ބޮލީވުޑް

"ސާވަރިޔާ"ކުޅެން ލިބުނުއިރު އަހަރެން ހުރީ ރިހެބްގައި: ޕްރަތީކް

ޕްރަތީކް ބައްބަރް އަކީ މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ ސްމީތާ ޕާޓިލް އާއި ރާޖް ބައްބަރްގެ ހުރި ހަމައެކަނި ދަރިފުޅެވެ.

ސްމީތާ މަރުވީ ޕްރަތީކް ވިހެއުމުގެ ތެރޭގައި ލިބުނު ޒަހަމްތަކެގެ ސަބަބުންނެވެ. ސްމީތާ އަކީ އޭނާގެ ޒަމާނުގައި ވަރަށް މަޝްހޫރު ބަތަލާ އެކެވެ. ސްމީތާގެ ރީތި ކަމަށް ވުރެ ގިނަ ބަޔަކަށް އޭނާ މަގްބޫލުވީ އެކްޓްކުރުމުގެ ހުނަރުގެ ސަބަބުންނެވެ.

ޕްރަތީކްގެ ކިބައިގައި އޭނާގެ މައިންބަފައިންގެ ފަރާތުން ވާރުތަވެފައިވާ މި ހުނަރު އެބަހުރިކަން މިހާތަނަށް އޭނާ ކުޅެފައިވާ ފިލްމުތަކުން ސާބިތުވެ އެވެ. އަދި އޭނާގެ ދިރިއުޅުން ބަނަވެފައި ނެތް ކަން ޕްރަތީކްއަށް ބޮލީވުޑުން ވަރަށް އުންމީދީ ރަނގަޅު ފެށުމެއް ލިބުމުން އެނގެ އެވެ. އެއީ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީގެ "ސާވަރިޔާ" އިން ބޮލީވުޑަށް ތައާރަފްވުމުގެ ފުރުސަތު ޕްރަތީކް އަށް ލިބުމުންނެވެ.

ބާންސާލީ އެ ފިލްމު ފުރަތަމަ ހުށަހެޅީ ޕްރަތީކް އަށެވެ. ނަމަވެސް އޭރު އޭނާ ހުރީ ރިހެބްގަ އެވެ. މަސްތުވާއެއްޗެތީގެ ޝިކާރައަކަށްވެ އެކަމުން ސަލާމަތް ނުވެވިފަ އެވެ. ތަރުބިއްޔަތު ކުރާނެ ރަނގަޅު މަޔަކު ނެތުމުން ދިރިއުޅުން އަނދިރި ފުން ވަޅުގަނޑަކަށް ވެއްޓިފައިވާ ހާލަތެއްގަ އެވެ.

އެންމެ ފަހުން މަސްތުގެ ދުނިޔެއިން ނުކުމެ ޕްރަތީކް ބޮލީވުޑަށް ނުކުތީ "ޖާނޭ ތޫ... ޔާ ޖާނެ ނާ"ގެ ސަޕޯޓިން އެކްޓަރުގެ ރޯލުންނެވެ. މިއީ އިމްރާން ޚާނާއި ޖެނޭލިއާ ޑިސޫޒާ ވެސް ތައާރަފްވީ ފިލްމެވެ.

ދާދިފަހުން ޕްރަތީކް ދީފައިވާ އިންޓަވިއު އެއްގައި ބުނީ އޭނާ ތައާރަފްކޮށްދިނުމުގެ ޒިންމާ ނަގަން ބާންސާލީ ބޭނުންވި ކަމަށެވެ. ނަމަވެސް އޭނާ އެ ދުވަސްވަރު ރިހެބްގައި ހުރުމުން އެ ފިލްމު ރަންބީރު ކަޕޫރަށް ދިނީ އެވެ. "ސާވަރިޔާ" އަކީ ރަންބީރު އާއި ސޯނަމް ކަޕޫރު ތައާރަފްވީ ފިލްމެވެ.

"ބާންސާލީ އަހަރެންގެ ގޭގެ ލޭންޑްލައިން ނަމްބަރަށް ގުޅީ. އޭރު އަހަންނަށް 18 އަހަރު. އަހަރެން ހުރީ ރިހެބްގައި. އޭރު އަހަރެން ވަރަށް ޅަ. ބާންސާލީ ގުޅީ އަހަންނަށް "ސާވަރިޔާ"ގެ ލީޑް ރޯލު ދޭން ވެގެން. ރިހެބްގައި ހުރީމަ ކިހިނެއް އެ ދުވަސްވަރު ފިލްމު ކުޅޭނީ. އަހަރެންގެ މާމަ އާއި ކާފަ (ސްމީތާގެ މަންމަ އާއި ބައްޕަ) އެ ވާހަކަ އަހަރެން ކައިރީ ބުނީ އެތައް އަހަރެއް ފަހުން،،" ޕްރަތީކް ބުންޏެވެ.

ޕްރަތީކް ބުނި ގޮތުގައި "ސާވަރިޔާ" ގެއްލުނަސް އޭނާ އެކަމާ ހިތާމައެއް ނުކުރެ އެވެ. ސަބަބަކީ އޭރު އޭނާ ފިލްމު ކުޅުމުގެ އެއްވެސް ވިސްނުމެއް ނެތީމަ އެވެ.

"އަހަރެންގެ މައިންބަފައިންނަކީ ވަރަށް މޮޅު އެކްޓަރުންނަށް ވާތީ އަހަރެން ބޭނުންވީ 'ރޮކްސްޓާ"އަކަށް ވާން. އިސްތަށިގަނޑު ދިގުކޮށް ލޮލުގައާއި ތަންތަނުގައި މޭކަޕް ހާކައިގެން ސްޓޭޖަށް އަރާ ބާރަށް ހަޅޭއްލަވާ ލަވަ ކިޔާ ހަދަން. އޭގެ ކުރިން ބޭނުންވީ ކްރިކެޓް ކުޅުންތެރިއަކަށް ވާން،" ޕްރަތީކް ބުންޏެވެ.

ޕްރަތީކްގެ ފިލްމީ ކެރިއަރުގައި މިހާތަނަށް ގިނަ ފިލްމުތަކެއް ކުޅެފި އެވެ. އޭގެ ތެރޭގައި "ދަމް މާރޯ ދަމް"، "މައި ފްރެންޑް ޕިންޓޯ"، "އޭކް ދީވާނާ ތާ"، "ޗިޗޯރޭ"، އަދި "ފޯ މޯ ޝޮޓްސް ޕްލީޒް" ހިމެނެ އެވެ. ނަމަވެސް އެއްވެސް ފިލްމަކުން އޭނާގެ ހުނަރާއި ގާބިލްކަމާ އެއްވަރުގެ ކާމިޔާބެއް އޭނާއަކަށް ނުހޯދުނެވެ.