ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

އެކައުންޓެންޓުން ތަމްރީނު ކުރަން 150 ސްކޮލާޝިޕް

ޗާޓަޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނު ކުރަން 150 ސްކޮލާޝިޕް އިއުލާނު ކޮށްފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ވިދާޅުވީ މި ސްކީމްގެ ދަށުން 150 ސްކޮލަޝިޕް ދޫކުރާއިރު 50 ފުރުސަތު ރިޒާވް ކޮށްފައި ވާނީ ޕަބްލިކް ސެކްޓަރަށް ކަމަށާއި އަނެއް 100 ފުރުސަތަކީ ޕްރައިވެޓް ސެކްޓަރަށް ހުޅުވައިލާނެ ފުރުސަތުތަކެއް ކަމަށެވެ.

އަދި ވިދާޅުވީ ނަމަވެސް ޕަބްލިކް ސެކްޓަރަށް ރިޒާވްކުރާ ފުރުސަތުތައް ނުފުރިއްޖެނަމަ އެ ފުރުސަތުތައް ޕްރައިވެޓް ސެކްޓަރަށްށް ބަދަލު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. އިބްރާހިމް ވިދާޅުވި ގޮތުގައި ޗާޓަޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތައްޔާރުކުރާތީވެ، ސްކޮލަޝިޕް ފުރުސަތުތަކަށް ކުރިމަތިލުމުގައި އިސްކަން ދޭނީ ފުރަތަމަ ޑިގްރީއާ މާސްޓާ ޑިގްރީއަށް ހާއްސަކޮށްފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކަމަށެވެ.

މީގެ ތެރޭގައި އޭސީސީއޭ ސްކިލްސް ލެވެލް، އޭސީސީއޭ ޕްރޮފެޝަނަލް ލެވެލް، ސީމާ މެނޭޖްމަންޓް ލެވެލް، ސީމާ ސްޓްރެޓީޖިކް ލެވެލްއަށް ކުރިމަތިލައިގެން ޗާޓާޑް އެކައުންޓެންޓުންނަށް ވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ސްކޮލާޝިޕް ސްކީމްގެ ދަށުން ސަރުކާރުން ދޭ އިނާޔަތްތައް

  • ރަޖިސްޓްރޭޝަން ފީ
  • އެނުއަލް ސަބްސްކްރިޕްޝަން ފީ
  • އެގްޒެމްޝަން ފީ
  • އެގްޒާމް ފީ
  • ބުކް އެލަވަންސް
  • ޓިއުޝަން ފީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކޮލެޖް ނުވަތަ ޔުނިވާސިޓީތަކުން ކިޔަވާ ދަރިވަރުންނަށް އެކަނި)

"މި ސްކޮލާޝިޕް ސްކީމް އިއުލާނުކުރުމުގެ މައިގަނޑު މަގްސަދަކީ އެނގިވަޑައިގަންނަވާނެ މިއަހަރު ބޭއްވުނު ފަބްލިކް އެކައުންޓެންޓް ފޯރަމްގެ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފަ އެބަ ވޭ، މި ދާއިރާއަށް މީހުން ބިނާކުރުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރައްވަން ޖެހިފައިވާ ވާހަކަ. އަޅުގަނޑުމެން މިއަދު މި އިއުލާނުކުރާ ސްކޮލަޝިޕް ސްކީމަކީ ރައީސުލްޖުމްހޫރިއްޔާ އެ ވިދާޅުވި މަސައްކަތްޕުޅުތަކުގެ އެއް ބައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވެފައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބަލައިލާއިރު ވަރަށް ގިނަ އަދަދެއްގެ އެކައުންޓެންޓުން މަސައްކަތްކުރަމުން ދާ ކަމަށެވެ. މި ސަރުކާރަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެކައުންޓެންސީ ދާއިރާއިން މީހުން ބިނާކުރުމާއި، ވަޒީފާގެ ބާޒާރުގައި ތިބި ގިނަ އަދަދެއްގެ ބިދޭސީ އެކައުންޓެންޓުންގެ ބަދަލުގައި ދިވެހިން އެ ވަޒީފާތަކަށް ނެރުން ކަމަށް ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ކަން އެހެން އޮތްއިރު، މި އަހަރުގެ ކުރީކޮޅު އިއުލާނުކުރި ލޯނު ސްކީމްގައި ވެސް އެކައުންޓިން ދާއިރާއަށް ފުރުސަތުތަކެއް ރިޒާވްކުރެއްވި ކަމަށެވެ.