުން 35 ދަރިވަރުންނާ އެކު ކުރިއަށް ގެންދަނީ އޮންލައިން ކޮށެވެ.
މި ޕްރޮގްރާމުގައި 150 ގަޑިއިރުގެ ތިއަރީ ކްލާހާއި 10 ގަޑިއިރުގެ ފްލައިން ކުރިއަށް ގެންދާނެ އެވެ. ތިއަރީ ކްލާސްތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް މެންފުރު ފަހު 1:00 އިން އިރުއޮއްސި 6:00 އަށެވެ.
ފްލައިންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ރިފްރެޝާ ޕްރޮގްރާމުގައި ދަރިވަރުންގެ ފެންވަރު ބަލައި ވަޒަން ކުރުމަށްފަހު އެވެ.
މޯލްޑިވިއަންގެ އޭވިއޭޝަން އެކަޑެމީގެ ނަމުގައި ހަދާފައިވާ ފްލައިން ސްކޫލު ރަސްމީކޮށް އިފްތިތާހުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.
އައިއޭއެސް އާއި އެމްއެންޔޫ ގުޅިގެން އުފެއްދި ކުންފުނިން ހަދާފައިވާ ފްލައިން ސްކޫލު ހިންގުމަށް ޗެކް ރިޕަބްލިކްގެ "ފްލައިން އެކަޑަމީއާ" ވަނީ ހަވާލުކޮށްފަ އެވެ. ފްލައިން އެކަޑަމީ އަކީ ފްލައިން ސްކްލޫތައް ހިންގުމުގައި މުޅި ޔޫރަޕްގައި ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުންޏެވެ.
ފްލައިން ސްކޫލުގެ ދަރިވަރުންގެ އިންހައުސް ކްލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އައްޑޫގައި ހުންނަ އެމްއެންޔޫގެ ކެމްޕަސް ގައެވެ. ފްލައިން ސްކޫލު ހިންގާނީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ގަމުގަ އެވެ.
ފްލައިން ސްކޫލުގެ ކިޔެވުން ފެށިއިރު އެ ސްކޫލަށް ކުދިން ވެއްދުމުގައި އެކި ސަބަބުތަކާ ހެދި ޕައިލެޓް ޓްރޭނިން މެދުކެނޑިފައިވާ ދަރިވަރުންނަށް އިސްކަންދީފައިވެ އެވެ. އަދި ޕައިލެޓުން ތަމްރީނުކުރުމުގެ އިތުރުން އޭވިއޭޝަން ދާއިރާގެ އެހެނިހެން ތަމްރީންތައްވެސް ސްކޫލުގައި ހިންގުމަށް ނިންމާފައިވެ އެވެ. ފްލައިން ސްކޫލުގައި އަހަރަކު 80 ކުދިންނަށް ޖާގަ ދޭން ނިންމާފައިވެ އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މިދިޔަ 12 އަހަރު ފްލައިން ސްކޫލު ހިންގީ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) އިންނެވެ. ނަމަވެސް ތަފާތު އެތައް މައްސަލަތަކެއް ދިމާވުމުން މިދިޔަ ޖުލައި 31 ވަނަ ދުވަހު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ސަރުކާރުން ވަނީ އޭއޭއޭ އާއި އެކު ހަދާފައިވާ އެއްބަސްވުން އާނުކުރަން ނިންމާފަ އެވެ.