ހުޅުމާލޭގެ ބިމަކީ މާލޭ ސިޓީ ކައުންސިލްގެ މިލްކުވެރިކަން އޮތް ތަނެއް ނޫން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީން މިހެން ބުނެފައި މިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ގޮތުގައި ހިއްކާފައިވާ ބިމުން 60 ގޯތި ވިއްކުމަށް އެޗްޑީސީން ނިންމުމުން އެއީ ލާމަރުކަޒީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނުމާ ގުޅިގެންނެވެ.
އެޗްޑީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލެ އަކީ މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގައި އޮތް ތަނެއް ކަމަށްވީ ނަމަވެސް އެތަނުގެ ބިމަކީ ކައުންސިލްގެ ބާރު ހިނގާ ތަނެއް ނޫން ކަން ލާމަރުކަޒީ ގާނޫނުގެ 2-56 (ށ) އިން އެނގޭ ކަމަށެވެ.
އެޗްޑީސީ އަކީ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީ ވެފައިވާ، އުފުލޭ މުދަލާއި ނުއުފުލޭ މުދާ ގާނޫނު ހުއްދަކުރާ ގޮތުގެ މަތިން ހޯދުމާއި ލިބިގަތުމާއި ދެމިގެންވާ ގޮތަށް މުދާ ލިބިގަތުމުގެ ގާނޫނީ ހައްގު ލިބިދީފައިވާ ވަކި ގާނޫނީ ޝަހުސެއް ކަން ސިޓީ ކައުންސިލަށް ހަނދާންވެސް ކޮށްދީފައިވެ އެވެ. އެހެންކަމުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ވިއްކުމުގެ ފުރިހަމަ އިހުތިޔާރު އެ ކުންފުންޏަށް ލިބިގެންވާ ކަމަށްވެސް ބުނެފައިވެ އެވެ.
"އެހެންކަމުން ދިވެހިރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން މި ކުންފުންޏަށް ލިބިފައިވާ ގާނޫނީ ހައްގަކަށް އުނިކަން އަންނާނެ އަދި އިންވެސްޓަރުންގެ މެދުގައާއި އާންމު ފަރުދުންގެ މެދުގައި މި ކުންފުނީގެ އިތުބާރު ގެއްލޭ ގޮތަށް މާލޭ ސިޓީ ކައުންސިލުން ނެރެފައިވާ ބަޔާނަކީ އޭގައި ހަގީގަތާއި ހިލާފު އޮޅުވާލުންތަކެއް ހިމެނޭ ބަޔާނަކަށްވާތީ އެކަން މިކޯޕަރޭޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" ބަޔާނުގައިވެ އެވެ.
އެޗްޑީސީން އިތުރަށް ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކުމަކީ އެ ކުންފުނިން ކުރާ ގާނޫނާ ހިލާފު ކަމެއް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެމަކީ އެ ކުންފުނިން މާލޭ ސިޓީ ކައުންސިލާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އާއި ގުޅިގެން ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބަޔާންކޮށްފައިވާ ކަންކަމާއި ހިލާފު ބަޔާނެއް ކަމަށެވެ. އެޗްޑީސީގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ތަކުރާރުކޮށް ބަޔާން ނެރުމާއި ކުންފުންޏަށް ގެއްލުންވާ ގޮތަށް އަމަލުނުކުރުމަށް ވެސް އެޗްޑީސީން ވަނީ އިލްތިމާސް ކޮށްފަ އެވެ.