ރާއްޖޭގެ ޓޫރިޒަމަށް "އާ ރަހައެއް"ގެ ގޮތުގައި ހޯމްސްޓޭ ސަރުކާރުން މިވަނީ ތައާރަފުކޮށްފަ އެވެ. މި ވިޔަފާރީގެ މައި މަންޒިލެއްގެ ގޮތުގައި ޓޫރިޒަމް ނެތް ރާއްޖޭގެ އެއް ފަރާތު ބިތުގައި އޮންނަ މ. ދިއްގަރު މިވަނީ ހަމަޖައްސާފަ އެވެ. މަސްވެރި މިރަށުގައި ފެށި މި ވިޔަފާރި އަކީ ދުރުބަލާ ބައެއް މީހުންގެ ނަޒަރުގައި ކަންބޮޑުވުން އިންތިހާ އަށް އޮތް ކަމެކެވެ. ނަމަވެސް ކައިރިއަށް ބަލައި ވިސްނާ ބަޔަކަށް މި ވިޔަފާރިން ފެންނަނީ ފައިދާ އެވެ. މޮޅެކެވެ. ޑޮލަރެވެ.
ކޮންމެ ގޮތެއްގައި މިކަން ވީނަމަވެސް މިވައްތަރުގެ ޓޫރިޒަމް ވާނީ ރާއްޖެ އަށް އާ ބާވަތެއްގެ ޓޫރިޒަމަކަށެވެ. ރާއްޖޭގެ ޓޫރިޒަމަށް ބައިގަރުނު ފުރުނު އަހަރު ތައާރަފު ކުރި "ހޯމްސްޓޭ" އަކީ ކިހާވަރެއްގެ ކަމެއް ހެއްޔެވެ؟ ކިހާ ވަރެއްގެ ވިޔަފާރިއެއް ހެއްޔެވެ؟
"ހޯމްސްޓޭ ޓޫރިޒަމުން އަނެއްހެން މިހާރު ގެސްޓްހައުސްއާ ތަފާތެއް ނެތް. ހަމައެކަނި ތަފާތަކީ ރިސެޕްޝަން ނެތުން. ކޮޓަރި ތަކެއް ހަމައެކަނި ހުރުން،" ރާއްޖޭގެ ޓޫރިޒަމްގައި ފުންނާބު އުސް ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.
މިހާރު ރާއްޖޭގައި އޮތް ގެސްޓްހައުސް ވިޔަފާރީގެ ދަރިއެއްގެ ގޮތުގައި ފެށި ހޯމްސްޓޭ ވިޔަފާރި ތައާރަފު ކުރުމުގައި ސަރުކާރުގެ މަގުސަދަކީ ރައްޔިތުންނަށް ޓޫރިޒަމްގެ ހިއްސާ ބެހުމެވެ. ޓޫރިޒަމުގެ ހިއްސާ ރައްޔިތުންގެ ފަޅިއަށް ބޮޑު ކުރުމެވެ. މި ވިޔަފާރީގެ ތެރެއަށް ނުކުންނަ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ކަންތައް ތަކެއް ވެސް ވެ އެވެ.
ވިޔަފާރި ފަށާތަން ހުންނަން ޖެހޭ ގޮތް
- ހުއްދަ ދޭނީ އެއް ކޮޓަރި އާއި 5 ކޮޓަރިއާ ދެމެދުގެ އަދަދެއްގެ ކޮޓަރިއަށް
- ކޮޓަރި ހުންނަން ވާނީ އެ ގެއެއްގެ އާންމު ތަނަކުން ސީދާ އެ ކޮޓަރިއަކަށް ވަދެވޭ ގޮތަށް ވަކިން ދޮރެއް ލާފަ
- ކޮޓަރީގައި ފާހާނާ ހިމެނޭ ގޮތަށް 120 އަކަފޫޓު ހުންނަން ޖެހޭ
- އެތެރެއިން ތަންޑު އެޅުވުމުން ބޭރުން ދޮރު ނުހުޅުވޭނެ ފަދަ ތަންޑެއް ހަރުކޮށްފައި ހުންނަން ޖެހޭނެ
- ވައި ދައުރުވެ ގުދުރަތީ އަލިކަން ލިބޭ ގޮތަށް، ކޮޓަރީގައި ހުޅުވައި ލައްޕާ އަދި ރަނގަޅަށް ތަޅުލެވޭ ގޮތަށް ކުޑަ ދޮރެއް ނުވަތަ ފެންލައިޓެއް ހުރުން ލާޒިމް
