( 28 ޑިސެމްބަރ 2021 އާ ގުޅޭ )
ކޯލު ރިންގި ވެސް ވިއެވެ. ނަމަވެސް ޒެހެން ފޯނުކޯލު ކަނޑާލީއެވެ. އިތުރު ހައިރާންކަމާއެކު ރަހުމާއަށް ފޯނަށް ބަލާލެވުނެވެ.
"އެއީ ކާކު؟. ޒެން ބުނި ނުދަންނަމޭ..." ހުޅުވުނު ލިފްޓުގެ ތެރެއަށް ވަދެ ހުރި ރަހުމާގެ ހިތުގައި އެތައް ސުވާލެއް އުފެދެމުންދިޔައެވެ.
ޒެހެން ފެނުމާއެކު ހަސީނާ ގޮވާލިއެވެ. ހޫރައިންގެ ފަސްފަހަތުން އައި ޒެހެންއަށް ހުއްޓެން ޖެހުނީއެވެ. ހާލު ކިހިނެއްތޯ ހަސީނާ އެއްސެވެ. ޗުއްޓީގަ ހުރެފައި ޒެހެން ނުކުތްފަހުން ހަސީނާއާ ދިމާވީ އަދިކިރިޔާއެވެ. ހަސީނާއާ ވާހަކަދައްކާލަން މަޑުކޮށްލައިގެން ޒެހެން ހުއްޓާ ފެނުނީ އޭނާގެ ކައިރީގަ ރަހުމާ އައިސް މަޑުކުރިތަނެވެ. ޑީ ބުލޮކުގެ ބިއްދޮށަށް ހޫރައިން ދާތަން ފެނި އެނާގެ ފަހަތުން ޒެހެން ހިނގައިގަތް ވަގުތު ރަހުމާ ފޯނުކުރިކަން ޒެހެން ދެނަހުއްޓެވެ. އޭނާ އެ ކޯލު ކަނޑާލީ ހޫރައިންއާ ވާހަކަދައްކާލަން ވަގުތު ހުސްކުރުން ގަސްދުކޮށެވެ. ނަމަވެސް ގަސްދުކުރި ގޮތް ދެން ނުވާނޭކަން ޒެހެންއަށް އެނގެއެވެ. ހަސީނާއާ ދެމެދު ދެކެވުމުންދިޔަ ވާހަކަ ކުރުކޮށްލީ ޒެހެންއެވެ. ރަހުމާ އަތުވެއްޖެނަމަ އޭނާ ފަސޭހައެއްކޮށް ޒެހެންއާ ދުރަކަށް ނުދާނެއެވެ. ހޫރައިންގެ އެއްވެސް ވާހަކައެއް ރަހުމާގެ ކަންފަތަށް އަދި ފޯރާން ޒެހެން ނޭދެއެވެ. ހަސީނާއަކީ ހޫރައިންއާ ކިހާ ގާތް މީހެއްކަން މިހާރު ޒެހެންއަށް އެނގެއެވެ. ރަހުމާއާއެކު ޒެހެން އެނބުރި ހިނގައިގަތީ ހަސީނާއަށް ހޫރައިންގެ ވާހަކައެއް ބުނެވިދާނެކަމަށް ބަލާފައެވެ.
ކުލާސް ނަގައިދޭން ޒެހެން ދާން ޖެހުމުން ރަހުމާ އައިސް ވަނީ ޝާފީއާއި ތަހާނީ ތިބޭ ފަރުވާދޭކޮޓަރިއަށެވެ. ޝާފީގެ މޭޒު ކައިރީ ބަލިމީހުން އިށީނުމަށް ހުންނަ ގޮނޑީގަ ރަހުމާ ހަމަޖެހިލިއެވެ. ތަހާނީ ވެސް ފޯނަށް ދީގެން އިން ސަމާލުކަން އެތަނަށް ކުއްލިއަކަށް ވަން ރަހުމާއަށް ހުއްޓާލިއެވެ.
"މިތަނަށް ކުއްޖަކު އަންނަނީ ދަމަކުންބަޑިއެއް ޖަހާހެން. ކަލޭމެން ފޫއްސެއްނުވޭތަ. ހޮސްޕިޓަލެއް ނޫނީ ކުލިނިކެއްގައި އުޅޭނަމަ ކަމެއްނެތިފައި ތިހެން ތިބޭކަށް ނުޖެހޭނެ." ރަހުމާގެ ހިޔާލު ފާޅުކޮށްލިއެވެ.
"ކަމެއް ދިމާވާނީ ބުނެފައެއްނޫން." ތަހާނީ ބުންޏެވެ.
