އެމެރިކާ ކަނޑުގެ ސިފައިން އަރަބި ކަނޑުން ހަތަރު މިލިން ޑޮލަރުގެ ހެރޮއިން ހިފަހައްޓައިފި ކަމަށް ބުނެފި އެވެ.
ޑްރަގްތައް އަތުލައިގެންފައިވަނީ ކަނޑު އުޅަނދުފަހަރު ފަހާ ދުއްވައިގެން ކަަމަށް ވެސް އޮފިސަރު ވިދާޅުވި އެވެ.
ކޯސްޓް ގާޑުން ނޫހަށް މައުލޫމާތު ދެމުން ބުނި ގޮތުގައި މަސްތުވާތަކެތި އަތުލައިގަތް އުޅަނދު ނިސްބަތްވާ ގައުމެއް ވެސް އެނގޭކަށް ނެތެވެ.
އޮފިސަރު ވިދާޅުވި ގޮތުން ޑްރަގްތައް ނައްތާލަން ގަސްދުކޮށްފައި އޮތީ ކަނޑުމަތީގައި އެމީހުންގެ ކުރިމަތީގަ އެވެ.
ޑްރަގް އޮޑީގައި ތިބީ މުޅިން ވެސް އީރާން ރައްޔިތުން ކަމަށް ފަޅުވެރިން ބުނި ކަމަށް ކޯސްޓްގާޑުން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އުޅަނދު ނިސްބަތްވާ ގައުމެއް އެމީހުންގެ ފަރާތުން ސާފު ނުވާ ކަމަށް ވެސް ބުންޏެެވެ.
ރޯޔަލް ނިއުޒިލޭންޑް ނޭވީ ކެޕްޓަން ބްރެންޑާން ކްލާކް ވިދާޅުވި ގޮތުގައި ޑްރަގް ވިޔަފާރިކުރާ މީހުން އަތުލައި ނެޓްވޯކްތައް ބަންދުކުރުމަށް ގައުމުތައް ގުޅިގެން ދުނިޔޭގެ ކަނޑުތައް ބެލެހެއްޓުން ވަރަށް މުހިންމެވެ.
އޭނާ ވިދާޅުވީ ޑްރަގް ނެޓްވޯކްތައް ކަނޑުމަގުން އޮޕަރޭޓް ކުރުމަށް ވަކި ސިޔާސަތުތަކެއް އެމީހުން ގެންގުޅޭ ކަމަށާއި ޑްރަގް އޮޑިތައް ވެސް ހުންނަނީ ކަނޑުފޭރޭ އުޅަނދުތަކެއް ގޮތަށް ކަމަށެވެ.
ޑްރަގް އޮޑިތައް ކަނޑު ހުރަސްކޮށް ވަކި ހިސާބަކަށް ވަދެ ޑްރަގްތައް ކަނޑުފައްތާފައި ދިއުމުން އެ ނަގަން އެހެން އުޅަނދެއް އަންނަ ކަމަށާއި، ޑްރަގް ނެޓްވޯކް ގަތާލެވިފައި އޮންނަނީ އެތައް ބައިވަރު ކުދި ގުރޫޕްތަކެއް ހިމެނޭ ގޮތަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.