ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނެހާ ކައްކަރް މާ ބޮޑަށް ފަލަވެގެން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އޭނާއަށް މަލާމާތް ކޮށްފި އެވެ. އެންމެ ކުރިން ގިނަ ބަޔަކު ހީކުރީ ނެހާ ބަނޑުބޮޑީ ކަމަށެވެ. ސަބަބަކީ އޭނާ ފަލަވެފައި ހުއްޓާ ފެންނަން ފެށީ ކައިވެނީގެ ފަހުން ކަމަށް ވާތީ އެވެ.
ނަމަވެސް މި ވާހަކަތައް މާ ގިނަގިނައިން ނޫސްތަކުގައި ލިޔަން ފެށުމުން ނެހާ އާއި ފިރިމީހާ ރޯހަންޕްރީތު ސިންގް ވަނީ ވީޑިއޯއެއްގެ ޒަރިއްޔާއިން ހުރިހާ ފޭނުންނަށް މިކަން ވީ ގޮތް އޮޅުން ފިލުވައިދީފަ އެވެ. މި ވީޑިއޯގައި ނެހާ ބުނީ ފާއިތުވީ ދުވަސްތަކުގައި އޭނާ ތަންކޮޅެއް ފަލަވެ ބަނޑުގައި މަސް ޖަހާފައި ހުރީ ކަމަށާއި ބަނޑުބޮޑެއް ނޫން ކަމަށެވެ.
ނެހާ ފަލަކަމުން މަލާމާތްކުރަން އޭނާ ބަނޑުބޮޑު ނޫންކަން އެނގުނު ހިސާބުންނެވެ.
ދާދިފަހުން ގޯއާގައި އޮތް ކޮންސެޓެއްގައި ލަވަކިޔުމަށްފަހު ނެހާ އެނބުރި އައިސް މުމްބައި އެއާޕޯޓަށް ފޭބި ތަނުން ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވުމުން އެ ފޮޓޯތަކަށް ކޮމެންޓު ކުރި ގިނަ ބަޔަކު ނެހާ ފަލަކަމުން ވަރަށް ފާޑު ފާޑުގެ އެއްޗެތި ކިޔައި ކޮމެންޓު ކޮށްފައި ވެއެވެ.
އެތަނުން އެކަކު ބުނީ އޭނާ ހީކުރީ އެއީ ނެހާ ނޫން ކަމަށާއި ކޮމެޑީއަން ބާރްތީ ސިންގް ކަމަށް ކަމަށެވެ.
"ފުރަތަމަ އަހަރެން ހީކުރީ ބަނޑުބޮޑީ ކަމަށް. ދެން އަހަންނަށް ހީވީ ނެހާ އެއް ނޫނޭ އެއީ ބާރްތީ ސިންގް އޭ،" އެކެއްގެ ކޮމެންޓުގައި ވެއެވެ.
ސޯޝަލް މީޑިއާގެ މިޒަމާނުގައި ސެލެބްރިޓީންނަށް ހީނުކުރާ ވަރުގެ މަލާމާތައި ފުރައްސާރައާ ވަރަށް ފަސޭހައިން ކުރިމަތިވެ އެވެ. ސަބަބަކީ އެމީހަކު ދައްކަން ބޭނުން ކޮންމެ ވާހަކައެއް އަދި ކިޔަން ބޭނުން ކޮންމެ އެއްޗެއް ވަރަށް ފަސޭހައިން ކިޔާލެވޭނެ ފުރުސަތު ލިބޭތީ އެވެ. އަދި އެ މަލާމާތް ރައްދުވާ މީހާއާ ހަމައަށް ވެސް ވަރަށް ފަސޭހައިން އެ މެސެޖު މިހާރު ފޯރާތީ އެވެ.