- ކޮންމެ ކޮޓަރިއެއްގައި ވަކިން ފާހާނާ ހުންނަ ޖެހޭ
- ކޮޓަރީގައި ދެ އެނދުން ހުންނަން ޖެހޭ
- ހޯމް ސްޓޭ ހިންގާ ފަރާތާއި ޓޫރިސްޓުންނާއި 24 ގަޑިއިރު ގުޅޭނެ އިންތިޒާމު ހުންނަން ޖެހޭ
- ގޭގައި ދިރިއުޅޭ ފަރާތްތަކުގެ މައުލޫމާތު ޓޫރިސްޓް މީހާ ޗެކިންވާއިރު ދޭން ޖެހޭ
- ގެއްލުމުގެ ބަދަލު ލިބޭ ގޮތަށް ތާޑް-ޕާޓީ ލައިބިލިޓީ އިންޝުއަރެންސެއް އޮންނަން ޖެހޭ
- ފަސްޓް އެއިޑް ކިޓެއް ފަސޭހައިން އަތުޖެހޭ ހިސާބުގައި އޮންނަން ޖެހޭ
- ޕާސްޕޯޓާއި ފައިސާ އަދި އަގުހުރި ސާމާނު ރައްކާ ކުރެވޭ ފަދަ ސެކިއުރިޓީ ބޮކްސެއް ހުންނަން ލާޒިމް
މި އުސޫލުތަކަކީ މިހާރު ގެސްޓްހައުސްއެއް ހިންގުމުގައި ވެސް ހުންނަން ޖެހޭ ޝަރުތު ތަކެކެވެ. ތަފާތަކީ މިތަން ވަކިން ހުރުމެވެ. ނަމަވެސް މިހާރު ގެސްޓްހައުސް ތަކަށް ހަމަޖައްސާފައިވާ އެ އުސޫލުތައް ތަންފީޒުކުރަނީ ކިހާ ވަރަކަށްތޯ ސުވާލު އުފެދެ އެވެ؟ މިހާތަނަށް ސަރުކާރުން ހެދި ގަވައިދުތައް ވެގެން ގޮސްފައިވަނީ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަންތަން ބެލެހެއްޓުން ފަދަ ގަވައިދު ތަކަށެވެ.
ސަރުކާރުގެ ވިސްނުމަކީ ހޯމްސްޓޭ ވިޔަފާރިކުރާ ފަރާތްތައް ޒިންމާދާރު ކުރުމުގެ މަސައްކަތް ކައުންސިލްތަކުގެ އަތް މައްޗަށް ދޫކޮށްލުމެވެ. ހޯމްސްޓޭ އަށް ހުއްދަ ދޭ ރަށްތަކުގައި ވެސް ވަކި ޝަރުތު ތަކެއް ހުންނަން ލާޒިމްކޮށްފައިވަނީ އެހެންވެގެންނެވެ. މީގެތެރޭގައި ރަށުގައި ޓޫރިޒަމް މައުލޫމާތުދޭ ޑެސްކެއް ކައުންސިލުން ގާއިމް ކުރުމާއި ރަށުގެ ޓޫރިޒަމް ބަލަހައްޓަން ކައުންސިލުން ޖެނެރަލް މެނޭޖަރެއް- ޒިންމާވާނެ މީހެއް- ހުރުން ފަދަ ވިސްނުންތައް ވެސް ހިމެނެ އެވެ.
ހޯމް ސްޓޭ އަށް އަންނަ ޓޫރިސްޓު މީހާވެސް ޓޫރިޒަމްގެ ޓެކްސްތައް ދައްކަން ޖެހެ އެވެ. ޓެކްސް ރޭޓުތައް ހުންނާނީ ގެސްޓްހައުސްތަކާ އެއް ރޭޓެއްގަ އެވެ.
"ގެސްޓްހައުސް" ސާފުވާން ޖެހޭ
ހޯމްސްޓޭ އިން ކޮންމެ އަސަރެއް ކުރިޔަސް ދުނިޔެ އަށް ބަލާއިރު ހޯމްސްޓޭ މޮޑެލް އަކީ ހަގީގީ ގެސްޓްހައުސް ކަމަށް ބުނެވިދާނެ އެވެ. އަމިއްލަ އެޕާޓްމަންޓް، އެއާބީއެއްބީ އަށް ލައިގެން ވިއްކާ މި އުސޫލު ދުނިޔޭގައި މަގުބޫލެވެ. އެހެންވެ މި ވިޔަފާރިއަކީ ހަގީގީ ގެސްޓްހައުސް ކޮންސެޕްޓް ކަމަށް ބުނެވިދާނެ އެވެ.
