ހޯމްސްޓޭ ޓޫރިޒަމް ރާއްޖެއަށް ތައާރަފްކޮށް ރަސްމީކޮށް މިއަދު އެ ވިޔަފާރި ފަށައިފި އެވެ.
ހޯމްސްޓޭ ފެށުމަށް އެންމެ ފުރަތަމަ ރަޖިސްޓްރީކޮށްފައިވަނީ މ. ދިއްގަރު "މޫރިތި"ގެ އެވެ.
ދިގުރަށުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މޫރިތި ގޭގެ ތިން ކޮޓަރިއެއް ހޯމްސްޓޭ އަށް ރަޖިސްޓްރީކޮށްފައިވާ ކަމުގެ ލިޔުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ގޭގެ ވެރިފަރާތާ ހަވާލުކުރެއްވި އެވެ.
މިރަސްމިއްޔާތުގައި ޑރ. މައުސޫމް ވިދާޅުވީ ދިއްގަރުގައި ރަސްމީކޮށް ހޯމްސްޓޭގެ ވިޔަފާރި ފެށިގެން ދިޔައީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރެއްވި މަސައްކަތުން ކަމަށެވެ.
ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭ ރަންޔޫބީލް އަހަރާ ދިމާކޮށް ޓޫރިޒަމްގެ އާ ކޮންސެޕްޓް، ހޯމްސްޓޭ ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދާއި، މަޓާޓޯގެ ރައީސް އަބްދުﷲ ސުއޫދާއި، ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނަޝީދުގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ބައެއް އިސްވެރިން ވެސް ދިއްގަރަށް ވަޑައިގެންނެވި އެވެ.
ހޯމްސްޓޭގެ ވިޔަފާރި ފެށުމަށް ދިއްގަރަށް މިއަދު އެންމެ ފުރަތަމަ ދިޔައީ އެމެރިކާގެ ދެމަފިރިއަކާއި ރާއްޖޭގައި ހުންނަވާ އދ. ހާއްސަ މަންދޫބު ކެތުރިން ހެސްވެލް އެވެ.
ދިއްގަރުން ފަތުރުވެރިންނަށް ހޫނު މަރުހަބާއެއް ކިޔާފައިވަނީ ސަގާފީ ހަރަކާތްތަކާ އެކު އެވެ.
ހޯމްސްޓޭ ތައާރަފް ކުރާތީ ބައެއް ފަރާތްތަކުގެ ކަންބޮޑުވުން ހުރި ނަމަވެސް ދިއްގަރު ކައުންސިލުން ބުނީ ހޯމް ސްޓޭ އަކީ ދިއްގަރު ކަހަލަ ކުޑަ ބިމެއް އޮންނަ ރަށްތަކުގައި ކާމިޔާބުކަމާ އެކު ކުރެވިދާނެ ވިޔަފާރިއެއް ކަމަށެވެ. އަދި ރަށު ކައުންސިލާއި ކަމާ ގުޅޭ އިދާރާތަކުން ރަނގަޅަށް ރެގިއުލޭޓް ކުރާނަމަ ހޯމް ސްޓޭ އަކީ މާބޮޑު އިޖުތިމާއީ މައްސަލަތަކެއް ކުރިމަތިވާނެ ވިޔަފާރިއެއް ކަމަކަށް ދިއްގަރު ކައުންސިލަކުން ނުދެކެ އެވެ.