މާލެއަކީ ހިތް ފަސޭހަކަން ގެއްލިފައި އޮތް ބައިބޯ ސިޓީއެކެވެ. މިއީ ދުނިޔޭގެ ނިސްބަތުގައި އެންމެ ތޮއްޖެހުން ބޮޑު އެއް ސިޓީއެވެ. އެ ހާސްކަމުން ކުޑަނަމަވެސް ލުޔެއް ހޯދަން ހިއްކާ ތަރައްގީކޮށްފައިވާ ހުޅުމާލެއަކީ މާލެ އާ ބަލާފައި ބިޔަ ރަށެކެވެ. މާލޭގެ އަވަށެއްގެ ގޮތުގައި އޮތް ނަމަވެސް އެއީ ވެރިރަށުގެ އެހެން އަވަށްތަކާ މުޅީން ތަފާތު އަވަށެވެ. ބިމުގެ ޖާގަ ބޮޑު ފުރިހަމަ ކޮންސެޕްޓަކަށް ތަރައްގީ ކުރަމުން އަންނަ އަވަށެކެވެ.
ނަމަވެސް ހުޅުމާލެއަށް އޮތް ޑިމާންޑް ބޮޑުވެ އެ އަވަށުގެ އާބާދީވެސް ދަނީ ހަލުވި މިނެއްގައި އިތުރުވަމުންނެވެ. އަދި މާލެ-ހުޅުލެ ގުޅުވާލި "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" އާއި އެ ބްރިޖުން ފެށިގެން ހުޅުމާލެއާ ހަމައަށް އޮތް ހައިވޭގެ ސަބަބުން ދެ އަވަށުގައި އޮތް ދުރުކަން ގާތްކޮށްދީފައިވުމުން ހުޅުމާލެއަށް އަރާ ފައިބާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.
ރެއަކީ އެ ގޮތުންވެސް ފާހަގަކޮށްލެވުނު ރެ އެކެވެ. ތޮއްޖެހުން ބޮޑު މާލެއަށް ހަށިފުރާ ނޭވާއެއްލާން ވަގުތުކޮޅެއް ދީ އެ ބުރަކަން ހުޅުމާލެއަށް ބަދަލުވީ ވަގުތެއް ރޭ އައެވެ.
އަހަރެއް ނިމި އައު އަހަރެއްގެ ފެށުުން ބައްދަލުކުރާތީ ހުޅުމާލޭގައި ރޭ ވަރަށް ވަރުގަދަ މިއުޒިކު ޝޯއެއް އޮތެވެ. ބޮލީވުޑްގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަންކިތު ތިވާރީ ޕާފޯމް ކުރި ޝޯ ބަލަން އެތައް ބަޔަކު މާލެ އާއި ވިލިމާލެ އިން ހުޅުމާލެއަށް ދިޔައެވެ. އެ ޝޯގައި ދިވެހީންގެ މެދުގައި އެންމެ މަގުބޫލު ލޯކަލް އާޓިސްޓުންގެވެސް ލަވަތައް ހުށައެޅުން އޮތެވެ.
އަނެއްކޮޅުން އައު އަހަރަށް މަރުހަބާ ކިޔަން ހަވާ އެރުވުމުގެ ހާއްސަ ހަރަކާތްތަކެއް ސިފައިންގެއިން ވަނީ ކުރިއަށް ގެންގޮސްފައެވެ. 23:59 ގައި އަރުވާން ފެށި ހަވާ ބަލަންވެސް އެތައް ބަޔަކު މަގުތަކަށް ޖަމާވިއެވެ.
އެކަންވީ ހިތް ފަސޭހަ އަވަށެއްގެ ގޮތުގައި އަދި އޮތް ހުޅުމާލެ ވަރަށް ބޮޑަށް ތޮއްޖެހުނު ކަމަކަށެވެ.
އެކަން އެންމެ ބޮޑަށް ފެނުނު އެއް ސަރަހައްދަކަށް އެމްޓީސީސީ ބަސް ޓާމިނަލްތައް ވާނެ އެވެ. ބާރު ބޮޑުވެ ދަތުރުކުރަން ތިބި މީހުން ގިނަވުމުން ބަސް ދަތުރުތައް އިތުރުކޮށް މެންދަމު ދޭއް ޖަހަންދެން ބަހުގެ ހިދުމަތް އެ ކުންފުނިން ވަނީ ދީފައެވެ. ހުޅުމާލެއަށް ދިޔަ މީހުން މާލެއަށް ގެނައުމުގައި އެތައް ވަގުތެއް ހޭދަވިއެވެ. މީގެ އިތުރުން ޓެކްސީ ދަތުރުތަކުގެ ޑިމާންޑް ބޮޑުވެ ޓެކްސީ ކިއުތަކުގައިވެސް ގިނަ ބަޔަކު އެތައް އިރަކު ތިބެން ޖެހުނެވެ.
ނިމިގެންދިޔަ 2021 ވަނަ އަހަރުގެ ފަހު ހަތަރު ފަސް ގަޑިއެއްހާއިރާއި އައު އަހަރުގެ ފުރަތަމަ ދެތިން ގަޑިއިރު ވީ ތޮއްޖެހުން ބޮޑު މާލެއަށް ތަންކޮޅެއް ލުއި ވަގުތުކޮޅަށެވެ. މަގުތަކުގެ ބާރު ކުޑަވެ ދުއްވާ މީހުންނާއި ހިނގާ އުޅޭ މީހުންނަށް ފަސޭހަ ވިއެވެ. ނަމަވެސް ހިތް ފަސޭހަ ހުޅުމާލެއަށް އެ ވަގުތުތައްވީ ބުރަ އެހާމެ ތޮއްޖެހުން ބޮޑު ވަގުތަކަށެވެ.
އައު އަހަރު މި ފަހަރުވެސް ބައްދަލުކުރީ ކޮވިޑް-19 ގެ ބިރުވެރިކަން އޮތް ވަގުތެއްގައެވެ. އައު ވޭރިއަންޓްގެ ބިރު މުޅި ދުނިޔެއަށް ބޮޑު މިވަގުތު ރޭގެ ތޮއްޖެހުމާއެކު ކަންބޮޑުވުމާއި ބިރުވެރިކަމުގައި ތިބި ދިވެހީންގެ އަދަދުވެސް މަދެއް ނޫނެވެ.