އަރްޖުން ކަޕޫރުގެ 37 ވަނަ އުފަން ދުވަސް ލޯބިވެރިޔާ މަލައިކާ އަރޯރާ އާއެކު ޕެރިސްގައި އިއްޔެ ވަނީ ފާހަގަ ކޮށްފަ އެވެ. އުފަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަރްޖުން އާއި މަލައިކާ ނަގާފައިވާ ރޮމެންޓިކް ފޮޓޯތައް ސޯޝަލް މީޑިއާގައި ޝެއާ ކުރުމުން ފޭނުންނަށް އެންމެ ބޮޑަށް ފާހަގަ ކުރެވުނީ އަރްޖުންގެ ހަށިގަނޑަށް އައިސްފައިވާ ބޮޑު ބަދަލެވެ. ކުރިން ވަރަށް ބިޔަ ބޮޑު ހަށިގަނޑެއް ހުރި އަރްޖުން މިހާރު ވަރަށް ހިކިފައި ހަށިގަނޑުގެ ބައްޓަން ވެސް ހުރީ ވަރަށް ރީތިވެފަ އެވެ.
ޕެރިހަށް ފުރުމުގެ ކުރިން އިންޑިޔާގެ ނޫހަކަށް އަރްޖުން ދިން އިންޓަވިއު އެއްގައި އޭނާގެ ހަށިގަނޑު ކުރިން ހުރި ގޮތުން އޭނާއަށް އެކްޓަރަކަށް ވެވިދާނެކަމާ މެދު އަދިތުޔާ ޗޯޕްޅާ ކަހަލަ ފުންނާބު އުސް ޕްރޮޑިއުސަރުން ޝައްކު ކުރި ކަމަށެވެ. އަދި ޔާޝް ރާޖް ފިލްމްސް އަށް އޭނާގެ ފޮޓޯތައް ފޮނުވުމުން އޭނާއަށް ލީޑް ރޯލު ނުކުޅެވޭނެ ކަމަށް އަދިތުޔާ ބުނި ކަމަށެވެ. އަދި ސަޕޯޓިން އެކްޓަރަކަށް އޭނާ ރަނގަޅުވާނެ ކަމަށް އަދިތުޔާ މަޝްވަރާ ދިން ކަމަށެވެ.
"އަދިތުޔާ ޗޯޕްޅާގެ ޕްރޮޑަކްޝަން ހައުސްގައި މަސައްކަތްކުރާ ކާސްޓިން ޑައިރެކްޓަރަކު އަމިއްލަ އަށް ބޭނުންވެގެން އަހަންނަށް ތަމްރީނުދީ ގައިޑް ކޮށްދީގެން އަހަރެންނަށް ފިލްމުތައް ލިބެން ފެށީ،" އަރްޖުން ބުންޏެވެ.
އަރްޖުންގެ ބައްޕަ އަކީ ފިލްމު ޕްރޮޑިއުސަރަކަށް ވެފައި އޭނާގެ މުޅި އާއިލާ އަކީ ވެސް ފިލްމީ އާއިލާ އެކެވެ. ނަމަވެސް އާއިލާގެ އެއްވެސް މީހެއްގެ އެހީ ހޯދަން އަރްޖުން ބޭނުމެއް ނުވި އެވެ. އޭނާ ބޭނުންވީ އަމިއްލަ މަސައްކަތުން ކެރިއަރެއް ބިނާ ކުރާށެވެ. އެހެންވެ އަދިތުޔާ ޗޯޕްޅާ އާ ބައްދަލުކޮށް ފިލްމު ކުޅުމުގެ ފުރުސަތުތައް ހޯދަން މަސައްކަތް ކުރީ އެވެ.
ކާސްޓިން ޑައިރެކްޓަރެއްގެ އިރުޝާދާއެކު އޭނާގެ ދަށުން ތަމްރީނު ވުމަށްފަހު ޚުދް އަދިތުޔާ ޗޯޕްޅާ އަށް ވެސް އަރްޖުން އަކީ ލީޑް ރޯލު ކުޅެވޭ ފަދަ އެކްޓަރެއް ކަން ޔަގީންކުރެވިގެން އޭނާއަށް ޔާޝް ރާޖް ފިލްމްސް އިން އުފެއްދި ފިލްމެއްގެ ލީޑް ރޯލު ދީފައި ވެއެވެ. އަރްޖުންގެ ފިލްމީ ކެރިއަރުގެ ފެށުމަކީ އެ ފިލްމެވެ.
އަރްޖުން މިހާރު ކުޅެމުންދާ ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ރިލީޒްކުރާނީ "އޭކް ވިލަން ރިޓާންސް" އެވެ. ޖުލައި 29ގައި ރިލީޒްކުރާ މި ފިލްމުގެ ޑައިރެކްޓަރަކީ މޯހިތު ސޫރީ އެވެ. ފިލްމުގައި އަރްޖުން އާއެކު ޖޯން އަބްރަހަމް އާއި ދިޝާ ޕަޓްނީ އަދި ތާރާ ސުތާރިއާ ހަރަކާތްތެރި ވެއެވެ.