ދުނިޔެ

މުސްލިމުންނާ މެދު ތަފާތު ކުރާތީ އދ ގެ ވަރުގަދަ މެސެޖެއް

މުސްލިމުންނާ މެދު ތަފާތުކުރުންތައް ގެންގުޅުމަކީ އިންސާނީ ހައްގުތަކާއި ހިލާފުކަމެއް ކަމަށް އދގެ އިސް ދެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

އދ.ގެ ހާއްސަ ދެ އެޑްވައިޒަރުން ކަމަށްވާ އަޑަމާ ޑިއޭންގް އާއި ޖެނިފާ ވެލްޝް ގުޅިގެން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، ޓެރަރިސްޓުންގެ އަމަލުތަކުގެ ސަބަބުން ވަކި ބަޔަކާ މެދު ދެކޮޅުވެރިކަމާއި ރުޅިވެރިކަން ފެތުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި ހާއްސަކޮށް މުސްލިމުންނާ މެދު ދެކޭ ގޮތް ބަދަލުކުރުމަށް އާއްމު ބައެއް ބޭފުޅުން ކުރަމުންދާ މަސައްކަތަށް އެ ދެ ބޭފުޅުން ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން އެ ދެ ބޭފުޅުން ވަނީ އެމެރިކާގެ ބައެއް ސިޔާސީ ބޭފުޅުން މުސްލިމުން އެމެރިކާ އަށް ވަނުން މަނާ ކުރުމަށާއި، ގައުމީ ޑޭޓާބޭސް ގައި މުސްލިމުން ރެޖިސްޓާ ކުރުމަށާއި، މުސްލިމުން ހުރިހާ ގަޑިއެއްގައި ވެސް އައިޑީ ކާޑު ގެންގުޅުމަށް ގޮވާލި ގޮވާލުން ކުށްވެރިކޮށްފައެވެ.

އަޑަމާ ޑިއޭންގް އާއި ޖެނިފާ ވެލްޝް ވިދާޅުވީ، މުސްލިމުންނާ މެދު ރުޅިވެރިކަން ފެތުރުމަށާއި ތަފާތުކުރުން ގެންގުޅުމަށް ހިތްވަރު ދިނުމަކީ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާއި ހިލާފު ކަމެއް ކަމަށެވެ.

ޓެރަރިޒަމްގެ އަމަލުތަށް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވަމުން އެ ދެ ބޭފުޅުން ވިދާޅުވީ އެފަދަ އަމަލުތައް މުސްލިމުންނާ ގުޅުވުމުން މުސްލިމުންނާ މެދު ތަފާތު ކުރުން ބޮޑުވަމުންދާ ކަމަށެވެ.

އަޑަމާ ޑިއޭންގް އާއި ޖެނިފާ ވެލްޝް، އެމެރިކާގެ ސިޔާސީ ބޭފުޅުންނަށް ފާޑުވިދާޅުވެފައިވާއިރު، އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓް ހޯދެއްވުމަށް މަސައްކަތް ކުރައްވަމުންދާ ޑޮނަލްޑް ޓްރަންޕް ވަނީ އެމެރިކާއަށް މުސްލިމުން ވަނުން މަނާކޮށް، މުސްލިމުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މުސްލިމުންނަކީ ބިރުވެރި ބައެއް ކަމަސް ސިފަވާ ގޮތަށް ވާހަކަ ދައްކަވާފައެވެ.