( 30 ޑިސެމްބަރ 2021 އާ ގުޅޭ )
ތިންވަނަ ފަންގިފިލާއަށް ހުއްޓުނުގެ ލިފްޓުގެ ދޮރު ހުޅުވުނު ވަގުތު އެ ދިމާ ހުރަސްކޮށް ޒެހެން ދަނީއެވެ. ރަހުމާ ހަލުވި ފިޔަވަޅުގައި ނުކުތެވެ.
* * * * *
ކުލާސް ރޫމާ ހަމައަށް ހޫރައިންއަށް އާދެވުނު ހިނދު މިއަދު އެހެން ދުވަސްދުވަހާ ތަފާތުވެއްޖެކަމުގެ އިހްސާސް ކުރެވުނެވެ. މަންމަގެ ފެންނާނޭ އިރަކަށް ކެތްތެރިކަން ކުޑަވެފައި ހުންނަ ދަރިފުޅު މިއަދު ފެނުނީ މޭޒުދޮށުގައި އެކަނިމާއެކަނި އިށީނދެލައިގެން އިންތަނެވެ. ހިމޭންކަމުގެ ދުނިޔެއަކަށް ގެއްލިފައެވެ. ހޫރައިން ފެނުމުން އާންޓީ ޔޫކްގެ ނަމުން ގޮވާލިއެވެ. މަންމަ އަތުވެއްޖެކަން އެ ދަރިފުޅަށް އެނގުނީ ދެނެވެ. ހިތް ވިރިގެންދާފަދަ ފުޅާ ހިނިތުންވުމާއި ގަދަ އިރެއްގެ އަލިފަދައިން ވިދައިގަންނަ ދެ ލޮލުގެ ދިރުން ޔޫކްގެ މޫނަކުން ނުފެނުނެވެ. އާންޓީއާ ސަލާމްކޮށްލާފައި މަންމަގެ ގާތަށް ޔޫކް އަތުވެއްޖެއެވެ. ޔޫކްގެ ކުޑަ ދަބަސް ނަގަން އުޅުމުން އެކަމަށް ޔޫކް އެއްބަހެއްނުވިއެވެ. ހޫރައިންއަށް ލިބުނީ ހައިރާންކަމެވެ. ދަރިފުޅާ ވާހަކަދައްކަން ހޫރައިން ބޭނުންވިއެވެ. ނަމަވެސް މީހުންގަނޑުގެ ތެރެއިން ނުކުމެވެންދެން އޭނާ މަޑުކުރީއެވެ. ހޫރައިން ދަރިފުޅު ގޮވައިގެން ހިނގައިގަތީ އިއްޔެ ޚިޔާރުކުރި މަގަކުންނޫނެވެ. ގެއަށް ދިއުމުގެ ރާސްތާ ދިގުވާނޭކަން އެނގެއެވެ. އެހެންވިޔަސް ހޫރައިންގެ އަމިއްލަ ހިތްހަމަޖެހުން އެ ނިންމުމާ ގުޅިފައިވަނީއެވެ.
"ޔޫކް... މިއަދު ސްކޫލުގަ ކީއްކުރީ؟. ބޭގް ނުދޭނަންތަ މަންމައަށް." ދަރިފުޅާއިއެކު ދުވާރުމަތިން ހިނގަމުން އައި ހޫރައިން އަހާލިއެވެ. ޔޫކްގެ މިނިވަންކޮށް އަތް އަތުން ދަބަހުގެ އެއްފަރާތު ވާކޮޅުގައި ހިފަހައްޓާލުމާއެކު އިސްއޮބާލީއެވެ. ދަރިފުޅުގެ ހަރަކާތުން ހޫރައިންއަށް ހީވީ އޭނާ ކުރި ސުވާލަށް ޔޫކް ޖަވާބުދޭން ބޭނުންނުވީ ހެންނެވެ. ދަރިފުޅުގެ ނަމުން ހޫރައިން ގޮވާލިއެވެ. ތަނަކަށް ތަދުވަނީތޯ ހޫރައިން އަހާލިއެވެ. ޔޫކް ކޮންމެވެސް ކަމަކާ މާޔޫސްވެއްޖެހެން ހޫރައިންގެ ހިތަށް އެރިއެވެ. އެ ޚިޔާލާއެކު ހޫރައިންގެ ހިތަށް ނުތަނަވަސްކަން ވެރިވެގެން ދިޔައެވެ.