"އަހަންނަށް މިގޮތް ރަނގަޅު. މަސައްކަތެއް ނެތިއްޔާ ރަނގަޅީ." ޝާފީ ހިނިއައިސްފަ އިނދެ ބުންޏެވެ.
"ކަމެއް ބާއްވަން ހިނގާބަލަ. ގެއަށް ދިއުމަށްފަހު ތިތަނުން އެކަކުގެ ވެސް ޚަބަރެއްނުވޭ." ރަހުމާ ބުންޏެވެ.
"މިތަނުން ވާވަރަށް ބައްދަލުވެއެއްނު. ޒެން ކައިރީ ބުނެބަލަ ރަހޫ ގޮވައިގެން ދާން." ޝާފީ ބުންޏެވެ.
"ތިހެންވާނެނަމަ. ތިއެއްނޫނޭ... ތިއިން މީހަކަށް އެނގޭތަ މަސައްކަތުބައިގަ އުޅޭ މޫނުބުރުގާ އެޅި އަންހެން މީހާ. އޭނާގެ ސްޓޯރީއަކީ ކޮބާތަ؟" ރަހުމާގެ ސިކުނޑީގެ ކަނެއްގައި ކޮއްޓަމުންދިޔަ ސުވާލުކޮށްލިއެވެ. އެހިނދު ތަހާނީއާއި ޝާފީ އެކަކުއަނެކަކަށް ބަލާލިއެވެ.
"އޭނަ ކިހިނެއްވީ؟" ތަހާނީއަށް އަހާލެވުނެވެ. އެހިނދު ޝާފީ ސިއްރު އިޝާރާތެއް ބޮލުން ކޮށްލިއެވެ. އެ ވާހަކަ ނުދައްކާށޭ ބުނާ ފަދައަކުންނެވެ.
"ޒެން... އޭނާ ދަންނަ މީހެއްތަ؟" ނާހަން އިނދެފައި ވެސް ރަހުމާ އަހައިފިއެވެ. ކޮންމެހެން ވެސް އެނގެން ބޭނުންވާތީއެވެ.
"ހޯހޯ! ތިއުޅެނީ ގޯސް ހަދަން. ޒެން ނެތްތާ އޭނާގެ ވާހަކަ ދައްކުވަން ނޫޅޭ. ރަހޫ ތިސުވާލު ކުރަންވީ ޒެންއާ." ޝާފީ ވަގުތުން މަނާވެލިއެވެ.
"ތީގެ މާނައަކީ... އެއީ ޒެން ދަންނަ މީހެކޭތަ؟" ރަހުމާ ބުނެލިއެވެ. ޝާފީ ދެފަރާތަށް ބޯހޫރާލީއެވެ. އިތުރަށް އެ ވާހަކަ ކުރިއަށް ނުގެންދާނޭ ބުނާ ފަދައިންނެވެ. ތުންފަތް ލައްޕާލައި ތަޅުލައިފިކަމުގަ އަތުގެ އިޝާރާތުން އޭނާ ދައްކާލިއެވެ. ހެވިފައި ތަހާނީ ބަލަން އިނެވެ. އޭނާއަށް ރަހުމާ ބަލާލިއެވެ. ކުރާނެކަމެއްނެތޭ ބުނާހެން ތަހާނީ ވެސް ދެ ކޮނޑު އަރުވާލީއެވެ.
މީހެއްގެ ފަރާތުން ކަމެއް އޮޅުން ފިލާނަމަ މިވަގުތު ރަހުމާގެ ކައިރީ އެތިބީ ޒެހެންއާ ބެހޭ ގޮތުން އޭނާގެ ސުވާލުތަކަށް ޖަވާބު ދެވޭނެ އެކުވެރީންނެވެ. ނަމަވެސް އެމީހުން ބަހެއް ބުނަން ބޭނުންނުވުމުން ކުރެވޭނެކަމެއް ނޯންނާނެއެވެ. އެހެންވިޔަސް ޒެހެންއާ މެދު ކުރިއަށްވުރެ ބޮޑަށް ސަމާލުވާން ރަހުމާ ނިންމިއެވެ. ޒެހެންއަށް ފާރަލައިގެން ވިޔަސް އޭނާ ސިއްރުން ކަމެއްކުރާނަމަ އެކަމެއް ހޯދަން ރަހުމާ ގަސްދުކުރިއެވެ. މުސްތަޤުބަލަށް އޭނާ ކުރަމުން އަންނަ ފޮނި އުންމީދުތަކަށް ހުރަސް އެޅޭކަށް ނޭދެއެވެ.
