އެކްޓަރު އަރްޖުން ކަޕޫރާއި އޭނާގެ ކޮއްކޮ އަންޝުލާއަށް ދެވަނަ ފަހަރަށް ކޮވިޑް-19 ޖެހިއްޖެ އެވެ. އަދި އަރްޖުންގެ ބޮޑުބޭބެ އަނިލް ކަޕޫރުގެ ދަރިފުޅު ރިއާ އާއި އޭނާގެ ފިރިމީހާ ވެސް މި ބައްޔަށް ޕޮޒިޓިވް ވެފައި ވެއެވެ. ނަމަވެސް އަރްޖުންގެ ބައްޕަ އަދި ޕްރޮޑިއުސަރު ބޯނީ ކަޕޫރާއި އަނިލް ކަޕޫރުގެ ޓެސްޓުގެ ނަތީޖާ ދެއްކީ ނެގެޓިވްކޮށް ކަމަށް މީޑިއާ ތަކުން ރިޕޯޓް ކޮށްފައި ވެއެވެ.
އަރްޖުން އާއި ކޮއްކޮ ކޮވިޑަށް ޕޮޒިޓިވްކަން އޭނާ ވަނީ ސޯޝަލް މީޑިއާގައި ހާމަ ކޮށްފަ އެވެ. އޭނާ ބުނެފައިވާ ގޮތުގައި ކޮވިޑް ޖެހުނަސް އޭނާގެ ކިބައިން ފެންނަމުން ދަނީ ބަލީގެ ވަރަށް ކުދިކުދި އަލާމާތް ތަކެވެ. އަދި ކޮއްކޮ އަންޝުލާ އާއި އާއިލާގެ އެހެން މީހުންގެ ހާލު ވެސް ރަނގަޅެވެ.
އިންޑިޔާގައި ކޮވިޑް ކޭސްތައް ގިނަވަމުންދާ މި ދަނޑިވަޅުގައި ބޮލިވުޑް ތަރިންނަށް ބަލި ޖެހިގެން ރިޕޯޓްކުރާ މިންވަރު ވެސް ދަނީ އިތުރު ވަމުންނެވެ. އެގޮތުން ދާދިފަހުން ކަރީނާ ކަޕޫރާއި އަމްރިތާ އަރޯރާ އަށް ކޮވިޑް ޖެހި މީހުން އެމީހުން ވަނީ ބަލި ފަސޭހަ ކަރަންޓީނުން ވެސް މިނިވަން ވެފަ އެވެ. އެމީހުންނަށް ބަލި ޖެހުނީ ކަރަން ޖޯހަރްގެ ގޭގައި އޮތް ޕާޓީއަކުންނެވެ.
އަދި ރަންވީރު ޝޫރޭ ކުރި ޓުވީޓެއްގައި އޭނާގެ ދަރިފުޅަށް ވެސް ކޮވިޑް ޖެހިފައިވާ ކަމަށް ބުނެފައި ވެއެވެ. ރަންވީރު ދަރިފުޅަށް ކޮވިޑް ޖެހިފައިވާކަން އެނގުނީ ގޯއާގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރަން ވެގެން ޓޭސްޓް ކުރުމުންނެވެ.