"މަންމީ... ޔޫކް އުރާލަ ދީފާނަންތަ؟." އިސްއޮބާލައިގެން ހުރެ ރޫހެއްނެތް ފަދަ މަޑުމައިތިރިކަމާއެކު ޔޫކް އެދުނެވެ. ހޫރައިންގެ ފިޔަވަޅު ހުއްޓުމަކަށް އައެވެ. ދަރިފުޅަށް ރަނގަޅަށް ބަލާލިއެވެ. މަންމަގެ މޫނަށް ޔޫކް ބަލާލީ ދެނެވެ.
"ޔޫކް ބޮޑުކުއްޖެއްކަން އެނގޭ. މަންމައަށް ބަރުވާނެތަ؟... ކުޑަތަންކޮޅަކަށް އޯކޭ." ޔޫކް ބުނެލިއެވެ. ބަޔާންކުރަން ނޭނގޭ ރިހުމެއް ހޫރައިންގެ ހިތަށް ވެރިވެގެން ދިޔައެވެ. ލުއި ހިނިތުންވުމެއް ދަރިފުޅާ ހޫރައިން ބަދަލުކޮށްލިއެވެ.
"މަންމައަށް ދަރިފުޅު ނޫރޭހާ ބޮޑެއް އަދިނުވޭ. މަންމަ ވަރަށް ސްޓްރޯންގްވާނެ." ހޫރައިން މިހެންބުނެ ޔޫކް އުރާލިއެވެ.
ގެއާ ހަމައަށް އާދެވެންދެން އެ ކުއްޖާ ހޫރައިންގެ ކަރުދޮށުގައި ދެއަތް އަޅުވާލައިގެން މޫނުފޮރުވާލި ގޮތަށް އޮތެވެ. ގެއާ އަރާ ހަމަވީއިރު ހޫރައިންގެ ދެއަތްވަނީ އައްސިވެގެން ގޮސް ހިއްސުކެނޑޭވަރުވެފައެވެ. ވަރުބަލިވެ ނޭވާ ކުރުވެފައެވެ. އުނަގަނޑު މަތީ ރިހޭއިރު ހީވަނީ މައިބަދަ ބިންދައިގެން ދާ އުޅެނީ ހެނެވެ. އެހެން ދުވަސް ދުވަހުހެން އޭނާއަށް ބާރަކަށް ނުވެސް ހިނގުނެވެ. އެ ހުރިހާއިރު ހޫރައިންގެ ހިތާއި ސިކުނޑި ހާސްކުރުވަމުން އައީ އެންމެ ސުވާލެކެވެ. ދަރިފުޅަށް އަތުވެގެން އުޅޭ ބަދަލުގެ އަސްލަކީ ކޮބާބާއެވެ. ކަމެއް ދިމާވިއްޔާ ދީމާވެގެން އެ އުޅެނީ ސުކޫލުގެ ތެރެއިންނެވެ.
ދޮރޯށި ހުޅުވޭނީ ޔޫކް ތިރީގަ ބަހައްޓާފައިކަން ހޫރައިންއަށް އެނގެއެވެ. ދަރިފުޅު ގަޔާ ދުރުކޮށްލަން އުޅުމުން ޔޫކް ދުރަށްދާކަށް ބޭނުމެއްނުވިއެވެ. ހޫރައިން ގޭގެ ބެލްއަޅާލީ އެހެންވެއެވެ. ސުމައްޔާ ދޮރޯށި ހުޅުވާލި ހިނދު ޔޫކް އުރާލައިގެން ހޫރައިން ހުރިތަން ފެނުމުން އެ މޫނުން ފާޅުވީ ހައިރާންކަމެވެ. ޔޫކްއަކީ އުރަން ކިޔާ ކުއްޖެއް ނޫނެވެ. ގެއަށް ވަންނަމުން ކިޔާ ދުޢާ މިއަދު ހޫރައިންއަށް ޖެހުނީ ޔޫކަށް އަނގައިން އަނގަޔަށް އަޅައިދޭށެވެ. ހަރަކާތެއްނުކޮށް އޮވެ ހޫރައިންގެ އަޑު ދަށުން އެކުއްޖާ ދުޢާ ކީއަޑު އިވުނެވެ.
"ކިހިނެއްވީ؟. އަނިޔާއެއްވީތަ؟." ސުމައްޔާއަށް އަހާލެވުނެވެ.