ހަސީނާ ތެދުވެގެން ދިއުމުން ހޫރައިން އެކަނިވިއެވެ. އެހެންވިޔަސް ހުސްވަގުތު ކަމެއްނެތިފައި އިނުމުގެ ބަދަލުގައި އޭނާ ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައެވެ. ސްމާޓް ފޯނުތަކުގެ ޒަމާނުގައި ފޯނުން ނުކުރެވޭކަމެއް ނެތެވެ. އޭނާ ފޯނު ހުޅުވާލުމާއެކު އެއަށް ގެއްލެން ގިނައިރެއް ނުނެގިއެވެ. ޤުރުއާނަކީ ތަޤުވާވެރީންގެ މައްޗަށް އޮތް ހަނދާންކޮށްދިނުމެކެވެ. ހަނދާނުގައި ﷲގެ މަތިވެރި ބަސްފުޅުތައް ބެހެއްޓޭނީ ގިނަގިނައިން އެ ކިޔަވާނަމައެވެ.
"އެބައިނިން ދޯ. ދާން ނުކުމެ ހިތަށް އެރީ މިފަރާތުގަ ހޫރައިން އިންތޯ ބަލާލަން."
ހޫރައިން އިސްއުފުލާލީ ޒެހެންގެ އަޑު އިވިގެންނެވެ. އޭނާ އައިސް ތަނުގައި ހުރި ހުސް ގޮނޑިތަކުން ގޮނޑިއެއްގަ އިށީނެވެ. ބަލާލުން ފިޔަވައި އިތުރު ހަރަކާތެއް ހޫރައިން ނުކުރެއެވެ.
"ލޭ ފެނުނީމަ ހޫރައިން ބިރުގަނޭ ދޯ." ޒެހެން އަހާލިއެވެ.
ދެން ވެސް ހޫރައިން ޖަވާބެއް ނުދިނެވެ. ދައްކަންޖެހޭ ވާހަކަ ގިނަވުމަކީ ހޫރައިންއަށް އުނދަގޫވާކަމެކެވެ. ޒެހެންއާ ވިޔަސްއެވެ. އެހެންވިޔަސް ޒެހެން އޭނާއަށް އެއްވެސް ކަމެއްގަ މަޖުބޫރުނުކުރާކަން އެނގެއެވެ. ވާހަކައެއް ނުދެއްކިޔަސް އެކަމާ އޭނާ ފޫއްސެއް ވެސް ނުވެއެވެ. އަމިއްލައަށް ކިތަންމެ ގިނަ ވާހަކައެއް ވެސް އޭނާ ދައްކަފާނެއެވެ. އެ ސިފަ ހޫރައިންއަށް މަޑުމަޑުން ކަމުގޮސްފިއެވެ.
"އެ ދުވަހު ހަސީނާ ފޮނުވީ ހޫރައިންކަން އެނގޭ. އެއީ ފިސާރި ކުޅަދާނަ އަންހެނެއް. އެއޮތް ކުޑަ ވަގުތުކޮޅު ތެރޭ މީހުން އެއްކޮށްލި ގޮތް ވެސް ނޭނގޭ. ޝާފީ ގެނެސް އެމްބިއުލާންސަށް ގުޅާ... އޭނާ ވަރަށް ގަދަ އިނގޭ." ހެވިފައި އިނދެ ޒެހެން ބުންޏެވެ. އޭނާ ހީކުރީ ލޭ ފެނިގެން ހޫރައިން ބިރުގަތީކަމަށެވެ. އެހެންވެ އޭނާ ދުވެފައި ދިޔައީ މީހެއްގެ އެހީތެރިކަން ހޯދަންކަމަށެވެ. ހަސީނާ އައުމުން ވަކިން ބޮޑަށް އޭނާއަށް ހީކުރެވުނު ގޮތް ޔަގީންކުރިއެވެ.
"ޔޫކް... އެއީ ދަރިފުޅުގެ ނަންތަ؟." އިރުކޮޅަކު މަޑުކޮށްލާފައި ޒެހެން އަހާލިއެވެ. މިފަހަރު ހޫރައިން ހޫން ލައްވާލިއެވެ. އަދި ކަމެއް ހަނދާންވުމުން ކައިރީގަ ހުރި ގޮނޑިމަތީ ބާއްވާފަ އޮތް އަތްދަބަސް ނެގިއެވެ. އޭގެ ތެރެއިން ހޫރައިން ނެގީ ކުޑަ ޗޮކުލެޓެވެ. ދެން ޒެހެންއާ ކައިރީގަ ހުރި ގޮނޑި މަތީ އެ ބޭއްވިއެވެ.
"އަހަންނަށްތަ؟." ޒެހެން ހައިރާންވެފައި އަހާލިއެވެ. ހޫރައިން ނަޒަރު ސީދާ ނުކުރި ނަމަވެސް ބޯޖަހާލިއެވެ. ހިނިތުންވުމަކާއެކު ޒެހެން ޗޮކުލެޓު ނެގިއެވެ.
