ފައިސަލް ނަސީމް

ލިޔުންތެރިކަން ކުރިއަރުވަން މަސައްކަތްތަކެއް ފަށަނީ

ލިޔުންތެރިކަން ފުޅާދާއިރާއެއްގައި ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރިއަށް އޮތް ތަނުގައި ކުރާނެ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ޔުނިވަސިޓީ ބުކް ރައިޓިން ގްރާންޓް"ގެ ދަށުން ފޮތެއް ނެރުމަށް މިއަދު މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)ގައި ބޭއްވި ރަސްމިއްޔާތެއް ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބް ރައީސްގެ ވާހަކަފުޅުގައި ވަނީ މުޖުތަމައެއް ބިނާކުރުމަށް ލިޔުންތެރިންގެ ދައުރުގެ މުހިއްމުކަން ފާހަގަކުރައްވާފަ އެވެ. އަދި ލިޔުންތެރިކަން ފުޅާދާއިރާއެއްގައި ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރިއަށް އޮތް ތަނުގައި ކުރާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ފައިސަލް ވިދާޅުވީ ލިޔުންތެރިކަމަކީ އެބައެއްގެ އިލްމީ މުއްސަނދިކަން ފެތުރުމަށްޓަކައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ދާއިރާއެއް ކަމަށެވެ. އަދި އެދާއިރާއިން ފުރުސަތު ފަހިކޮށްދިނުމަށް އެމްއެންޔޫ އިން "ޔުނިވަސިޓީ ބުކް ރައިޓިން ގްރާންޓް" ފެށިކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

ނައިބް ރައީސްގެ ވާހަކަފުޅުގައި ވަނީ ވާހަކަ ދައްކާއިރު ދިވެހި ބަސް އޭގެ ރަނގަޅު ގޮތުގައި ބޭނުންކުރުމަށްވެސް ބާރުއަޅުއްވާފަ އެވެ. އަދި އެބައެއްގެ މާދަރީ ބަހަކީ އެބައެއްގެ އަސްލު އަންގައިދޭ ސިފައެއްކަން ފާހަގަކުރައްވައި ދިވެހި ބަސް ކުރިއެރުވުމަށް މަސައްކަތްކުރުމަށް އެދިވަޑައިގެންނެވި އެވެ.

"ޔުނިވަސިޓީ ބުކް ރައިޓިން ގްރާންޓް"ގެ ދަށުން މި އަހަރު ތިން ލިޔުންތެރިން ވަނީ ފޮތް ނެރެފަ އެވެ.

މި ރަސްމިއްޔާތަށްފަހު ފައިސަލް ވަނީ "އެމްއެންޔޫ ފޮތް މައުރަޒު" ހުޅުއްވައިދެއްވާ މައުރަޒު ބައްލައްވާލައްވާފަ އެވެ.

މައުރަޒު ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޔުނިވަސިޓީގެ މައި މަރުކަޒުގައެވެ.

ގައުމީ ޔުނިވަސިޓީން ބާއްވާ ފޮތް މައުރަޒަކީ ފޮތް އުފައްދާ މީހުންނާއި ވިއްކާ މީހުންނާއި ގަންނަ މީހުންގެ ބާޒާރެކެވެ. މި މައުރަޒަކީ ދިވެހި ލިޔުންތެރީން ތަފާތު ބަސްތަކުން ލިޔެފައިވާ ފޮތްތައް ކިޔުންތެރީންނާ ހަމައަށް ފޯރުކޮށްދޭން ހުޅުވާލާފައިވާ ފުރުސަތެކެވެ.. މި އަހަރު 23 ފަރާތަކުން މި މައުރަޒުގައި ބައިވެރިވެފަ އެވެ.