ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބަތަލާ އަދި ނެށުންތެރިޔާ ނޯރާ ފަތޭހީ ބުނެފި އެވެ.
ސޯޝަލް މީޑީއާގައި ޝެއާ ކޮށްފައިވާ ޕޯސްޓެއްގައި ނޯރާ ބުނެފައިވަނީ އޭނާ އަށް ކޮވިޑުގައި ވަރަށް ބޮޑު ވަރުވަމުންދާ ކަމަށާއި އެނދުން ވެސް ނުތެދުވެވޭ ވަރަށް ބަލި ކަމަށެވެ. އަދި ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް އަމަލު ކުރަމުންދާ ކަމަށްވެސް ނޯރާ ބުންޏެވެ.
ކޮވިޑް ވަރަށް ބާރު ސްޕީޑުގައި ފެތުރެމުންދާ ކަމަށާއި އެންމެންވެސް މާސްކް އަޅައިގެން ރައްކާތެރިވެ އުޅުމަށް ނޯރާ އިލްތިމާސް ކުރި އެވެ.
ކޮވިޑް ޖެހުނުކަން އިއުލާންކުރުމުގެ އެއް ދުވަސްކުރިން ނޯރާ އިވެންޓެއްގައި ބައިވެރިވި ކަމަށް ދެކެވޭ ވާހަކަތައް އޭނާގެ ޓީމުން ވަނީ ދޮގުކޮށްފަ އެވެ.
ފާއިތުވީ އެތައް ދުވަހަކުއްސުރެ ނޯރާ އުޅެނީ ބަލިވެ ކަމަށާއި ބޭރަށް ނުނިކުންނަ ކަމަށް ނޯރާގެ ޓީމުން ޔަގީން ކޮށްދެ އެވެ. އަދި ޓީވީން ފެންނަ މަންޒަރުތަކަކީ އޭނާ ބަލިވުމުގެ ކުރިން ބައިވެރިވެފައިވާ އިވެންޓްތަކެއްގެ މަންޒަރުތަކެއް ކަމަށްވެސް އޭނާގެ ޓީމުން ބުނެ އެވެ.
ކޮވިޑް-19ގެ އެންމެ ފަހުން ފެނިފައިވާ ވޭރިއަންޓް ކަމަށްވާ އޮމިކްރޮން އިންޑިއާ އާއި ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ވަރަށް ބާރަށް ފެތުރެން ވަނީ ފަށާފަ އެވެ. އަދި ކޮވިޑްގެ ސުނާމީއެއް ދުނިޔެއަށް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ދީފަ އެވެ.