"ކޮންމުނާސަބަތާ ގުޅިގެން." ޒެހެން އަހާލިއެވެ. އެއާއެކު ހޫރައިން އިނގިލި ދިއްކޮށްލީ ޒެހެންގެ އަތަށެވެ.
"ސޮރީ... އެންޑް ތެންކިޔު... ސަލާމަތް ކޮށްދިނީމަ." ޔުނިވަރސިޓީ ތެރެއިން ޒެހެންއާ ދިމާވެއްޖެނަމަ ޝުކުރު އަދާކުރަން ހޫރައިން އިނީ ގަސްދުކޮށްގެންނެވެ.
"ޒެން. މިތާ ކީއްކުރަނީ؟."
ތިންވަނަ މީހަކު އަތުވެއްޖެކަން އެނގުމާއެކު ހޫރައިން ހާސްވިއެވެ. ޒެހެންގެ ފަޓުލޫނު ޖީބަށް ޗޮކުލެޓު ކޮށްޕާލުމާއެކު އޭނާ ވެސް ކައްޓެއްހެން ކުއްލިއަކަށް ތެދުވެއްޖެއެވެ. އޭނާ ހޯދަމުން ރަހުމާ އެތަނަށް އަތުވެދާނެއޭ ޒެހެން ހިޔެއްނުކުރެއެވެ. ހިތްހަމަ ވެސް ނުޖެހުނެވެ. ހޫރައިންގެ ފަރާތުން ގިނަ ވާހަކަތަކެއް ދައްކާ އަޑު އިވިދާނޭ އުންމީދުކޮށްގެން އިންދާ އެކަން ޚަރާބުވީއެވެ. ހޫރައިން ތެދުވެ ދަނީއޭ ބުނެލި ގޮތަށް މަޑެއް ނުކުރިއެވެ. ހަލުވި ހިނގުމުގައި އޭނާ ޒެހެންގެ ލޮލަށް އޮބާލައިފިއެވެ.
"ރަހުމާއަށް ކިހިނެއް މިތަނަށް އަންނަން އެނގުނީ." ރަހުމާގެ ފުރިހަމަ ނަމުން ޒެހެން މުޚާޠިބު ކުރުމުން އޭނާއަށް ހައިރާންކަން ލިބުނެވެ.
"އެ ދިޔައީ މިތާގަ އުޅޭ މަސައްކަތު މީހެއް ނޫންތަ؟." ރަހުމާގެ އަޑުގައި ހުރީ މީހާ ދަށްކޮށްލުމުގެ ރާގެކެވެ. ޒެހެންއަށް ދަތްކުނޑިވިކާލެވުނެވެ. ބަހެއް ބުނުމެއްނެތި ޒެހެން ހިނގައިގަތީއެވެ. ރަހުމާ ކުރާހާ ސުވާލަކަށް ޖަވާބުދޭހާ މުހިންމު މީހަކަށް ޒެހެންއަށް އޭނާ ނުވެއެވެ.
"ކޮންތާކަށް ތިދަނީ؟." ޒެހެންގެ ފަހަތުން އަންނަމުން ރަހުމާ އެއްސެވެ.
"ގެއަށް." ޒެހެން މިހެންބުނެ މިސްރާބު ޖެހީ ހުޅުވާފައި ހުރި މައިގޭޓާ ދިމާއަށެވެ.
"އަހަރެންވެސް ދާނަން." ރަހުމާ ބުންޏެވެ. ފިޔަވަޅު މަޑުޖެހުނު ގޮތަށް ޒެހެންއަށް އެނބުރި ބަލާލެވުނެވެ. ރަހުމާ ބުނި އެއްޗެއް ގަބޫލުނުކުރެވިގެންނެވެ.
"ކޮންތާކަށް؟." ޒެހެންއަށް ބުނެވުނެވެ.
"ޒެންއާއެކީ... ތިގެއަށް." ރަހުމާ ބުންޏެވެ.
"އަހަރެން ދަޢުވަތު ދިނީ ކޮންއިރަކު." އެ ސުވާލު ކުރަން ހިތުގައި އޮތެއް ކަމަކު ޒެހެން ނުބުންޏެވެ. ރަހުމާ ލަދުގަންނަވާލާކަށް ޒެހެން ބޭނުމެއްނޫނެވެ. ރަހުމާގެ ހިތުގައިވާ އެއްޗެއް ޒެހެންއަށް ފޮރުވާކަށް އޭނާ މަސައްކަތެއް ނުކުރެއެވެ. އޭނާގެ ހަރަކާތްތަކުން ބޭނުންވެގެން އެ އުޅެނީ ކޮންކަމެއްކަން ޒެހެންއަށް ވަރަށް ސާފުކޮށް އެނގެއެވެ. މައްސަލައަކީ ޒެހެން އެގޮތް ބޭނުންނުވާތީއެވެ.
