ކަލާޒް ޓީވީގެ ރިއަލިޓީ ޝޯ "ބިގް ބޮސް 15"ގެ ބައިވެރިންނަށް އެންމެ އުނދަގޫ އެއް ކަމަކީ ޝޯގެ ހޯސްޓް ސަލްމާން ޚާނާ ކުރިމަތިލުމެވެ.
ހަފްތާ ބަންދުގައި ސަލްމާނާއި ޝޯގެ ބައިވެރިން ބައްދަލުކުރާއިރު ވަރަށް ގިނަ ފަހަރު އެކި ބައިވެރިންނަށް ވަކިވަކިން ސަލްމާން އެއްޗެތި ގޮވާ ހަދަ އެވެ. ނަމަވެސް އެމީހުންނަށް ސަލްމާނާ ދިމާލަށް މާގިނަ ވާހަކަ ދައްކާކަށް ނުކެރެ އެވެ.
ނަމަވެސް މި ހަފުތާގައި ދައްކާ އެޕިސޯޑެއްގައި ޝޯގެ ބައިވެރިއެއް ކަމަށްވާ ޝަމީތާ ޝެޓީ، ސަލްމާންގެ މޫނުމަތީގައި ޒުވާބުކުރާތަން ޝޯގެ ޕްރޮމޯއެއްގައި ދެއްކުމުން އެންމެންނަށް ވަނީ ޝޮކެއް ލިބިފަ އެވެ.
ޝަމީތާ ދެކެ ސަލްމާން ރުޅިއައީ ރާކީ ސާވަންތުއާ ޖެހުނު މައްސަލައެއްގައި ދެ މީހުން ވަރަށް އަރާރުންވެ ޝަމީތާ ގަސްތުގައި ރާކީ ކޮއްޕާލީމަ އެވެ.
މިކަމާހެދި ޝަމީތާ ބިގް ބޮސްގެ ގެއިން ބޭރުކުރަން ވެސް ރާކީ ވަރަށް އެދުނެވެ. ނަމަވެސް ބިގް ބޮސް އެގޮތަށް ކަންތައް ނުކުރީ އެވެ.
މި ވާހަކަތައް ސަލްމާން ދެއްކުމުން ޝަމީތާ ރުޅިއައިސްގެން ސަލްމާނާ ޖަދަލުކުރަން އުޅުމުން ސަލްމާން ވަނީ އޭނާ މައިތިރި ކުރުވާފަ އެވެ. އަދި ޝަމީތާ ރޯން ފެށި ތަން ވެސް ފެނިފައި ވެއެވެ.
ބިގް ބޮސްގެ ކުރިޔަށް އޮތް އެޕިސޯޑުތަކުގައި ބައެއް ފިލްމީ ތަރިން ބިގް ބޮސްގެ ގެއަށް ވަދެ ބައިވެރިންނާ ބައެއް ޓާސްކްތައް ހަވާލުކުރާނެ އެވެ. އެގޮތުން ބިގް ބޮސްގެ ގެއަށް ޒިޔާރަތްކުރާނެ ފަންނާނުންގެ ތެރޭގައި ދަރުމެންދަރަ، ބާރްތީ ސިންގް އާއި އޭނާގެ ފިރިމީހާ ހަރްޝް ލިމްބާޗިއާ، ޕަލަކް ތިވާރީ އަދި އަނޫ މަލިކް ހިމެނެ އެވެ.
ޝަމީތާ އަކީ ބަތަލާ ޝިލްޕާ ޝެޓީގެ ކޮއްކޮ އެވެ. އަދި ސަލްމާން އަބަދުވެސް ޝަމީތާއާ އެއްކޮޅަށް ހުންނަ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. އެންމެ ބޮޑު ޝޮކެއް ލިބުނީ މި ތުހުމަތުތައް ކޮށްފައިވަނިކޮށް ޝަމީތާ އަށް ސަލްމާން އެއްޗެތި ގޮވުމުންނެވެ.