ބޮލީވުޑް

ކުރީގެ ބަތަލާ މުމްތާޒް އަލުން ފިލްމު ކުޅޭކަށް ބޭނުމެއް ނޫން

ކުރީގެ މަޝްހޫރު ބަތަލާ މުމްތާޒު ފިލްމި ނުކުޅޭތާ ގިނަ ޒަމާންތަކެއް ފާއިތުވެފައިވާއިރު އަލުން ފިލްމީ ދުނިޔެއަށް އެނބުރި އައުމުގެ ވިސްނުމެއް އޭނާގެ އެއްގޮތަކަށް ވެސް ނެތެވެ. ދާދިފަހުން އޭނާއަށް ލިބުނު ރަނުގެ ފުރުސަތެއް ވެސް މުމްތާޒު ދޫކޮށްލާފައިވަނީ އަލުން ކެމެރާއާ ކުރިމަތިލާ ހިތްނެތީމަ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ އަލަށް ފަށަން އުޅޭ ވެބް ޝޯ "ހީރާމަންޑީ" އިން ވަރަށް މުހިއްމު ރޯލެއް އޭނާ މުމްތާޒަށް ހުށަހެޅި އެވެ. ނަމަވެސް މުމްތާޒު އެ ރޯލު ގަބޫލެއް ނުކުރި އެވެ. ފިލްމު ކުޅޭނެ މޫޑު ނެތީމަ ކަމަށް ބުނެފަ އެވެ.

ބާންސާލީ އަކީ މުމްތާޒުގެ ވަރަށް ބޮޑު ފޭނެކެވެ. މުމްތާޒުގެ ރަން ޒަމާން ކަމަށްވާ 1960 އާއި 1970ގެ އަހަރު ތަކުގައި އޭނާ ކުޅުނު ގިނަ ފިލްމުތައް ބާންސާލީ އަށް ވަރަށް ކަމުދެ އެވެ. އޭނާގެ ޑްރީމް ޕްރޮޖެކްޓަކުން މުހިއްމު ރޯލެއް މުމްތާޒަށް ހުށަހެޅީ އެހެންވެ އެވެ.

ނެޓްފްލިކްސް އަށް ބާންސާލީ ތައްޔާރުކުރާ "ހީރާމަންޑީ" އިން މުމްތާޒަށް ބާންސާލީ ހުށަހެޅީ މުޖްރާ ނެށުން ނަށާ އަންހެނެއްގެ ރޯލެވެ. ނަމަވެސް އެ އުމުރުގައި އޭނާ ނަށަން ފިރިމީހާ ހިތްހަމަނުޖެހޭނެ ކަމަށް މުމްތާޒު ބުނި ކަމަށް ވެއެވެ.

މުމްތާޒް، 74، ފިލްމު ކުޅެން ފެށީ އުމުރުން އެންމެ 11 އަހަރުގަ އެވެ. އެއީ 1958 ގައި ރިލީޒްކުރި "ސޯނޭ ކީ ޗިޅިޔާ" ގައެވެ. ނަމަވެސް މަޝްހޫރުކަން ލިބުނީ އޭގެ 11 އަހަރު ފަހުން 1969ގައި ކުޅުނު "ދޯ ރާސްތޭ" އިންނެވެ.

މުމްތާޒުގެ ރަން ޒަމާނުގައި އޭރުގެ މަޝްހޫރު ބަތަލުންނާއި އެތައް މިލިއަން ފިރިހެނުންނެއް އޭނާއަށް މަށަށް މަށަށް ގޮވި އެވެ. ނަމަވެސް ހުރިހާ މީހުންގެ ހިތް ހަލާކުކޮށްލާފައި މުމްތާޒު ކައިވެނިކުރީ މަޔޫރް މަދްވާނީ ކިޔާ ވިޔަފާރިވެރިއަކާ އެވެ. އަދި ކައިވެނިކުރިތާ މާގިނަ ދުވަސްތަކެއް ނުވެ ފިލްމު ކުޅުން ވެސް ހުއްޓާލީ އެވެ.

މުމްތާޒުގެ ދަރިފުޅު ނަތާޝާ ކައިވެނިކޮށްގެން އުޅެނީ ފީރޯޒް ޚާންގެ ދަރިފުޅު އަދި އެކްޓަރު ފަރްދީން ޚާން އާއެވެ.

ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި "ހީރާމަންޑީ"ގެ ފުރަތަމަ ސީޒަންގައި ހިމެނޭނީ އެއް ގަޑިއިރުގެ ހަތް އެޕިސޯޑެވެ. ފުރަތަމަ އެޕިސޯޑާއި ފަހު އެޕިސޯޑް ޑައިރެކްޓްކުރާނީ ބާންސާލީ އެވެ. ދެން ހުރި އެޕިސޯޑުތައް އޭނާގެ އެސިސްޓެންޓުންގެ ގޮތުގައި މަސައްކަތްކުރާ މީހުން ޑައިރެކްޓް ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.