"މިއަދަކުނޫން." ރަހުމާއަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު ޒެހެން ބުންޏެވެ. އެވަރަށް ބުނުމުން ރަހުމާއަށް ގަދަދައްކާލަށް ނުކެރުނެވެ. އޭނާ ބަލަން ހުއްޓާ ޒެހެން ގޮސް މަގުމައްޗަށް ނުކުމެއްޖެއެވެ. ސައިކަލުތަކާ ދިމާއަށް އޭނާ ދާތީ ފެނެއެވެ. ތުންއަނބުރާލެވުނީ ރަހުމާއަށް ލިބުނު ފޫހިކަމެއްގެ ބޮޑުކަމުންނެވެ. ހިތަށް ނުބައި ގޮތްތަކެއް ވެއްޖެއެވެ. މޫނުބުރުގާ އަޅާފައި އެއީ ކޮންއަންހެނެއްބާއޭ ރަހުމާގެ ހިތަށް އެރިއެވެ.
"ކޮންމެވެސް ކަމެއް އެބަހިނގާ. އެކަމަކު ދެން އެއީ ކާކުތަ؟. މިތަނުގެ މަސައްކަތު މީހެއްތަ ޒެންއަށް ފެންނަންވީ. އައްޗީޑި ދެން..." ރަހުމާގެ ހިތުގައި ގަދަ ތޫފާނެއް އުފެދިއްޖެއެވެ. ފެނުނީ ބަލައިގަނެވޭނެ ފަދަ މަންޒަރަކަށް ނުވީއެވެ. ބަޔަކަށް ނުފެންނާނޭ ތަނެއްގައި ދެމީހުން އެކަނި ތިބީމައެވެ. ކުރީން ވެސް ރަހުމާއަށް ޒެހެން ފެނުނީ އެ ހިސާބުންނެވެ. މަސައްކަތު މީހުންނަށް އެތަނުގައި އުޅެނީ އުމުރުން ނުލާހިކު ދޮށީ ބައެއްކަން ރަހުމާއަށް އެނގެއެވެ. ބޭރަށް ދިއުމުގެ ބަދަލުގައި ރަހުމާ އެނބުރިލިއެވެ. އޭނާ ހަރުކޮށް ހިނގާލާފައި އައީ މަސައްކަތު މީހުން ވަދެނުކުމެވާ އިމާރާތުގެ ކައިރިއަށެވެ. އެތަނުން އެވަގުތު މީހަކު ފެންނާކަށް ނެތެވެ. އެތެރެއަށް ވަދެގެން ގޮސް އެ މޫނުބުރުގާ އެޅި އަންހެންމީހާގެ ކުރިމައްޗަށް އަރާން ރަހުމާގެ ހިތް ގޮވިއެވެ. ނަމަވެސް އަމިއްލަ އަގު ހިފަހައްޓަން އޭނާ ބޭނުމެވެ. ރުޅި ކޮންޓްރޯލު ނުވެގެން ހޯބޯލަވަމުން ގޮސް މީހެއްގެ ގަޔަށް އަރައިގަންނަ ކަހަލަ އަންހެނަކަށްވާކަށް ނޭދެއެވެ. ވިސްނުންތެރިކަމާއެކު ރަނގަޅު ވަގުތަކަށް ފާރައިލައިގެން ނޫނީ އެ މީހަކާ ކުރިމަތިލުން ބުއްދިވެރި ކަމަށް ނުވާނެއެވެ. އޭނާއަކީ ރަހުމާއެވެ. ބޭނުންވި ކަމެއް ހާސިލު ކުރުމަށް އޭނާ ފަހަތަކަށް ނުޖެހޭނެއެވެ. ޒެހެންއާ އެ އަންހެންމީހާ އޮތް ގުޅުމެއް ހޯދާފައި ނޫނީ ރަހުމާ ހުއްޓައެއް ނުލާނެއެވެ.
ވަގުތަކީ ހުއްޓުވޭނެ އެއްޗެއް ނޫނެވެ. އިރުއަރާ އޮއްސުމާއެކު ދުވަސް ނިމުމަކަށް އާދެއެވެ. އިތުރު ފުރުސަތެއް ދުނިޔެއިން ލިބިއްޖެނަމަ އަނެއްކާ ވެސް އާ ދުވަހަކާ ކުރިމަތިލުމުގެ ނަސީބު ލިބެއެވެ. އަދި އެ ނަސީބާ މެދު ފިކުރުކުރާ މީހުން އެކަމާ ޝުކުރުވެރިވެއެވެ. އަނެއްބަޔަކަށް އެއީ އެ މީހުންގެ އާންމު ދިރިއުޅުމަށް އަނެއްކާވެސް އިތުރުވި އާދައިގެ ދުވަހެކެވެ. އުންމީދުތަކާއި ހިތުގެ މުރާދުތައް ހާސިލު ކުރުމުގެ މަސައްކަތައިގެން މީހުންތައް އުޅޭން ފަށައެވެ.
