މޯލްޑިވްސް ޕޮލިސް ސާވިސް

ނަރުސްގެ މަރާ ގުޅިގެން ހައްޔަރުކުރި ދެ މީހުންނަށް ދައުވާކުރަން ފޮނުވައިފި

Dec 29, 2021

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މޭރީގެ ފިރިމީހާ މާވިންއާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްސަލައިގެ ތަހުގީގު ނިންމާ ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

މޭރީއާއި މާވިންއާއި ލަމްހާ އަކީ އައިޖީއެމްއެޗްގެ ނަރުހުންނެވެ. މާވިން އާއި ލަމްހާ މަސައްކަތް ކުރަމުން ދިޔައީ ޑައިލިސިސް ޔުނިޓްގަ އެވެ.

ފުލުހުންގެ އިދާރާއިން މިދިޔަ އާދިއްތަ ދުވަހު ފޮނުވާފައިވާ މައްސަލާގައި އަންނަ އަންގާރަ ދުވަހުގެ ކުރިން ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

މޭރީގެ މަރުގެ މައްސަލާގައި މާވިން ހައްޔަރުކުރީ މިދިޔަ އޮކްޓޫބަރު 27 ވަނަ ދުވަހު އެވެ. ލަމްހާ ހައްޔަރުކުރީ މިދޔަ މަހުގެ 16 ވަނަ ދުވަހު އެވެ.

މޭރީ މަރަން ރޭވުމާއި، މަރު ފޮރުވުމާއި. ކުށް ކުރުމަށް ރޭވުމާއި، ކުށެއް ކުރުމަށް އެދުމާއި، ކުށްކުރުމުގެ އާލާތް އަތުގައި ހުރުމާއި އަދި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތު ލަމްހާގެ މައްޗަށް ކުރެވެ އެވެ.

މޭރީ އަމިއްލައަށް މަރުވި ކަމަށް އޭނާގެ ފިރިމީހާ ބުނާތީ އެ މައްސަލަ ފުލުހުން ބަލަން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހު އެވެ. މައްސަލަ ބަލަން ފެށީ އެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރެގެންނެވެ.

މޭރީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ވެސް ވަނީ ހަދާފަ އެވެ. ފުލުހުން ބުނީ މޭރީ އަމިއްލައަށް ދަންޖެހިފައިވާ ކަމަަށް ނުބެލެވޭ ކަމަށެވެ. އަދި ބެލެވެނީ އެއްޗަކުން ޖެހުމުން މަރުވީ ކަމަަށެވެ. ނުވަތަ މީހެއްގެ ފަރާތުން ލިބުނު ބޮޑު އަނިޔާއަކުން މަރުވީ ކަމަަށް ބެލެވޭ ކަމަށެވެ.

މޭރީ މާލޭގައި އުޅެމުން ދިޔައީ ފިރިމާހާއާއި އަދި ފަސް އަހަރުގެ ދަރިފުޅާ އެކުގަ އެވެ. ދަރިފުޅު މިހާރު ވަނީ މެރީގެ އާއިލާއާ ހަވާލުކޮށްފަ އެވެ.