ލެސްޓަ ސިޓީ އަތުން ބަލިވުމުން ޕްރިމިއާ ލީގުގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު ލިވަޕޫލަށް ގެއްލިއްޖެ އެވެ.
ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް އަދި ލެސްޓަ ސިޓީ ވާދަކުރި މެޗް ނިމިގެން ދިޔައީ 1-0 ލެސްޓަ ސިޓީ މެޗު ކާމިޔާބު ކޮށްގެންނެވެ.
މި މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލު ޖަހާފައިވަނީ މެޗުގެ 59 ވަނަ މިނެޓުގައި ލެސްޓާގެ އަޑެމޮލާ ލުކްމަން އެވެ.
ލެސްޓާގެ ވިލްފްރެޑް ލިވަޕޫލްގެ މުހައްމަދު ސަލާހަށް ކުރި ފައުލަކާ ގުޅިގެން މެޗުގެ 16 ވަނަ މިނެޓުގައި ޕެނަލްޓީއެއް ވެސް ލިބިގެން ދިޔަ އެވެ. ނަމަވެސް ލެސްޓަ ސިޓީގެ ކީޕަރު ކެސްޕާ ޝްމައިކަލް ވަނީ ސަލާހު ފޮނުވާލި އެ ޕެނަލްޓީ ދިފާއު ކޮށްފަ އެވެ. ދިފާއު ކުރި ބޯޅަ ސަލާހުގެ ބޮލުން ދެވަނަ ފަހަރަށް ކުރިއަށް ފޮނުވާލި ނަމަވެސް އެ ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑި އަށެވެ.
ދެވަނަ ހާފު ފެށިގެން ގިނަ ވަގުތު ބޯޅަ ގެންގުޅެ ރަނގަޅު ހަމަލާތަކެއް ލިވަޕޫލުން އުފެއްދި ނަމަވެސް ގޯލެއް ކާމިޔާބު ކރެވޭ ގޮތް ވަނީ ނުވެފަ އެވެ.
ޓޭބަލްގައި ލިވަޕޫލް ދެވަނައިގައި އޮތީ ތިންވަނައިގައި އޮތް ޗެލްސީއާއި ޕޮއިންޓްގެ ގޮތުން ހަމަހަމަވި ނަމަވެސް ފައިދާ ގޯލް ގިނަވުމުންނެވެ. ނަމަވެސް މިރޭ ސިޓީ އަދި ޗެލްސީ މޮޅުވެއްޖެ ނަމަ ލިވަޕޫލް ޓޭބަލްގެ ތިންވަނަ އަށް ވެއްޓޭނެ އެވެ. އަދި ހަތަރު ވަނައިގައި އޮތް އާސެނަލް އާއި ދެމެދުގައި އޮތް ފަރަގު ކުޑަވެގެން ދާނެ އެވެ.