މާލޭ ސިޓީ ކައުންސިލް

އެއްލައްކަ ގަސް އިންދުމުގެ ޕްރަގްރާމް ފަށައިފި

Jan 1, 2022
1

މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ އެއްލައްކަ ގަސްއިންދުމުގެ ޕްރޮގްރާމް ރަސްމީކޮށް ފަށައިިފި އެވެ.

މި ޕްރޮގްރާމަކީ މާލެ ސިޓީ ފެހި ކުރުމުގެ ގޮތުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ފެށިގެންދިޔަ ޕްރޮގްރާމެކެވެ. އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމް މިއަދު ފަށައިދީފައިވަނީ މާލެ ސިޓީ ކައުންސިލަށް އެންމެ ގިނަދުވަހު ހިދުމަތް ކޮށްދީފައިވާ މާލެ ސިޓީ ކައުންސިލްގެ ސީނިއާ އެކައުންޓްސް އޮފިސަރު އަބްދުﷲ ރަމީޒެވެ.

މި ޕްރަގްރާމްގެ ދަށުން މިއަދު 150 ގަސް އިންދާނެ އެވެ. މަޖީދީ މަގު ހިމެނޭ ގޮތަށް ފުރަތަމަ އިންދާ 150 ގަހުގެ ތެރެއިން 65 ޕަސަންޓް ގަހަކީ އަނބު ގަހެވެ. ހިތިގަހާއި ދަނބުގަހާއި ސައްކެޔޮ ގަސް ފަދަ ގަސްތައް އިންދުމަށް ހަމަޖައްސާފައިވެ އެވެ.

މާލެ ސިޓީ ކައުންސިލްގެ މިދައުރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމު ހިމަނާ އެކަމަށް ބޭނުންވާ ގަސްތައް ގެނެސްފައިވަނީ އަތޮޅު ތެރޭގެ ބައެއް ރަށްތަކުގެ އިތުރުން ރާއްޖެއިން ބޭރުންނެވެ.

ގަސްތައް ބެހެއްޓުމަށް ކާނިވާ ސަރަހައްދުގައި ހާއްސަ ނާސަރީއެއް ހެދުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެެވެ.

މާލެ ސިޓީ ކައުންސިލްގެ ކުރީގެ ދައުރުތަކުގައިވެސް މާލެގައި ގަސް އިންދާފައިވެ އެވެ. ނަމަވެސް އެކަށީގެންވާ އިންތިޒާމެއްގެ ތެރެއިން ގަސްތައް ބަލަހައްޓަމުން ނުދާތީ ވަރަށް ގިނަ ގަސްތައް ވަނީ މަރުވެފަ އެވެ.