އިންޑިއާގެ ލަވަކިޔުންތެރިޔާ ފަލްގޫނީ ޕާތަކްގެ "މައިނޭ ޕާޔަލް ހޭ ޗަންކާއީ"ގެ ރިމިކްސް ނެހާ ކައްކަރްގެ އަޑުން ރެކޯޑްކޮށް ރިލީޒްކުރުމުން އެކަމާ ހިތްހަމަނުޖެހުނީ ފޭނުން އެކަންޏެއް ނޫނެވެ. ޚުދް ފަލްގޫނީ ވެސް ވަނީ ނެހާ އޭނާގެ ލަވަ ޚަރާބުކޮށްލައިގެން އެކަމާ ހިތްހަމަނުޖެހިފަ އެވެ.
ސޯޝަލް މީޑީއާގައި ޝެއާކުރި މެސެޖެއްގައި ފަލްގޫނީ ބުނެފައިވަނީ އޭނާއަށް ވެގެން ވާނަމަ ނެހާ އަށް ދައުވާ ކުރާނެ ކަމަށެވެ. ނަމަވެސް ލަވައިގެ ކޮޕީ ރައިޓްސް އޭނާގެ އަތުގައި ނެތުމުން އެކަން ކުރެވެން ނެތް ކަމަށް ފަލްގޫނީ ބުނެފައިވެ އެވެ.
ފަލްގޫނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ލިޔެފައިވާ ގޮތުގައި އޭނާ ކިޔާފައިވާ ލަވައިގެ ރިމިކްސް ތައްޔާރުކުރުމުގެ ކުރިން އެއްވެސް މީހަކު އޭނާގެ ޚިޔާލެއް ހޯދާފައެއް ނުވެ އެވެ. އެހެންވެ އެކަމާ އޭނާ ވަރަށް ހިތާމަ ކުރެ އެވެ.
ނެހާ އަށް ގިނަ ބަޔަކު ކުރިމަތިކުރަމުންދާ މަލާމާތަށް އޭނާ ވެސް ޖަވާބު ދީފައި ވެއެވެ. ނަމަވެސް އޭނާ ކުރި ކަންތައް ދިފާއުކުރުމުގެ ބަދަލުގައި ނެހާ ދައްކާފައި ހުރީ އޭނާގެ ކާމިޔާބީތަކުގެ ވާހަކަ އާއި ފޭނުންނަށް އޭނާގެ ލަވަތައް މަގުބޫލު ވާހަކަ އެވެ.
މިހާ ހިސާބަކަށް އޭނާ އައިސްފައި ވަނީ އަމިއްލަ ހުނަރާއި ގާބިލްކަމުން އަދި ފޭނުން ދިން ލޯބިން ކަމަށް ނެހާ ބުނެފައި ވެއެވެ.
އޭނާއަށް ފާޑުކިޔާ މަލާމާތްކުރާ މީހުންނަކީ އޭނާގެ އުފާވެރިކަން ބަލައިގަންނަން ދަތިވެ އެކަމާ ހިތްދަތިވާ މީހުންގެ ގޮތުގައި ނެހާ ސިފަ ކުރި އެވެ.
"އެފަދަ 'ބޭޗާރާ' މީހުންނާމެދު އަހަރެން ހަމްދަރުދީވަން. އަދިވެސް ކޮމެންޓު ކުރަމުން ގެންދޭ. ކިތަންމެ އެއްޗިއްސެއް ކިޔަސް އަހަރެން އެއްވެސް ކޮމެންޓެއް ޑިލީޓެއް ނުކުރާނަން. ސަބަބަކީ އަހަރެންނަށް އެނގޭ އެންމެންނަށް ވެސް ނެހާ ކައްކަރް އަކީ ކިހާ ފެންވަރެއްގެ މީހެއްކަން އެނގޭނެކަން،" ފާޑުކިޔާ މީހުންނަށް ޖަވާބު ދެމުން ނެހާ ލިޔެފައި ވެއެވެ.