ބޮލީވުޑްގެ އެންމެ ފުރަތަމަ ސުޕަސްޓާ ރާޖޭޝް ކަންނާ އުފަންވީތާ 79 އަހަރު ފުރުނު ދުވަހާ ދިމާކޮށް އޭނާގެ ބައޮޕިކް އެއް އިއުލާން ކޮށްފި އެވެ. މި ފިލްމު އިއުލާން ކުރީ ޕްރޮޑިއުސަރު ނިކިލް ދިވޭދީ އެވެ.
މި ފިލްމު ބިނާކޮށްފައިވަނީ ރާޖޭޝް ކަންނާގެ ހަޔާތުގެ މައްޗަށް ގޯތަމް ޗިންޓަމާނީ ލިޔެފައިވާ ބެސްޓްސެލާ "ޑާކް ސްޓާ: ދަ ލޯންލިނަސް އޮފް ބީން ރާޖޭޝް ކަންނާ" އެވެ.
ބައޮޕިކްއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ނިކިލް ބުނީ އެ ފޮތުގެ ކޮޕީރައިޓް ގަނެފައިވާ ކަމަށާއި ވަރަށް އަވަހަށް ފިލްމު އުފެއްދުމުގެ މަސައްކަތް ފަށަން ގަސްތުކުރާ ކަމަށެވެ. އަދި ފިލްމު ޑައިރެކްޓަރަށް ފަރާ ޚާން ހަމަޖެއްސުމަށް އޭނާއާ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
ފަރާ ބުނި ގޮތުގައި ގޯތަމް ލިޔެފައިވާ ރާޖޭޝް ކަންނާ ބައޮޕިކް އޭނާ ވެސް ވަނީ ކިޔާފަ އެވެ. އަދި އެއީ ވަރަށް ހިތްގައިމު ފޮތެކެވެ. އަދި ފިލްމަކަށް ހަދާލަން ވަރަށް ޝައުގުވެރިވާ ކަހަލަ ވާހަކަ އެކެވެ. ނަމަވެސް މި ފިލްމާ ގުޅޭ ގޮތުން އިތުރު އެއްޗެއް މި ވަގުތު އަދި ބުނަން ބޭނުން ނުވާ ކަމަށް ފަރާ ބުންޏެވެ.
ރާޖޭޝް ކަންނާގެ ފިލްމީ ދަތުރަކީ ނަމޫނާ ދަތުރެކެވެ. އޭނާ 1969-1971 އާ ދެމެދު ކުޅުނު 17 ފިލްމެއް ވިދިވިދިގެން ސުޕަހިޓް ވެފައި ވެއެވެ. މީގެ ތެރެއިން 15 ފިލްމަކީ އޭނާ އެކަނި ލީޑް ރޯލު ކުޅުނު ފިލްމުތަކެވެ.
ރާޖޭޝް ކަންނާއާ ހެދި އެ ޒަމާނުގައި މީހުން ތިބީ މޮޔަވާ ވަރަށް ލޯބި ވެފަ އެވެ. ބައެއް މީހުން އެމީހުންގެ ލެއިން އޭނާއަށް ލޯބީގެ ސިޓީތައް ފޮނުވާފައި ވެއެވެ. އަނެއް ބަޔަކު އޭނާގެ ފޮޓޮއާ ކައިވެނި ކޮށްފައި ވެއެވެ. އަދި 1973ގެ މާޗްގައި ޑިމްޕަލް ކަޕާޑިއާއާ ރާޖޭޝް ކަންނާ ކައިވެނި ކުރުމުން އެކަމުގެ ހިތާމަ ގިނަ ބަޔަކު ކުރި އެވެ.
ކެންސަރު ބަލީގައި ރާޖޭޝް ކަންނާ މި ދުނިޔެ ދޫކުރީ 2012 ގައެވެ.
ރާޖޭޝް ކަންނާގެ ފިލްމީ ހަޔާތާ އެއްވަރަށް އޭނާގެ ލޯބީގެ ހަޔާތް ވެސް ކުލަ ގަދަ އެވެ. ވީމާ އޭނާގެ ބައޮޕިކް އެއް ފިލްމަކަށް ހަދައިފިނަމަ ވަރަށް ރީތިވާނެކަމަށް ގަބޫލު ކުރެވެ އެވެ.