ޒެހެންއާއި ހޫރައިން ބައްދަލުވިތާ މަސްތަކެއް ފާއިތުވެއްޖެއެވެ. އަހަރުގެ މެދަކާ ހަމައަށް އައިއިރު ދެމެދުގައި ދުރު އެކުވެރިކަމެއް މަޑުމަޑުން އުފެދިއްޖެއެވެ. ނަމަވެސް އެއީ ހާދަ ދުވަހެއް ފަހުން ފެނުނު ކުރިއެރުމެކެވެ. ޒެހެންއަކީ ކެތްތެރިވާން ނޭނގޭ މީހެއްނަމަ މިހާރު އޭނާ ފޫހިވިވީސްކަން ގައިމެވެ. އެހެންނަމަވެސް އެ ކެތްތެރިކަމުގެ ސަބަބުން ޚުދު ޒެހެންގެ ދިރިއުޅުމަށް ވެސް ހެޔޮ ބަދަލުތަކެއް އަތުވެއްޖެއެވެ.
އާދައިގެ މަތިން ހެނދުނުގެ ވަގުތު ހޫރައިން އުޅުނީ ބަގީޗާތައް ކައިރީ އޭނާގެ މަސައްކަތުގައެވެ. ވަގުތެއް ލިބުމުން އެތަނަށް ޒެހެން މިއަދު ވެސް އަތުވެއްޖެއެވެ. އޭނާއާ ދިމާއަށް ހަރުކަށި ބަސްތައް ހޫރައިން ބުނެއެއް ނުހަދައެވެ. އޭގެ ބަދަލުގައި ދޭތެރެއަކުން ހޫރައިންގެ ހިޔާލެއް ފާޅުކޮށްލަފާނެއެވެ. ޒެހެންގެ ސަމާސާ ވާހަކަތަކުން ހޫރައިންގެ އެކިނިވެރިކަން ކުޑަވާކަމުގެ އިހްސާސް ޚުދު އޭނާއަށް ކުރެވެއެވެ. ޒެހެން ވެސް ކައިވެނި ވާހަކަދެއްކުން މަދުކުރިއެވެ. އެހެންނަމަވެސް އޭނާ ހޫރައިންއާ މެދު ދެކޭ ގޮތް އަބަދުވެސް ސާފުކޮށް ބުނެއެވެ. އެކަމަށް ބަދަލެއް ނާދެއެވެ. އެ ދެމީހުންނަށް ފާރަލައި އިތުރު ލޮލެއް އަމާޒުވެފައި ހުރިކަމެއް ހޫރައިން ނުދެނަހުއްޓެވެ.
"ދެން ދީބާ ނަންބަރު." ޒެހެން ބުނެލިއެވެ.
"ކީއްކުރަންހޭ..." ދެވަނަ ފަހަރަށް ވެސް ހޫރައިން ތަކުރާރުކޮށްލިއެވެ.
"ވާހަކަދައްކާލަން. ތި އަޑު އަހާލަން ބޭނުންވާ ފަހަރަކުން ގުޅާލެވޭނީ ނަންބަރު އޮތީމައެއްނު." ޒެހެން ބުންޏެވެ.
"މިހާރު ވެސް ތި ވާހަކަދައްކަނީނު." ހޫރައިން ބުންޏެވެ.
"މިހެންނެއްނޫން. އަބަދު މިހެން ހޫރްގެ ފަހަތުން އުޅެނިކޮށް މީހަކު އެއްޗެކޭ ބުނެދާނެ. ހޫރް ދެރަވާ ކަހަލަ އެއްޗެއް މީހެއް ބުނެދާނެތީ ވަރަށް ވިސްނޭ. އެނގެއެއްނު މީހުންގެ ގޮތް. ކޮންމެ އެއްޗެކޭ ވެސް ކިޔާފާނެ. އަސްލު ހާލު ބަލާލަން ވިޔަސް މިޖެހެނީ ހޫރް ހުރި ތަނެއް ހޯދައިގެން އަންނަން. ފޯނު ނަންބަރު އޮތިއްޔާ ފަސޭހަވާނެ ދޯ. އަހަރެންގެ ނަންބަރު ދެންތަ؟." ޒެހެން މިހެންބުނެ ވޮލެޓު ނެގިއެވެ. އޭގެ ތެރެއިން ކަރުދާސްކޮޅެއް ނަގައި ގަމީސް ޖީބުގައި އިން ގަލަމުން އޭނާ ނަންބަރު ލިޔަން ފެށިއެވެ.
