ބޮލީވުޑް

"ދޭވްދާސް" ކަމަކު ނުދެއޭ ބާންސާލީ ކައިރީ ބުނިން: އާމިރު

ބޮލީވުޑްގައި ހުރި އެންމެ މޮޅު އެންމެ ޕާފެކްޓް އެކްޓަރަކީ އާމިރު ޚާން ކަމަށް އިންޑަސްޓްރީގެ ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އަދި ހިންދީ ފިލްމު ބެލުމަށް ލޯބިކުރާ ގިނަ ބަޔަކު ވެސް ގަބޫލުކުރާ ގޮތުގައި އާމިރު އެ ފިލްމެއްގައި ބައިވެރިވާނަމަ އެ ފިލްމެއް ރީތިވެފައި މޮޅުވާނެ އެވެ. އެހެން ކަމުން ބޮލީވުޑްގެ ބައެއް މަޝްހޫރު ޑައިރެކްޓަރުން އުފައްދާ ފިލްމުތައް އާމިރަށް ކަމު ނުދިއުމަކީ ވެސް ހަމަ ވަރަށް އެކަށީގެންވާ ކަމެކެވެ.

ބޮލީވުޑް ޑައިރެކްޓަރުންގެ ތެރެއިން ސަންޖޭ ލީލާ ބާންސާލީ އަކީ އެންމެ މޮޅު ފިލްމުތައް އުފައްދާ ކަމަށް މަޝްހޫރު މިހެކެވެ. ނަމަވެސް އާމިރަށް ބާންސާލީގެ ފިލްމުތަކެއް ވެސް ކަމަކު ނުދެ އެވެ. އެގޮތުން ބާންސާލީ އުފެއްދި "ދޭވްދާސް" ކަމުނުދާ ކަމަށް ބާންސާލީ ކައިރީގައި އާމިރު ބުންޏެވެ.

ކަރަން ޖޯހަރް ހޯސްޓްކުރާ ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ގެ އެޕިސޯޑެއްގައި އާމިރު އާއި އޭނާގެ ކުރީގެ އަންހެނުން ކިރަން ރާއޯ ބައިވެރިވެ ދެއްކި ވާހަކަތަކުގައި މި ކަން ވީ ގޮތް ކިޔައިދީފައި ވެއެވެ.

އާމިރު ބުނި ގޮތުގައި ޝާހް ރުކް ޚާންގެ ގޭގައި އޮތް ޕާޓީއެއްގެ ތެރެއިން ބާންސާލީ އާ ބައްދަލުވުމުން "ދޭވްދާސް" ކިހިނެއްތޯ އޭނާ އާމިރު އާ ސުވާލު ކުރި ކަމަށެވެ. ކަމު ނުދާ ކަމަކަށް ވަގުތުން ބާންސާލީ ކައިރީގައި ބުނި ކަމަށާއި އެކަމާ ބާންސާލީ ކުޑަކޮށް ހިތްހަމަ ނުޖެހުނުކަން އެނގުނު ކަމަށް ވެސް އާމިރު ބުންޏެވެ.

"އޭނަ [ބާންސާލީ] އަހަރެން ކައިރީ އެހީ ކިހިނެއްހޭ "ދޭވްދާސް" އާ މެދު ދެކެނީ. ރަނގަޅުހޭ؟ އެހީމަ އަހަރެން ބުނިން އަހަންނަކަށް ކަމަކު ނުދެއޭ. ދެން އޭނާ އަހަރެން ކައިރީގައި އެހީމަކަ އަހަންނަކަށް ދޮގެއް ނުހެދޭނެއެއްނު. އަހަރެން ބުނާނީ އަހަރެން ދެކޭ ގޮތެއްނު،" އާމިރު ބުންޏެވެ.

އާމިރު އަކީ މީހަކު ރުޅި އަތުވެދާނެ ކަމަށް ދޮގު ތައުރީފުކުރާ އެކްޓަރެއް ނޫނެވެ. އޭނާއަށް ފެންނަ އެއްޗެއް ސާފު ސީދާ ތެދު ބަހުން އަބަދުވެސް ކޮންމެ މީހެއް ކައިރީ ވެސް ބުނާ ކަމަށް މުޅި ފިލްމު އިންޑަސްޓްރީގައި ވެސް މަޝްހޫރުވެފައިވާ އެކްޓަރެކެވެ. ވީމާ ބާންސާލީ ހިތްހަމަ ނުޖެހުނަސް އޭނާ ތެދު ބަހުން އެ ވާހަކަ ބުނީ އެވެ.

އާމިރު ބުނި ގޮތުގައި އޭނާ އެއްވެސް ފިލްމެއް ޖަޖެއް ނުކުރެ އެވެ. އަދި އެއީ މޮޅު ފިލްމެކޭ ނުވަތަ ފީކަޅާ ފިލްމެކޭ އޭނާ އެއް ނުނިންމަ އެވެ.

"އަހަރެން ފިލްމުތައް ޖަޖުކޮށެއް ނޫޅެން. އަހަރެން މީ ކާކު ޖަޖް ކުރަން. އަހަރެން ބުނަނީ އަހަންނަށް އެ ފިލްމު ކަމުދެއޭ ނުވަތަ ކަމަކު ނުދެއޭ. އަހަރެން ބުނަނީ ހަމައެކަނި އަހަރެންގެ ޚިޔާލު. އަހަރެން ނުބުނާނަން އެއްވެސް ފިލްމެއް ގޯހެކޭ. އަހަރެންނަށް ކަމުދާ ޒާތުގެ ފިލްމެއް ނޫނޭ އަހަރެން ބުނާނީ،" އާމިރު ބުންޏެވެ.

ޕްރޮފެޝަނަލް ރޮނގުން ބަލާއިރު އާމިރު މިހާރު ތައްޔާރުވަނީ "ލާލް ސިންގް ޗައްޑާ" ރިލީޒް ކުރުމަށެވެ. އާމިރުގެ ބަތަލުގެ ބައި ކުޅެ އަދި ކަރީނާ ކަޕޫރު ބަތަލާގެ ބައި ކުޅެފައިވާ މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ އެޕްރީލް މަހުގެ 14 ވަނަ ދުވަހު އެވެ.