އެކްޓަރު އަރްޖުން ކަޕޫރާއި ކޮއްކޮ އަންޝުލާ ކަޕޫރު ގުޅިގެން ފަށާފައިވާ ފޭންކައިންޑް ކިޔާ އިނިޝިއޭޓިވް އަކަށް އަރްޖުންގެ އަތުގައި ހުރި ހުރިހާ ފައިސާ އެއް އިންވެސްޓްކޮށްފި އެވެ.
ނިއުސް ޕޯޓަލްއަކާ ވާހަކަ ދައްކަމުން އަރްޖުން ބުނި ގޮތުގައި ކޮވިޑް-19ގެ މި ބަލި މަޑުކަމުގައި ހާލުގައި ޖެހިފައިވާ އަދި ޖެހެމުންދާ މީހުންނަށް އެހީވުމަށް އޭނާގެ އަތުގައި ހުރި ހުރިހާ ފައިސާއެއް މިހާރު ވާނީ އިންވެސްޓް ކޮށްފަ އެވެ. އޭނާ އާއި ކޮއްކޮ އަނުޝްލާގެ ބޭނުމަކީ ވީހާ ވެސް ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އަރްޖުން ބުންޏެވެ.
އަރްޖުން އާއި ކޮއްކޮގެ ފޭންކައިންޑް އިނިޝިއޭޓިވުން ހާލުގައި ޖެހިފައިވާ އެތައް ބަޔަކަށް ކޮންމެ ދުވަހަކު ކާ އެއްޗެތި ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އަމިއްލަ ރަށަށް އެނބުރި ދެވޭނެ ފަދަ ނެތިފައި ތިބި އެތައް ބައެއްގެ ދަތުރު ޚަރަދަށްވާ ފައިސާ ވެސް އެމީހުން ފޯރުކޮށްދެ އެވެ. އަދި ކޮވިޑުން ރައްކާތެރިވުމަށް ބޭނުންވާ ތަކެތި ވެސް އެ މީހުން ގަނެދެ އެވެ.
ވީހާ ވެސް ގިނަ ބަޔަކަށް އެކި ގޮތް ގޮތުން އެމީހުންގެ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތްކުރާ ކަމަށް އަރްޖުން ބުންޏެވެ.
އިންޑިޔާގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި އަރްޖުންގެ އަތުގައި ހުރި ހުރިހާ ފައިސާއެއް މިކަމަށް ހޭދަކުރަން އިންވެސްޓްކުރުމުގެ އިތުރުން އެމީހުން އިތުރު އެއް ކްރޯޑު ރުޕީސް ފަންޑް ރައިޒްކޮށްގެން ވަނީ ހޯދާފަ އެވެ.
ބޮލީވުޑް ފަންނާނުންގެ ތެރެއިން އިންސާނީ ޚިދުމަތުގެ އެންމެ ކުރީގައި އުޅެނީ އެކްޓަރު ސޯނޫ ސޫދެވެ. ރެޔާ ދުވާލު އޭނާ މިހާރު މަސައްކަތް ކުރަނީ ހާލުގައި ޖެހިފައި ތިބި މީހުންނަށް އޭނާއަށް ވެވުނު އެހީތެރިކަމެއް ފޯރުކޮށްދިނުމުގަ އެވެ. އެހީއަށް އެދި ގުޅާ މީހުންގެ ކޯލުތަކުން 24 ގަޑިއިރު ސޯނޫގެ ފޯނު ރިންގް ކަނޑައިގެން ނުދިޔަ ނަމަވެސް އެގޮތަށް ގުޅާ ހަމަ ކޮންމެ މީހަކަށް ވެސް އެހީތެރިވުމަށް ސޯނޫ މަސައްކަތް ކުރެ އެވެ.
ސޯނޫ ކުރާވަރު އަރްޖުންގެ ދެބެންނަށް ނުކުރެވުނަސް އެ ދެބެން ވެސް މިހާރު ރެއާ ދުވާލު އުޅެނީ މީހުންނަށް އެހީވުމުގެ މަސައްކަތުގަ އެވެ. މި ދެ އެކްޓަރުންގެ އިތުރުން އަޖޭ ދޭވްގަން އާއި ގުރުމީތު ޗައުދަރީ ވެސް އެހީފޯރުކޮށްދިނުމުގައި ވަރަށް އަވަދިނެތި ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެ އެވެ.