ރާއްޖޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑުވެފައިވާއިރު އެކަމުން ސިޔާސީ މަންފާ ހޯދަން ކަމުގެ ހަގީގަތް އޮޅުވާލައިގެން ބަޔަކު ވާހަކަ ދައްކަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ 23 ރަށެއްގައި ފެނާ ނަރުދަމާގެ މަސައްކަތް ހަވާލުކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ މުހިއްމު އަސާސީ ހިދުމަތްތައް ހޯދައިދިނުމަށްޓަކައި އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށެވެ.
އޭގެތެރެއިން ވެސް އެންމެ މުހިއްމު ކަމަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަކަން ނުވަތަ ގޯތިގެދޮރުގެ މައްސަލަ ކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ގޯތިގެދޮރުގެ މައްސަލަ ވަރަށް ބޮޑު ކަމެއްގެ ގޮތުގައި ދެކިގެން ރައްޔިތުން ވާހަކަ ދައްކާ ކަމަށެވެ. އެކަމަކު އޭގެތެރެއިން ވެސް ސިޔާސީ މަންފާ ހޯދުމަށް ގަސްދުގައި ކަން އޮތް ގޮތް ފިޔަވައި އެހެން ގޮތްގޮތަށް އެވާހަކަ ދައްކާ މީހުން އުޅޭ ކަމަށް ވެސް ވިދާޅުވި އެވެ.
"ސިޔާސީ އެކިއެކި ފައިދާ ހޯދުމަށް ކަނޑައެޅިގެން ކަން އޮތްގޮތް އެނގިގެން މިވާހަކަ ދައްކާ މީހުން އެބަ އުޅޭ. އަޅުގަނޑުމެން މި ހުރިހާ ވާހަކައެއް ވެސް އަޑުއަހަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން މާލޭގެ ރައްޔިތުންގެ ގޯތިގެދޮރުގެ މަސައްކަތްތަކަށް ހައްލެއް ހޯދައިދެއްވާނެ ކަމަށެވެ. އެގޮތުން މިހާރު ވެސް ހުޅުމާލޭގައި 5000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އަދި މާލޭގެ ރައްޔިތުންނަށް އެ ސަރަހައްދުން ގޯތި ދިނުމަށް ރާވާފައިވާ ކަމުގެ ޔަގީންކަން ދެއްވެވި އެވެ.
ރައީސް ވިދާޅުވީ މާލެ ސަރަހައްދުން މާލެ ރައްޔިތުންނަށް ގޯތީގެ ގޮތުގައި ދޫކުރާނީ އެންމެ 1000 ބިން ނޫން ކަމަށެވެ. މާލެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށް އޭގެ ހަތަރު ގުނައަށް ގޯތި ދޫކުރައްވާނެކަން ފާހަގަކުރައްވައި ވިދާޅުވީ، ގޯތި ދޫކުރާނީ ހުޅުމާލެއިންނާއި ގުޅިފަޅުން އެކަނި ނޫން ކަމަށެވެ. އެހެން ފަޅުތަކުން ވެސް ގޯތި ދޫކުރައްވާނެ ކަމަށެވެ.
މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައިގައި ރައީސް ވާހަކަދައްކަވާފައި މިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ގޯތި ވިއްކަން އެޗްޑީސީން ނިންމާފައިވާ މައްސަލަ ހޫނުވެފައި ވަނިކޮށެވެ. އެކަމަކު އެއީ އެ ކުންފުނީގެ އާމްދަނީ އިތުރުކުރަން ކުރާ ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާޑުކިޔައިފަ އެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިމުން މާލޭ ރައްޔިތުންނަށް ގޯތި ނުދީ ބިން ވިއްކަން މާލެ ސިޓީ ކައުންސިލުން ވެސް ވަނީ ދެކޮޅު ހަދާފަ އެވެ.