ބޮލީވުޑް

މޯހިތުގެ ކައިވެނީގެ ފޮޓޯތަކުން އެންމެންނަށް ހައިރާންކަން

"އުރީ: ދަ ސާޖިކަލް ސްޓްރައިކް"ގައި މުހިއްމު ރޯލެއް ކުޅުނު އެކްޓަރު މޯހިތު ރައިނާ ކައިވެނި ކުރި ހަބަރާ އެކު ފޭނުންނަށް ބޮޑު ހައިރާންކަމެއް ލިބިއްޖެ އެވެ.

ކައިވެނީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވަނީ މޯހިތު އެވެ. އޭގެ ކުރިން އެއްވެސް މީހަކަށް މޯހިތު ކައިވެނިކުރަން އުޅޭ ކަމެއް ނޭނގެ އެވެ.

އަދިތީ ނަމަކަށް ކިޔާ މީހަކާ މޯހިތު ކައިވެނިކޮށް ފޮޓޯތައް ޝެއާކުރިއިރު އޭނާ މީހަކާ ރައްޓެހިވެގެން އުޅޭ ކަމެއް ވެސް ފޭނުންނަކަށް ނޭނގެ އެވެ. ފޮޓޯތައް ފެނިފައި އެންމެން ހައިރާންވީ އެހެންވެ އެވެ.

"ލޯތްބަކަށް އެއްވެސް ހުރަހެއް ނޯންނާނެ. ހުރިހާ ފުޅަފެއް މަތިން ފުންމަމުން ލޯބި ހުރިހާ ހުރަސްތަކެއް ގިރާ ކުރާނެ. އަދި ފާރު ފޫއަޅުވާލަފައި މަންޒިލަށް ވާސިލުވާނެ. އަހަރެމެންގެ މައިންބަފައިންގެ ހެޔޮ އެދުމާއެކު އަހަރެމެން ދެ މީހުން މިހާރު މިތިބީ އެކަކަށް ވެފައި،" ފޮޓޯތައް ޝެއާ ކުރަމުން މޯހިތު ލިޔެފައި ވެއެވެ.

މޯހިތުގެ ފޮޓޯތަކަށް ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުންނާއި އޭނާގެ ފޭނުން ވަނީ ވަރަށް އަވަހަށް ކޮމެންޓްތައް ކުރަން ފަށާފަ އެވެ.

އެތަނުން އެކަކު ބުނެފައިވަނީ ހުރިހާ "އުރީ" ތަރިން ކައިވެނިކޮށް ނިމިއްޖެ ކަމަށެވެ. އެމީހާ މިހެން ބުނީ "އުރީ: ދަ ސާޖިކަލް ސްޓްރައިކް"ގެ ބަތަލު ވިކީ ކޯޝަލް ވެސް ދާދިފަހުން ކައިވެނި ކޮށްފައި ވާތީ އެވެ.

ފިލްމުތަކުގެ އިތުރުން ވަރަށް ގިނަ ޓީވީ ޝޯތަކުގައި ވެސް ލީޑް ރޯލު މޯހިތު ކުޅެފައި ވެއެވެ. އޭގެ ތެރެއިން އެންމެ ބޮޑު މަގްބޫލުކަމެއް އޭނާ ހޯދީ "ދޭވޯންކާ ދޭވް މަހާދޭވް"ކިޔާ ސިލްސިލާ އަކުންނެވެ.

ވަރަށް ފަހުން ރިލީޒްކޮށްފައިވާ "މުމްބައި ޑައިރީޒް 11/26"ގެ ބަތަލަކީ ވެސް މޯހިތެވެ.