މަންމަގެ ސުވާލަށް ދޭނޭ ޖަވާބެއް ހޫރައިންގެ އަތަކުނެތެވެ. ނިތް ހިއްލާލެވުމާއެކު ދެފަރާތަށް ހޫރައިން ބޯހޫރުވާލީއެވެ. އަދި މަންމައަށްވުރެ ކުރީން ހޫރައިން އައިސް ގޭތެރެއަށް ވަނެވެ. އޭނާ މަޑުނުކޮށް ދަރިފުޅު ގޮވައިގެން އައީ ކޮޓަރިއަށެވެ. ޔޫކް އުނގަށްލައި އެނދުގެ މަގަތުން ހޫރައިން އިށީނެވެ. ވަގުތުކޮޅަކަށް ވަރުބަލި ފިލުވާލަން އޭނާ ބޭނުންވިއެވެ. އެހިނދު ހޫރައިންގެ އުނގުން ޔޫކް ފޭބިއެވެ. އެކަނި ބޫޑު ބަލާއި އެއްފަރާތުގައި ބަހައްޓާލިއެވެ. ދެން އިސްޓާކީނު ވެސް އެކަނި ބޭލުމަށްފަހު މަންމަ ކައިރީ އެނދުމަތީ ބާއްވާލިއެވެ. އެހެން ދުވަސްދުވަހުހެން ޔުނިފޯމް ބަދަލުކުރަން ޔޫކް ހުއްޓިލީ ހޫރައިންގެ ކުރިމަތީއެވެ.
"ކުއްޖަކު ކަމެއްކުރީތަ؟. ދަރިފުޅު ދެރަވާއެއްޗެއް ބުނީތަ؟. މަންމަ ކައިރީ ދަރިފުޅު ހުރިހާ ވާހަކައެއް ބުނަމެންނު." ހޫރައިންގެ ސުވާލުތައް ގިނަވާންފެށުމުން ޔޫކް ތުންފިއްތާލައިފިއެވެ. އެއާއެކު އެކުއްޖާއަށް ރޮވިއްޖެއެވެ. ސުމައްޔާ އައިސް ކޮޓަރީގެ ދޮރު ހުޅުވާލީ އެވަގުތެވެ. އެއްވެސް ވާހަކައެއް ދެއްކުމެއްނެތި ޔޫކް ރޯންފެށީއެވެ. ހިތުގައިޖެހިފައިވާ ކުއްޖަކު ފަދައިން ތުންފިއްތަމުންނެވެ. އަވަސްއަވަހަށް ހޫރައިންގެ އުނގުގައި ދަރިފުޅު ބައިންދާލަމުން އެކުއްޖާގެ ގައިގާ ހޫރައިން ބައްދާލިއެވެ. މިވަގުތު އިތުރު ސުވާލެއް ޔޫކްއާ ނުކުރިއްޔާކަން ރަނގަޅުވާނީ ހޫރައިން ނިންމިއެވެ.
"ބަލަ މާމަގެ ޔޫކަށް ރޮވެނީތަ؟." ސުމައްޔާ އެތެރެއަށް ވަދެގެން އައިސް ހޫރައިންގެ ވައަތްފަރާތުން އެނދުގެ މަގަތުގައި އިށީދެއްޖެއެވެ. ދެން ޔޫކްގެ ބުރަކަށީގައި ފިރުމަން ފެށިއެވެ. ގިސްލެވި ޔޫކްގެ ރުއިން ހުއްޓުމަކަށް ނައެވެ. ސުމައްޔާ އުރާލަން އުޅުމުން އެގޮތް ޔޫކް ބޭނުމެއްނުވިއެވެ. އެކުއްޖާ ވަކިން ބޮޑަށް ހޫރައިންގެ ގައިގާ ހިފައިގަތެވެ. ދަރިފުޅު އުރާލައިގެން ހޫރައިން ކޮޅަށް ތެދުވިއެވެ. މަޑުމަޑުން ދަރިފުޅު ތަޅުވަމުން ދެކޮޅަށް ހޫރައިން ހިނގަންފެށިއެވެ. ދޭތެރެއަކުން ދަރިފުޅުގެ ގައިގާ ފިރުމާލައި ބޮސްދެއެވެ. އަމިއްލަ ތުންފަތުގައި ހޫރައިންއަށް ދަތްއަޅާލެވުނެވެ. އޭނާގެ ދެ ލޯ ފެންކަޅިވެއްޖެއެވެ. ޔޫކް އެވަރަށް އެ ރޮނީ ކީއްވެގެންބާއެވެ.
