ލަވަކިޔުންތެރިޔާ ފަލްގޫނީ ޕާތަކްގެ "މައިނޭ ޕާޔަލް ހޭ ޗަންކާއީ" އަކީ ތަންކޮޅެއް ކުރިން ވަރަށް މަޝްހޫރުވި ގިނަ ބައެއް ފޭވަރިޓް ލަވައެކެވެ.
ފަލްގޫނީ އަކީ އިންޑީ-ޕޮޕް ލަވަ ކިޔައިގެން 90ގެ އަހަރުތަކާއި 2000ގެ އަހަރުތަކުގައި ވިދާލި ލަވަކިޔުންތެރިއެކެވެ.
ފަލްގޫނީ ކިޔާފައިވާ ހުރިހާ ލަވަތަކެއް އެކިއެކި ފިލްމުތަކުގައި ބޭނުންކޮށްފައިވެ އެވެ. އަދި އޭނާގެ ލަވަތަކަށް ތައްޔާރުކޮށްފައިވާ މިއުޒިކް ވީޑީއޯތަކުގައި ވެސް މުޅިން އެކްޓްކޮށްފައިވަނީ އޭރުގެ އެންމެ މަޝްހޫރު އެކްޓަރުންނެވެ.
މިހާ މަޝްހޫރު ލަވަކިޔުންތެރިޔެއްގެ އެހާމެ މަގްބޫލު ލަވައެއްގެ ރިމިކްސް ތައްޔާރުކޮށް ނެރުމަކީ ލަވައިގެ ފޭނުން ވަރަށް ހިތްހަމަނުޖެހޭނެ ކަމެއް ކަން ޔަގީނެވެ. މިފަހަރުވެސް ވީ ހަމަ އެގޮތެވެ.
ލަވަކިޔުންތެރިޔާ ނެހާ ކައްކަރް ދާދިފަހުން ވަނީ "މައިނޭ ޕާޔަލް ހޭ ޗަންކާއީ"ގެ ރިމިކްސްއެއް އޭނާގެ އަޑުން ރެކޯޑްކޮށް ނެރެފަ އެވެ. އެއާއެކު މީހުންތައް އޭނާއާ ދިމާކޮށް މަލާމާތްކުރަން ފެށީ ވަކި ވަރެއް ބަލައިގެނެއް ނޫނެވެ.
މި ލަވައިގެ މިއުޒިކް ވީޑީއޯގައި ފެންނަނީ ނެހާ އާއި ޕްރިޔަންކް ޝަރުމާ އަދި ދަނަޝްރީ ވަރްމާ އެވެ.
މި ލަވަ އިންޓަނެޓުގައި ރިލީޒްކުރުމާއެކު ނެހާ އަށް މަލާމާތްކުރަމުން އެކަކު ބުނެފައިވަނީ އޮޓޯ-ޓިއުން ނުކޮށް ނެހާ އަށް ލަވަކިޔޭލެއް ހުތުރުކަން މި ލަވައިން ހާމަވެއްޖެ ކަމަށެވެ.
ހިމަންޝޫ ކަންޑެލްވާލް ނަމަކަށް ކިޔާ މީހަކު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އޭނާގެ ކުޑައިރުގެ އެންމެ ފޭވަރިޓް ލަވަޔަށް ކުރަފި އެރުވީތީ ނެހާ ކައްކަރް ޖަލަށް ލާން ޖެހޭ ކަމަށެވެ.
ކިމް ވެކްސިއާގެ ނަމުގައި ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ކައްކަރް އާއިލާގެ ތިން ބޭން ލަވަ ކިޔައި މިއުޒިކް ވީޑީއޯތައް ރިލީޒްކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ.
އެންމެންވެސް ކުރީ ގާތްގަނޑަކަށް އެއް ކަހަލަ ޝަކުވާ އެކެވެ. ކުޑައިރުގެ ފޭވަރިޓް ލަވަ ޚަރާބުކޮށްލުމުގެ ޝަކުވާ އެވެ.