ހޫރައިންއަށް ނަންބަރު ލިޔުނު ކަރުދާސްކޮޅު ޒެހެން ދިއްކޮށްލީމައި ވެސް ނުހިފިއެވެ. މަސައްކަތް ނިމުނަސް އޭނާ މިއަދު ދާންނޫޅެ ހުރީ ޒެހެން ވާހަކަދައްކާތީއެވެ. މާގަސްތަކާ ދިމާ ފާރުމަތީ އެ ކަރުދާސްކޮޅު ޒެހެން ބާއްވާލިއެވެ. އަދި ވަޔާއެކު ކަރުދާސްކޮޅު ހިނގައިދާނޭކަމަށް އޭގެ މަތީ އޭނާ ގެންގުޅުނު ގަލަން ބޭއްވިއެވެ. ގަސްދުގައި ޒެހެން އެތަނުން ހިނގައިގަތީ އެ ތަކެތި ބަހައްޓާފައެވެ. އޭނާގެ ކުލާސް ގަޑި ކައިރިވަމުން އައީމައެވެ. ހޫރައިންއަށް ގަލަން ފެނުނީ ކަރުދާސްކޮޅު ނަގަން ކައިރިވެލީމައެވެ. އެއީ ނިކަން ބަރު ގަލަމެކެވެ. އަގުބޮޑު ގަލަމެއްގެ ސިފަ ޖަހައެވެ.
"ގަލަން ވެސް ދީފަތަ ތި ދިޔައީ؟." ހޫރައިން ހިތާ ހިތުން ބުނެލިއެވެ. އޭނާގެ ތުންފަތް ދެމިލިއެވެ. ހިނިތުންވާން ހަނދާން ނެތިފައި ހުރި ހޫރައިންއަށް ހިނިތުންވާން ޒެހެން ދަސްކޮށްދީފިއެވެ. އަތްދަބަހުގެ ތެރެއަށް ކަރުދާސްކޮޅާއެކު ޒެހެންގެ ގަލަން ވެސް ހޫރައިން ލައިފިއެވެ.
"ހޫރް. ނިމުނީތަ ހުރިހާކަމެއް." އިމާރާތައް ވަންނަ އައި ހަސީނާއަށް ހޫރައިން ފެނި ހުއްޓުނެވެ. ދެން އެތެރެއަށް ވަދެގެން ދިޔައީ ދެ މީހުން އެކީގައެވެ.
"ދެން ވެސް ބުނާނީ އެއީ ކާކުކަމެއް ނޭނގެއޭތަ؟." ޔުނިވަރސިޓީގެ ގޯތިތެރެ ފެންނާނޭހެން ހުރި ބެލްކަނީގެ ފާރުބުރި ކައިރީ ރަހުމާ ހުއްޓެވެ. އެތަނުގައި އޭނާ ހުންނަތާ އެތައް އިރެއް ވެއްޖެއެވެ. ހެނދުހެނދުނާ ސައިބޮއެގެން އައި ގޮތަށް އެކުވެރީންގެ ތެރެއިން ޒެހެން ގެއްލުނީއެވެ. އޭނާގެ ބޯކޮޅު ބެލި މީހަކީ ރަހުމާއެވެ. ކިތަންމެ ދުވަހަކު ރަހުމާއަށް އެއް މަންޒަރެއް ތަކުރާރުކޮށް ފެނިއްޖެއެވެ. ގަސްތަކައް ފެންދޭން އުޅޭ މޫނުބުރުގާ އެޅި އަންހެންމީހާއާ މައްލަވަކުރަން ޒެހެން ހުންނާތީއެވެ.
އެނބުރި ޓީޗަރުންތައް ތިބިތަނަށް ރަހުމާ ވަނެވެ. އޭނާގެ މޭޒު ދޮށުގައި އިށީނެވެ. ދެން އޭނާގެ ތާވަލާއި ޒެހެންގެ ކުލާސްތަކުގެ ތާވަލު އަޅާކިޔާލިއެވެ. ދެމީހުންނަށް ވަގުތު ހުސްވާނީ ކޮންގަޑިއެއްގަތޯ ބެލިއެވެ.