ދެފަޔަށް ލޭފައިބާވަރުވެގެން ހޫރައިން އައިސް އެނދުގައި އިށީނެވެ. ދަރިފުޅުގެ ގައިގާ ދެއަތުން ހިފަހައްޓާލައި އިންއިރު އޭނާ މަޑުމަޑުން ކުރިޔަށްފަހަތަށް ވާހެން ހެއްލަމުންދިޔައެވެ. ޔޫކްގެ ރުއިމުގެ އަޑު މަޑުވެއްޖެއެވެ. ގިސްލެވިފައިވާވަރުން އެ އަޑު ކުއްލިކުއްލިއަށް އިވިލައެވެ. މަޑުމަޑުން ދަރިފުޅުގެ ހަރަކާތްތައް ކެނޑެމުންދިޔަ ވަރަކަށް އެކުއްޖާއަށް ނިދެނީކަން ހޫރައިންއަށް އެނގުނެވެ. އެހެންވިޔަސް އެ ކުޑަކުޑަ ކަނާއަތުގެ މުށުގެ ތެރޭވީ ހޫރައިންގެ ބުރުގާގެ ބައި ދޫކޮށެއް ނުލިއެވެ. މަންމައާ ދުރަށް ހިނދުކޮޅަކަށް ވެސް ދާން ބޭނުންނުވާ ކަހަލައެވެ. ޔޫކްއަށް ނިދިއްޖެކަން ޔަގީންވުމުން އެއްއަތުން ހޫރައިން ތަންމަތި ފޮޅާލައި ބާލީސް ފޮޅާލިއެވެ. ދެން ބިސްމިންކިޔާ އެނދުގައި ދަރިފުޅު ބާއްވާލިއެވެ. އަދި ޔޫކްގެ މަގަތަށް ބާލީހެއް ލެއްވިއެވެ. ހިންދެމިލަމުން ހޫރައިން ފުންނޭވާއެއްލިއެވެ.
"ޔޫކް..." ނިދިފައި އޮތް ޔޫކަށް ބަލަން ހުރެ ހިތާހިތުން ހޫރައިންއަށް ދަރިފުޅުގެ ނަން ކިޔާލެވުނެވެ. މިއަދު މުޅީން ވެސް ޔޫކްގެ ފަރާތުން ހޫރައިންއަށް ފެނުނީ އެ ދަރިފުޅާ ނުގުޅޭ ކަންކަމެވެ. އެހެންޏާ އެކުއްޖާ އުޅުނު ގޮތެއްނޫނެވެ. ކުއްޖަކާ ތޮޅުނަސް ނޫނީ އޭނާއަށް ގޯނާއެއް ކުރިޔަސް، ކިތަންމެ ކުޑަކަމެއް ވިޔަސް ހޫރައިންއަށް ކިޔާދޭން އެ ދަރިފުޅު ފަހެއް ނުޖެހޭނެއެވެ. ދަރިފުޅަށް ބަލަން ހުރި ހޫރައިން ކުރިއަށް ޖެހިލިއެވެ. ގުދުވެލައި ޔޫކްގެ ހަށިގަނޑު ބަލަން ފެށިއެވެ. އެކުއްޖާއަށް ނިދުނީ ޔޫނީފޯމް ވެސް ނުބާލައެވެ. ބޭރުފުށުން ޔޫކަށް އަނިޔާއެއް ލިބިފައި ހުރިކަމުގެ ނިޝާނެއް ނެތެވެ. ވަރަށް ރަނގަޅަށް ހޫރައިން ބެލިއެވެ. އަނިޔާއެއްގެ އަސަރު އެ ކުޑަކުޑަ ހަށިގަނޑުން ފެންނާކަށް ނެތްކަން ޔަގީނެވެ. ކޮޓަރީގައި ޤުރުއާން ޖަހާފައި ހޫރައިން ނުކުތީ ބޭރަށެވެ.
"ކޮބާ އެސޮރު؟." ސިޓިންރޫމުގައި އިން ސުމައްޔާއަށް ހޫރައިން ފެންނައިރަށް އަހާލިއެވެ.