މި ވިޔަފާރި ތައާރަފް ކުރުމާއެކު ސަރުކާރުން ދެން ކުރަންޖެހޭ ކަމަކީ މިހާރު ހުރި ގެސްޓްހައުސްތައް ގިންތި ކުރުމެވެ. މިހާރު ރާއްޖޭގައި ހުރި ގެސްޓްހައުސްތައް 100 ކޮޓަރިއާ ހަމައަށް އިތުރު ވެގެން ގޮސްފައިވާއިރު ގިނަ ތަންތަނަކީ "ބުޓީކް ހޮޓެލް" ކަމަށް ބުނެވިދާނެ އެވެ. އެހެންވެ ގެސްޓްހައުސް އަކީ ކޮބައިކަން ތަފުސީލްކޮށް އެނގޭނެ ގޮތަށް ކޮޓަރީގެ "ލިމިޓެއް" ގެނެސް، ހޯމްސްޓޭ އާއި މި ވިޔަފާރި ވަކިކޮށްގެން ނޫނީ މި ދެ ވިޔަފާރި ފުށުއެރުން ހުއްޓުވޭނެ ގޮތެއް ނެތެވެ.
ވިން ވިން ސިޗުއޭޝަނެއް
ހޯމްސްޓޭ ވިޔަފާރި ފެށުމާއެކު ޓޫރިޒަމްގައި ގިނަ ބަޔަކަށް ބައިވެރިވުމުގެ މަގުފަހިވާނެ އެވެ. ނަމަވެސް ސުވާލަކީ ފަސް ކޮޓަރި ބުކިން ޑޮޓްކޮމްގައި ޖަހައިގެން ވިއްކިދާނެ ހެއްޔެވެ؟ ހަމައެކަނި ކޮޓަރި ވިއްކައިގެން ޓޫރިސްޓުން ގެނެވިދާނެ ހެއްޔެވެ؟
މިކަން ކުރަން ބަލާއިރު ގެސްޓްހައުސް މިހާރު ހުރި ރަށްރަށުގައި މިކަމަށް ފަސޭހަވާނެ އެވެ. ނަމަވެސް އަލަށް މި ވިޔަފާރި ތައާރަފު ކުރާ ހިސާބުތަކުގައި މިކަން ވައިގައި ހިފަން ވަގުތު ނަގާނެ އެވެ. އެކަމަކު ބަޔަކު މި ކޮޓަރިތައް ޕްރޮމޯޓްކޮށް ދީފިނަމަ މިކަން ވައިގައި ހިފުން އަވަސް ވާނެ އެވެ.
ރާއްޖޭގެ މި ޒަމާނުގެ ގެސްޓްހައުސް ވިޔަފާރި ދުނިޔޭގައި ޕްރޮމޯޓް ކުރަން އެންމެ ބޮޑު މަސައްކަތެއް ކުރި އެއް ކުންފުނި ކަމަށްވާ ގެސްޓްހައުސް ކޮންފަރެންސު އިންތިޒާމު ކުރާ ކުންފުނިން ވަނީ ފުރަތަމަ އަހަރު 500 އެނދު ހިލޭ ޕްރޮމޯޓް ކޮށްދޭނެ ކަމަށް ބުނެފަ އެވެ. އެހެންވެ މިއީ މި ވިޔަފާރި ފަށައި ގަންނައިރު ރަނގަޅު އެހީތެރިކަމަކަށް ވާނެ އެވެ. މި ވިޔަފާރި ފެށުމުން ފުރަތަމަ އަހަރު 1200 އެނދު މާކެޓަށް ނެރޭނެ ކަމަށް އަންދާޒާ ކުރެވެ އެވެ. އެހެންވެ މިކަން ވާނީ މިހާރު ހަަދަމުންދާ ގިނަ ޑޮމެސްޓިކް އެއާޕޯޓުތައް ވެސް ދެމެހެއްޓެނިވި ގޮތަށް ހިންގުމަށް ބަލާއިރު މުހިންމު ބަޔަކަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސީނިއަ ޕޮލިސީ ޑިރެކްޓަރު މުހައްމަދު ހުއްސާން ވިދާޅުވީ މި ވިޔަފާރިއާ އެކު ހޯމްސްޓޭގެ ސަބަބުން އާއްމު މީހާއަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.
"ބަޔަކު މީހުން އެއްކޮށް ހޯމްސްޓޭ ކޮޓަރިތައް ނެގިނަމަވެސް ގޭގެ އޯނަރަށް ބޮޑު އެއްޗެއް ލިބޭނެ. މީގައި ކޮޓަރި ވިއްކަން ވަކި އަގެއް ނެތް. ހަމަ އަގު މަތިވެގެން ހިނގައިދާނެ ކިތަންމެ މައްޗަކަށް ވެސް،" ހުއްސާން ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމާ އެންމެ ބީރައްޓެރި ބިތުގައި ހޯމްސްޓޭ ތައާރަފުވުމާއެކު ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މި ވިޔަފާރި އަށް ކުރިއެރުން ލިބޭނެ ކަމަށް ބެލެވެ އެވެ. ނަމަވެސް މި ވިޔަފާރިން ރާއްޖެއަށް ކުރާނެ އަސަރު އެނގެން ފަށާނީ އެ ހިސާބުންނެވެ.