ކުލާހުގައި އިން ޒެހެންގެ ފޯނު ވައިބްރޭޓްވެލިއެވެ. ނުދަންނަ ނަންބަރެކެވެ. އެހެންވިޔަސް އެއީ ކާކުކަން ވަގުތު ޒެހެންއަށް އެނގުނެވެ. ހިތް އުފަލުން ތެޅިލިއެވެ. އައިސް އޮތް މެސެޖު އޭނާ ކިޔާލިއެވެ. ގަލަން ބާއްވާފައި ދިޔަކަން ހޫރައިން ބުނެފައި އޮތެވެ. އަދި އޭނާއަކީ މީހުންގެ އެއްޗެހި ކަޓުވާލާ މީހެއްނޫންކަން ބުންޏެވެ. ބާރަށް ހީނގަންނަން ޒެހެން ބޭނުންވިއެވެ. އެހެންވިޔަސް އިނދެވުނީ ދަރިވަރުންތަކަކާއެކު ކުލާހެއްގައި ކަމަށްވާތީ އޭނާ ތުންފަތް ބައްދާލައިގެން އިނީއެވެ.
ހޫރައިން ދަރިފުޅު ބަލާދާން ޔުނިވަރސިޓީއިން ނުކުންނަން އައި ވަގުތެވެ. ދައްތާއޭ ކިޔާ އަންހެނަކު އޭނާއަށް ގޮވާލިއެވެ. ވަގުތު ނެތަސް ހޫރައިން މަޑުކުރިއެވެ. ކައިރިއަށް އައީ ދުވަސްތަކެއް ކުރީން އޭނާއަށް ފެނިފައިވާ މޫނެކެވެ. ޒެހެންއާއެކު ފެންނަ މޫނެކެވެ.
"އަހަންނަށް ކިޔަނީ ރަހުމާ. ވާހަކަދައްކާލެވިދާނެތަ؟." ރަހުމާ ބުންޏެވެ.
"މިވަގުތުތަ؟." ހޫރައިންއަށް އަހާލެވުނެވެ. އޭނާ މަޑުކޮށްފިނަމަ ޔޫކް ނިމޭގަޑިއަކަށް ނުދެވޭނެއެވެ.
"އާން. އަހަރެން މިވަގުތު ފްރީވީމަ." ރަހުމާ ބުންޏެވެ.
"އެކަމަކު މިދަނީ ވަރަށް އަވަހަށް ތަނަކަށްދާންޖެހިގެން." ހޫރައިން ބުންޏެވެ.
"ކޮންތާކަށްތޯ އަހާ ލެވިދާނެތަ؟" ރަހުމާ ކުރި ސުވާލަށް ޖަވާބުދިނުމުގެ ކުރީން ވިސްނާލިއެވެ. ފަރުވާތެރިކަމާއެކު ރަހުމާގެ މޫނަށް ހޫރައިން ބަލާލީ އޭނާގެ ގަސްދަކީ ކޮބައިކަން ނޭނގޭތީއެވެ. އަނެއްކޮޅުން އެ ގަޑީގަ ހޫރައިން ދާނީ ދަރިފުޅު ބަލާ ސްކޫލުދޮށަށްކަން އެކީގަ މަސައްކަތްކުރާން އުޅޭ އެންމެންނަށް އެނގޭނެއެވެ.
"ބުނެވެން ނެތީތަ؟." ހޫރައިންގެ ހިމޭންކަން ފެނި ރަހުމާ އަހާލިއެވެ.
"ސްކޫލު ދޮށަށް. ދަރިފުޅު ބަލާ. ލަސްވެއްޖެ... ދަނީ." ހޫރައިން މިހެން ބުނެ ހިނގައިގަތީއެވެ. ވަގުތުތަކެއް ރަހުމާގެ ކައިރީ ނަގާލުމުގެ ވިސްނުމެއް ނެތެވެ. އެއްވެސް ކަމަކަށްވުރެ ހޫރައިންއަށް މުހިންމުވާނީ ދަރިފުޅެވެ.
"ވަޓް!... ދަރީން ވެސް އެބަތިބި. ޒެން މޮޔަވީތަ ދުނިޔޭން. ބޮޑު މުސްކުޅިއަކާތަ އެވަރަށް ފްލާޓް އެކުރަނީ." ހޫރައިން ދިޔަ ދިމާއަށް ބަލަން ހުރި ރަހުމާގެ ހިތުގައި އެކި ޝުޢޫރުތައް އުތުރިގަތެވެ. އޭނާ އެތެރެއަށް ވަދެގެން އައިސް ލިފްޓަށް އެރިއެވެ. ތިންވަނަ ފަންގިފިލާއަށް ހުއްޓުނު ލިފްޓުގެ ދޮރު ހުޅުވުނު ވަގުތު އެ ދިމާ ހުރަސްކޮށް ޒެހެން ދަނީއެވެ. ރަހުމާ ހަލުވި ފިޔަވަޅުގައި ނުކުތެވެ. (ނުނިމޭ)