ގޭގެ ކޮޓަރިތަކުގައި ޓޫރިސްޓުން ބައިތިއްބަން ހަދާ ހޯމްސްޓޭ ޓޫރިޒަމް ފެށުމަށް ގެސްޓު ހައުސް ހިންގުމުގެ ގަވައިދު ހަރުކަށި ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ހޯމް ސްޓޭ ޓޫރިޒަމް ތައާރަފްކުރުމާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ރައްޒާން ވިދާޅުވީ ހޯމް ސްޓޭ ތައާރަފް ކުރުމަށް ގެސްޓް ހައުސް ގަވާއިދަށް ލުއިތަކެއް ގެނެސްފައިވާނެ ކަމަށެވެ. އެގޮތުން އެއް ކޮޓަރިން ފެށިގެން މައްޗަށް މީހުން ދިރިއުޅޭ ގޭގެވެސް ހިމެނޭ ގޮތަށް ފަތުރުވެރިން ބޭތިއްބުމުގެ ހުއްދަ ދޭނެ ގޮތަށް ގަވައިދު އިސްލާހުކޮށްފައިވާނެ ކަމަށެވެ.
މީގެ އިތުރުން ގަވައިދަށް ބަދަލުގެނައިރު ހޯމް ސްޓޭއަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހަރުކަށި އުސޫލުތަކެއް ގަވައިދުގައި ހުންނާނެ ކަމަށް ރައްޒާން ވިދާޅުވި އެވެ.
"ހޯމް ސްޓޭ ތައާރަފް ކުރާނީ މިހާތަނަށް ޓޫރިޒަމް ޕްރޮޕަޓީސްތަކާއި ގުޅޭގޮތުން ޓޫރިޒްމް މިނިސްޓްރީގައި ހުރި ގަވާއިދުތަކުގައި އޮތް މިންވަރަށްވުރެވެސް އިތުރަށް ހަރުކަށި ކުރުމަށް ފަހު" ރައްޒާން ވިދާޅުވި އެވެ.
ސަރުކާރުން ހޯމް ސްޓޭ ރަސްމީކޮށް ތައާރަފްކުރާނީ މ. ދިއްގަރުން ކަން ފާހަގަކުރައްވަމުން ރައްޒާން ވިދާޅުވީ އަންނަ މަަސް ފެށޭއިރު ދިއްގަރުގައި ލޯކަލް ޓޫރިޒަމަށް ހާއްސަކޮށް 50 ކޮޓަރި ހުންނާނެ ކަމަށެވެ. އަދި މިހާރުގެ ކައުންސިލްގެ ދައުރު ނިމޭއިރު މުޅި ރަށުން 200 އެނދު ހަމަކުރަން ކައުންސިލުން އަމާޒު ހިފާފައިވާ ކަމަށެވެ.
މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްސަދު ރިޒާ ވިދާޅުވީ ރާއްޖޭގައި ގެސްޓު ހައުސް ޓޫރިޒަމް ތައާރަފްކުރަން އުޅުނުއިރުގައި ވެސް ރިސޯޓްތަކަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް އެކި އިދާރާތަކުން ބުނަމުން ދިޔަ ކަމަށެވެ. ނަމަވެސް އެކަމުން ލިބިގެން ދިޔައީ މަންފާކަން މިއަދު ސާބިތުވެފައިވާ ކަމަށެވެ.
އައްސަދު ވިދާޅުވީ ގެސްޓް ހައުސް އެސޯސިއޭޝަނުން ވެސް މިހާރު ހޯމް ސްޓޭ ޓޫރިޒަމަށް ތާއީދު ކުރާ ކަމަށެވެ. އަދި އެއީ އޮންނަން ޖެހޭ ކަމެއް ކަމަށް ދެކޭ ކަމަށެވެ. ހޯމް ސްޓޭގެ ސަބަބުން ގެސްޓު ހައުސް ވިޔަފާރިތަކަށް އަސަރު ކުރާނެ ކަމަށް ގޭމް އިން ނުދެކޭ ކަމަށެވެ.
"ހޯމް ސްޓޭގެ ސަބަބުން ގެސްޓު ހައުސް ނެތް ބިން ފުރިފައިވާ ރަށްތަކުގެ ރައްޔިތުންނަށް ވެސް މަންފާ ހޯދުމުގެ މަގުފަހިވެގެންދާނެ. އަދި ހަމަ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވެސް މިހާރަށް ވުރެ ގިނަ ވެގެންދާނެ. ދުނިޔޭގެ އެކި މަންޒިލްތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވެސް އިތުރުވާނެ،" ޑެޕިއުޓީ މިނިސްޓަރު އައްސަދު ރިޒާ ވިދާޅުވި އެވެ
ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއަށް އާ ކޮންމެ ވައްތަރެއްގެ ވިޔަފާރިއެއް ތައާރަފް ކުރި ކަމުގައިވިޔަސް، ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓްގައި އަބަދުވެސް ހިފަހައްޓަމުންދާނެ ކަމަށް އައްސަދު ވިދާޅުވި އެވެ.
ރާއްޖެ އަންނަން ތިބި ފަތުރުވެރިންގެ ތެރެއިންގެ ރިސޯޓް އަދި ގެސްޓް ހައުސްތަކަށްދާ ވަރަށް ފައިސާ ނެތް ފަތުރުވެރިންނަށް ހޯމް ސްޓޭ ކޮންސެޕްޓަކީ އެންމެ ރަނގަޅު ކޮންސެޕްޓް ކަމަށް ވެސް ވިދާޅުވި އެވެ.