މާލޭ ސިޓީ ކައުންސިލް

މާލޭގައި އިންދަން 500 ގަސް ހޯދަނީ

މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ އެއްލައްކަ ގަސްއިންދުމުގެ ޕްރޮގްރާމްގެ ދަށުން 500 ގަސް ހޯދަން އިއުލާނުކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ މާލޭގައި އިންދުމަށް މޭވާ އަޅާ 500 ގަސް ބޭނުންވާ ކަމަށެވެ. އެއީ 180 ކަދުރު ރުކާއި 320 މޭވާ ގަސް ކަމަށެވެ.

އިއުލާނުގައި ބުނެފައި ވަނީ މިކަމަށް ޝައުގުވެރިވާ މީހުން މައުލޫމާތު ސާފުކުރުމަށް ފަހު، މި މަހުގެ 28 ވަނަ ދުވަހު ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް އަގު ހުށަހެޅުމަށެވެ.

ބީލަން ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނިތަކާއި ޕާޓްނާޝިޕް ނުވަތަ ލޯކަލް އިންވެސްޓްމަންޓާއި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އިއުލާނުގައި ވެއެެވެ.

މާލޭގައި އެއްލައްކަ ގަސްއިންދުމުގެ ޕްރޮގްރާމް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ މަހުގެ އެއްވަ ދުވަހު އެވެ. މަޖީދީ މަގު ހިމެނޭ ގޮތަށް ފުރަތަމަ އިންދި 150 ގަހުގެ ތެރެއިން 65 ޕަސަންޓް ގަހަކީ އަނބު ގަހެވެ. ހިތިގަހާއި ދަނބުގަހާއި ސައްކެޔޮ ގަސް ފަދަ ގަސްތައް ވެސް އިންދުމަށް ވަނީ ހަމަޖެހިފަ އެވެ.

މާލެ ސިޓީ ކައުންސިލްގެ މިދައުރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމު ހިމަނާ އެކަމަށް ބޭނުންވާ ގަސްތައް ގެނެސްފައިވަނީ އަތޮޅު ތެރޭގެ ބައެއް ރަށްތަކުގެ އިތުރުން ރާއްޖެއިން ބޭރުންނެވެ.

ގަސްތައް ބެހެއްޓުމަށް ކާނިވާ ސަރަހައްދުގައި ހާއްސަ ނާސަރީއެއް ހެދުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެެވެ.

މާލެ ސިޓީ ކައުންސިލްގެ ކުރީގެ ދައުރުތަކުގައިވެސް މާލެގައި ގަސް އިންދާފައިވެ އެވެ. ނަމަވެސް އެކަށީގެންވާ އިންތިޒާމެއްގެ ތެރެއިން ގަސްތައް ބަލަހައްޓަމުން ނުދާތީ ވަރަށް ގިނަ ގަސްތައް ވަނީ މަރުވެފަ އެވެ.