އާސަންދަ

އާސަންދައިގެ ބައެއް މުވައްޒިފުންނަށް އިޝާރާތުން ވާހަކަދައްކަން ދަސްކޮށްދެނީ

  • އެކަމަށް ތަމްރީން ކުރަނީ ސްޕަވައިޒަރުން
  • އެ ކޯސްތައް ހިންގަނީ ކެއާ ސޮސައިޓީއާ ގުޅިގެން
  • އަޑުނީވޭ ވާހަކަ ނުދެއްކޭ ކުދިން އެ ކުންފުނީގައި މަސައްކަތް ކުރޭ

އާސަންދަ އޮފީހުގައި މަސައްކަތް ކުރާ ބައެއް މުވައްޒިފުންނަށް ސައިން ލެންގުއޭޖް ނޫނީ އިޝާރާތުން ވާހަކަދައްކަން ދަސްކޮށް ދިނުމަށް އެއޮފީހުން ނިންމައިފި އެވެ.

އާސަންދާ އޮފީހުން ދާދިފަހުން ވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުން ޒިންމާދާރު ބަޔަކަށް ހެދުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން 11 ފަރާތަކަށް އެއޮފީހުގެ ޑޭޓާ ޕްރޮސެސިން ޑިޕާޓްމަންޓުން ވަޒީފާ ދީފަ އެވެ. އަދި އިއްޔެ މެންދުރު ފަހު އެ ފަރާތްތައް ވަނީ އެ އޮފީހުގައި ވަޒީފާ އަދާ ކުރަން ފަށައިފަ އެވެ.

އާސަންދަ އޮފީހުގެ މެނޭޖިން ޑިރެކްޓަރު މައުމޫނު އަބްދުއްސަމަދު ވިދާޅުވީ ސަރުކާރުން ވެސް އަދި އާސަންދަ ކުންފުނިން ވެސް އިސްކަން ދެނީ ނުކުޅެދޭ މީހުންނަކީ ވެސް މުޖުތަމައުގައި އެހެން މީހުން ފަދައިން ވަޒީފާގެ ފުރުސަތުވެސް ލިބި މުޖުތަމައުގެ ބައެއްގެ ގޮތުގައި އެ ފަދަ ފަރާތްތައް ވެސް ބަލައިގަތުން ކަމަށެވެ. އަދި އިއްޔެ ވަޒީފާއަށް ނިކުތް ފަރާތްތަކަކީ އެ އޮފީހުގައި މަސައްކަތް ކުރާ އެހެން މުވައްޒިފުންނާ ވެސް ވާހަކަ ދައްކައި އެކުވެރި ބަޔަކަށް ހެދުމަށް އިސްކަން ދެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ކެއާ ސޮސައިޓީއާ ގުޅިގެން އާސަންދައިގެ ސްޕަވައިޒަރުންނަށް އިޝާރާތުން މުއާމަލާތުކޮށް ވާހަކަދައްކަން ދަސް ކޮށްދޭން ރާވައިވާފައިވާ ކަމަށް މައުމުން ވިދާޅުވި އެވެ. އަދި އެކަން ފައިނަލް ވުމުން އަންނަ ހަފްތާތެރޭގައި މުވައްޒިފުން ތަމްރީނަށް ފޮނުވާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރާވާއިފާ ވާނީ އޮފީހުގެ ބައެއް ސުޕަވައިސަރުންނަށް ކެއާ ސޮސައިޓީ ފަރާތުން ސައިން ލެންގުއޭޖް ދަސްކުރާ ކޯހެއްގައި ބައިވެރި ކުރުވަން. ވަކި މީހެއްގެ އެހީ އާ ނުލާވިޔަސް އެކުދިންނާ ސީދާ ސީދަލަށް މުއާމަލާތު ކުރެވޭ މަގު ތަނަވަަސް ކުރުން. އެހެން ކަމުން އެމަސައްކަތް ކުރުމަށް އަޅުގަނޑުމެން މިއަންނަނީ ރާވަމުން،" މައުމޫން ވިދާޅުވި އެވެ.

އާސަންދަ ކުންފުނިން ވަޒީފާ ދިން ނުކުޅެދޭ ކުދިންގެ ތެރޭގައި އަޑުއިވުމާއި ވާހަކަދެއްކުމުން މަހުރޫމް ވެފައި ތިބި ކުދިން އެބަ ތިއްބެވެ.

މައުމޫން ވިދާޅުވީ އާސަންދައަކީ 24 ގަޑިއިރުގައި މަސައްކަތް ކުރާ ތަނަކަށް ވާތީ ހުރިހާ ސުޕަވައިޒަރުން އެއްކޮށް ކޯސް ހަދަން ނުފޮނުވިދާނެ އެވެ. އެހެން ނަމަވެސް ފަހަރަކު ފަސް ވަރަކަށް ސުޕަވައިސަރުން ފޮނުވާ ތަމްރީން ކުރާނެ ކަމަށް ވިދާޅުވި އެވެ.

އާސަންދަ އޮފީހުން ވަޒީފާގެ ފުރުސަތު ހުޅުވާލުމުން ނުކުޅެދުންތެރިކަން ހުންނަ 21 ފަރާތުން ފޯމު ހުށަހަޅާފައިވާ އިރު އިންޓަވިއުއަށް އައި 14 ކުދިންނެވެ. އަދި އޭގެން 11 ކުއްޖަކަށް ވަނީ ވަޒީފާ ދީފަ އެވެ. އެހެން ނަމަވެސް އެކުންފުނިން ބުނާ ގޮތުގައި ކުރިޔަށް އޮތްތަނުގައި މީގެ ގިނަ ފުރުސަތު ތަކެއް ހުޅުވާލަން ރާވާފައިވާ ކަމަށެވެ. އަދި އެއޮފީހުން އެދެނީ އެހެން ކުންފުނިތަށްވެސް މިފަަ ފުރުސަތުތަށް ހުޅުވާލުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.