މާލޭގެ މަގުތަކަށް ކުނިއަޅާ މީހުން ދެނެގަނެ އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ހަރުކަށި ފިޔަވަޅު އެޅުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ސިޓީ ކައުންސިލުން ބުނީ އަންނަ ހުކުރު ދުވަހުން ފެށިގެން ފިޔަވަޅު އަޅަން ފަށާނެ ކަމަށެވެ
މަގުތަކަށް ކުނި އަޅާ މީހުންނަށް ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ސިޓީ ކައުންސިލަށް ލިބޭ ބާރުގެ ބޭނުންކޮށްގެން އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ ހަތަވަނަ މާއްދާއަށް ރިއާޔަތްކޮށްގެންނެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ މާލެ ސިޓީއަކީ އަމާންކަމާއި، ރައްކާތެރިކަން އަދި ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ލާމަރުކަޒީ ގާނޫނުގެ ދަށުން "މާލޭ ސިޓީގައި ކޮމިއުނިޓީ މޮނިޓަރިން ސެކިއުރިޓީ ހިދުމަތް" ފޯރުކޮށްދިނުމަށްޓަކައި ހާއްސަ އުސޫލެއް ވެސް ހަދާފަ އެވެ. މިއުސޫލު ގެޒެޓްކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހު އެވެ. ފިޔަވަޅު އަޅާއިރު މިއުސޫލަށްވެސް ބަލާނެ ކަމުގައި ކައުންސިލުން ބުންޏެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ އުސޫލު އާންމުކުރިތާ ފަސްމަސްވެގެން ދިޔައިރު މިދިޔަ ދުވަސްތަކުގައި ކައުންސިލުން ބޮޑަށް ބެލީ ރައްޔިތުންނަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ނަސޭހަތްތެރިވެގެން މައްސަލަ ހައްލުކުރުމަށް ކަމަށެވެ.
"މީގެ އިތުރުން މިފަދަ އަމަލުތައް ތަކުރާރުކުރާނަމަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ދެވިފައިވެ އެވެ. އެހެންނަމަވެސް މިކަމަށް ދާއިމީ ހައްލެއް ނައިސް ތަކުރާރުކޮށް މާލޭގެ އެކި ސަރަޙައްދުތަކަށް ކުނިއެޅުން ވަނީ އާންމުވެފަ އެވެ،" ސިޓީ ކައުންސިލުން ބުންޏެވެ.
މާލޭގެ މަގުތަކަށް ކުނިއަޅާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމަށް ސިޓީ ކައުންސިލުން ނިންމާފައި މިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން މާލެ އާއި ވިލިމާލޭގެ މަގުތަކާއި ހުސްބިންތަކާއި މައިޒާންތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ސިޓީ ކައުންސިލުން ހަވާލުވުމަށްފަހު އެވެ. ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ވަނީ ކުނި އެޅުން މަނާ ސަރަޙައްދުތައް ފާހަގަކޮށް މާލޭގެ އެކި ސަރަހައްދުތަކުގައި ބޯޑުތައް ވެސް ހަރުކޮށްފަ އެވެ.
ނަމަވެސް އެ ސަރަހައްދުތައް ހިމެނޭހެން މާލޭގެ އެކި ސަރަޙައްދުތަކަށް ކުނިއަޅާ މިންވަރު އިތުރުވަމުންދާ ކަން މާލެ ސިޓީ ކައުންސިލުން މިއަދު ވަނީ ފާހަގަކޮށްފަ އެވެ. އެހެންވެ މާލޭ ސިޓީގައި ކޮމިއުނިޓީ މޮނިޓަރިން ސެކިއުރިޓީ ހިދުމަތް ދިނުމުގެ އުސޫލުގެ ދަށުން ޕޮލިސް ކޮންސްޓަބިއުލަރީ ފުލުހުންނާ ގުޅިގެން މަގުތައް މޮނިޓާކޮށް މަގުތަކަށް ކުނި އަޅާ މީހުން ދެނެގަނެ ހުކުރު ދުވަހުން ދުވަހުން ފެށިގެން ޖޫރިމަނާ ކުރާނެ ކަމުގައިވެސް ބުންޏެވެ. ކުނި އަޅާ މީހުންނަށް ފިޔަވަޅު އެޅުމަށްފަހު ޖޫރިމަނާ ކުރަންޖެހޭ މީހުން ޖޫރިމަނާ ކުރުމުން، އެ މީހަކަށް މާލެ ސިޓީ ކައުންސިލުން ހޯދަންޖެހޭ އެއްވެސް ހިދުމަތެއް ހޯދޭނީ ޖޫރިމަނާ ފައިސާ ދެއްކުމުން ކަމަށްވެސް ކައުންސިލުން ބުނެފައިވެ އެވެ.
"މީގެ އިތުރުންވެސް އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ މި އުސޫލުގެ ދަށުން ފިޔަވަޅު އަޅަމުންދާނެ އެވެ." ކައުންސިލުން ބުންޏެވެ.
މާލޭގެ އެއްވެސް ސަރަޙައްދަކަށް ކުނި އަޅަނިކޮށް ފެނިއްޖެނަމަ ނުވަތަ އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ކައުންސިލްގެ ހޮޓްލައިން 1622 އަށް ގުޅައި ރިޕޯޓް ކުރުމަށްވެސް މާލެ ސިޓީ ކައުންސިލުން އެދިފައިވެ އެވެ.