އިނގިރޭސި ޕްރިމިއާލީގުގެ މެންޗެސްޓަ ސިޓީން ވިދާލި ސްޕެއިންގެ ފެރަން ޓޮރެސް ބާސެލޯނާ އަށް ބަދަލުވެއްޖެ އެވެ.
ފެރަން ޓޮރެސް، ބާސާ އަށް ބަދަލުވިކަން ބާސާއިން އިއުލާން ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. ނަމަވެސް އޭނާގެ ފަޔަށް ލިބިފައިވާ އަނިޔާ އަކާއި ގުޅިގެން އަދި އެޓީމުގެ ސްކޮޑުގައި އޭނާ އަދި ހިމަނާފައެއް ނުވެ އެވެ.
ޓޮރެސް އޭނާގެ މެޑިކަލް ޓެސްޓުން ފާސްވެފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އެ ޓެސްޓުން ދައްކާ ގޮތުގައި އޭނާއަށް ލިބިފައިވާ އަނިޔާ އަންނަނީ ރަނގަޅުވަމުންނެވެ.
ފެރަން ޓޮރެސް، ބާސާއަށް ބަދަލުވެފައިވާ މިދަނޑިވަޅަކީ ބާސާގެ ކުރިއަށް ކުޅޭ ގިނަ ކުޅުންތެރިން ތަކެއް އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ތިބި ވަގުތެކެވެ. އެގޮތުން އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރޭގައި އަނޫސް ފަޓީ، ޕެޑްރީ، ސާޖީ ރޮބާޓޯ އަދި ޑިޕޭ ވެސް ހިމެނެ އެވެ.
ބާސެލޯނާގެ އެންމެ ތަޖުރިބާކާރު ފޯވާޑް އަދި ކެޕްޓަން ސާޖިއޯ ބުސްކެޓްސް ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން އޭނާ ވެސް މިވަގުތު ހުރީ ޓީމާ ދުރުގަ އެވެ. މިކަންކަމުގެ ސަބަބުން ބާސެލޯނާގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވެ މިވަގުތު އެ ޓީމު އޮތީ ލަލީގާގެ 7 ވަނައިގަ އެވެ.
ބާސާ އިން ބުނީ ފެރަން ވަރަށް އަވަހަށް ޓީމުގެ ސްކޮޑުގައި ހިމެނި ކުޅެން ފަށާނެ ކަމަަށެވެ. އޭނާ ވަނީ އިއްޔެގެ ޕްރެކްޓިސް ސެޝަނުގައިވެސް ބައިވެރިވެފަ އެވެ. އަދި އަންނަ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު ރިއަލް މޮލޯކާ އާއި ދެކޮޅަށް ކުޅޭ މެޗުގައި ފެރަން ކުޅޭނެ ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.
އުމުރުން 21 އަހަރުގެ ފެރަން ބާސާއަށް ބަދަލުވެފައިވަނީ 55 މިލިއަން ޕައުންޑަށް ފަސް އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. ކުރިން އޭނާ ކުޅެމުން ދިޔަ މެންޗެސްޓަ ސިޓީން އޭނާ އަށް ދިނީ 46.7 މިލިއަން ޕައުންޑެވެ.
މިދިޔަ ފިނި މޫސުމުގެ ޓްރާސްފާގައި ބާސާއިން ވަނީ ސިޓީ އަށް ކުޅެމުން ދިޔަ އާޖެންޓީނާގެ ތަރި ސާޖިއޯ އެގުއޭރޯ ވެސް އެޓީމަށް ގެނެސްފަ އެވެ.