ބޮލީވުޑް

އަރިޖީތު އާއި ނެހާ ކައްކަރް ލަވައެއް ކިޔައިދޭ އަގު އެނގޭތަ؟

ބީ ޕްރާކް، އަރިޖީތު ސިންގް އަދި ނެހާ ކައްކަރް އަކީ މިހާރު ހިންދީ މިއުޒިކްގެ ދުނިޔޭގައި އެންމެ ވިދާ ލަވަކިޔުންތެރިންނެވެ. ބީ ޕްރާކް މަޝްހޫރުވެގެން ދިޔައީ އަކްޝޭ ކުމާރުގެ "ކެސާރީ"ގައި ހިމެނޭ އެންމެ ރީތި ލަވަ "ތެރި މިއްޓީ" ކިޔައިދީގެންނެވެ. އަރިޖީތު އާއި ނެހާ އަކީ ފާއިތުވީ އެތައް އަހަރަކުއްސުރެ ރީތި ލަވަތަކެއް މިއުޒިކް އިންޑަސްޓްރީއަށް ދޫކުރަމުން އަންނަ ލަވަކިޔުންތެރިންނެވެ.

މީގެ އިތުރުން ޝްރެޔާ ގޯޝާލް އާއި ގުރޫ ރަންދަވާ އަދި ބާދްޝާހް އަކީ ވެސް ބޮލީވުޑްގައި މިހާރު އެންމެ ނަގާކިޔާ ލަވަކިޔުންތެރިންނެވެ.

މި ލަވަކިޔުންތެރިން ހިންދީ ފިލްމަކަށް ލަވައެއް ކިޔައިދޭ އަގު އިނގޭ ހެއްޔެވެ؟ މިފަހަރު މި ހިމަނާލަނީ މި ލަވަކިޔުންތެރިން ލަވަކިޔައިދޭ އަގުތަކެވެ.

އަރިޖީތު ސިންގް – "އާޝިގީ 2"ގެ ލަވަތައް ކިޔައިދީގެން މަޝްހޫރުކަން ހޯދި އަރިޖީތު އަކީ މިހާރު ބޮލީވުޑްގެ އެއްވަނަ ލަވަކިޔުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެ އެވެ. އޭނާގެ އަސަރުގަދަ އަޑާއި ލަވަކިއުމުގެ ހުނަރުވެރިކަން އެހެން އެންމެންނާ ތަފާތު ކަމަށް ގަބޫލުކުރާ މީހުން ގިނަ އެވެ.

"ޗަންނާ މޭރޭޔާ" ފަދަ ރީތި ލަވަތައް ވިރުވާއަޅައިދީފައިވާ 34 އަހަރުގެ މި ލަވަކިޔުންތެރިޔާ މިހާރު ލަވައެއް ކިޔައިދެނީ 15 ލައްކަ ރުޕީސް އަށް ކަމަށް ޖީކިއު އިންޑިއާގައިވާ ރިޕޯޓެއްގައި ބުނެފައި ވެއެވެ.

ނެހާ ކައްކަރް – މި ޒަމާނުގެ ލަވަތަކަށް ލޯބިކުރާ ގިނަ މީހުންނަށް ނެހާގެ އަޑު ވަރަށް ކަމުދެ އެވެ. އަދި އޭނާގެ ލަވަކިއުމުގެ ސްޓައިލް ވެސް ޒުވާނުންނަށް ކަމުދާތީ ނެހާގެ ކޮންމެ ލަވައެއްހެން ސުޕަހިޓަކަށް ވެއެވެ. ނެހާ މިހާރު ލަވައެއް ކިޔައިދެނީ 10-15 ލައްކަ ރުޕީސް އަށް ކަމަށް ޖީކިއު އިންޑިއާގެ ރިޕޯޓުގައި ވެއެވެ.

ބާދްޝާހް - މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ލަވަކިޔުންތެރިޔާ އަދި ރެޕާ ބާދްޝާހް އެންމެ ލަވަޔަކަށް 20 ލައްކަ ރުޕީސް ޗާޖްކުރެ އެވެ. "އަބީ ތޮ ޕާޓީ ޝުރޫ ހުވީ ހޭ" ފަދަ ބްލޮކްބަސްޓާ ލަވަތައް ކިޔައިދީފައިވާ ބާދްޝާހް އަކީ ވެސް ޒުވާނުންގެ މެދުގައި ވަރަށް މަގްބޫލު ލަވަކިޔުންތެރިއެކެވެ.

ގުރޫ ރަންދަވާ – ގުރޫ އަކީ ބޮލީވުޑް މިއުޒިކް އިންޑަސްޓްރީގެ އިތުރުން ޕަންޖާބް މިއުޒިކް އިންޑަސްޓްރީގައި ވެސް ވަރަށް ބޮޑު ކާމިޔާބުތަކެއް ހޯދަމުންދާ ޒުވާން ލަވަކިޔުންތެރިއެކެވެ. އޭނާ ކިޔައިދޭ ކޮންމެ ލަވައަކަށް 15 ލައްކަ ރުޕީސް ޗާޖް ކުރެ އެވެ.

ޝްރެޔާ ގޯޝާލް – ލަތާ މަންގޭޝްކަރް އާއި އާޝާ ބޯސްލޭ ފަދަ ލަވަކިޔުންތެރިންގެ ޒަމާނަށްފަހު ހިންދީ މިއުޒިކް އިންޑަސްޓްރީން އެރި އެންމެ އަލިގަދަ ތަރިއަކީ ޝްރެޔާ ގޯޝާލް އެވެ. ޝްރެޔާގެ އަޑު ކަހަލަ ރީތި އަންހެނެއް އަޑެއް މީން ޒަމާނަކުވެސް މިއުޒިކް އިންޑަސްޓްރީއަށް އުފަން ވެފައެއް ނުވެ އެވެ. "ޖާދޫ ހޭ ނަޝާ ހޭ" ފަދަ ރީތި ލަވަތައް ކިޔައިދީފައިވާ ޝްރެޔާ ކޮންމެ ލަވައަކަށް 20-25 ލައްކަ ރުޕީސް ޗާޖްކުރާ ކަމަށް ވެއެވެ.

ސުނީދީ ޗައުހާން – ޝްރެޔާ އާ އެންމެ ކައިރިން ވާދަކުރާ އަންހެން ލަވަކިޔުންތެރިންގެ ތެރޭގައި ސުނީދީ ހިމެނެ އެވެ. ސުނީދީ މިހާރު ކޮންމެ ލަވައަކަށް 10-15 ލައްކަ ރުޕީސް ނަގަ އެވެ.

ބީ ޕްރާކް – 'ތެރީ މިއްޓީ"އިން މަގްބޫލުކަން ހޯދި ބީ ޕްރާކް ވެސް ލަވައެއް ކިޔައިދެނީ 10-15 ލައްކަ ރުޕީސް އަށެވެ.