"ނިދައިފި." ހޫރައިން އައިސް މަންމަގެ ކައިރީ ސޯފާގަ އިށީނެވެ.
"ކިހިނެއްތަވީ؟." ސުމައްޔާގެ އަޑުގައިވީ ކަންބޮޑުވުމެވެ.
"ނޭނގެ. ބަލާދިޔައިރު ވެސް ހުރީ ފާޑަކަށް. އަހަރެން ސުވާލުކުރަން ފެށީމަ ރޯންފެށީ. ވީގޮތެއް ބުނާނެ. މިވަގުތު އެވާހަކަދައްކަން ޔޫކް ބޭނުންނޫނީ. ހޭލަންދެން މަޑުކުރާހިތްވޭ." ހޫރައިން ބުނެލިއެވެ.
"މަންމަ މިހުރީނު. އެ ދަރި ހޭލީމަ ފެންވަރުވާފަ ކާންދޭނަން. ޔޫކް ހަމަޖެހިއްޖެހެން ހީވެއްޖެއްޔާ މަންމަ ވެސް އަހާލާނަން ވީގޮތެއް. އެކަމަކު ތަންކޮޅެއް ފަހުން އަހާލާނީ. ދޭ ފެންވަރާލަންޏާ ފެންވަރާލައިގެން ނުކުންނަން. އޭރުން މެންދުރު ނަމާދުކޮށްލައިގެން ކައިގެން ހަމަޖެހިލައިގެން ދެވޭނީ." ހޫރައިންގެ ކޮނޑުގައި ސުމައްޔާ ފިރުމާލިއެވެ. ހޫރައިން ތެދުވެގެން އެތެރެއަށް ދިޔައެވެ. އަމިއްލަ ނަފްސަށް ސުމައްޔާ ހިނިތުންވެލިއެވެ.
"ހޫރްގެ ގޮތް ޔޫކްއަށް ދަސްވެފަ އެހުރީ." ސުމައްޔާއަށް މަޑުމަޑުން ބުނެލެވުނެވެ.
ޔުނިވަރސިޓީއަށް އެނބުރި ހޫރައިން އައެވެ. އޭނާ އަންނަންވީއިރު ޔޫކް އޮތީ ނިދާފައެވެ. އެވަރަށް ރޮވުނީމަ މާބޮޑަށް ވަރުބަލީ ކަންނޭނގެއެވެ. ޔޫކްއާމެދު ހާސްވެފައި ހުއްޓެއްކަމަކު ހޫރައިން ހިތްހަމައްސާލަން މަސައްކަތް ކުރިއެވެ. ގޭގައި ޔޫކްގެ ކައިރީ ހުރީ މަންމައަށް ވީމައެވެ. ކަމެއް ބޮޑުވެއްޖެއްޔާ އޭނާއަށް ސުމައްޔާ ގުޅާނެކަން ޔަގީން ވެއެވެ.
ބައްދަލުވީ މީހުންގެ ތެރެއިން ހޫރައިންގެ އުދާސްވެފައިވާ މޫނު ފުރަތަމަ ދެނެގަތް މީހަކަށްވީ ހަސީނާއެވެ. ކަންތައްވީގޮތް ހޫރައިން ކިޔާދިނުމުން ހަސީނާ ވެސް އިނީ އަޖައިބުވެފައެވެ. ޔޫކްގެ ޠަބީޢަތް އެނގޭހާ އެ ޢާއިލާއާ ގާތް މީހެއްކަމުގައި ހަސީނާ ވެއެވެ. ހޫރައިން ކިޔައި އެދިނީ އެކުއްޖާ އުޅޭނެ ގޮތެއްގެ ވާހަކައެއް ނޫނެވެ. ޔޫކްއަކީ ރޮވޭހާ ފީކުއްޖެއްނޫނެވެ. މަންމަގެ އުރުގައި އަބަދު އިންނަ ހިތްވާ ކުއްޖެއްނޫނެވެ. އެ އުމުރުގެ ކުދީންނަށްވުރެ ވެސް ހިމޭން، ހަރު ޠަބީޢަތެއްގެ ވެރި ކުއްޖެކެވެ.
"ކީއްވެ އާންޓީ ކައިރީ އަހާނުލީ." ހަސީނާއަށް ބުނެވުނެވެ.
"ކުލާހުގައި ކަމެއް ހިނގިނަމަ އާންޓީ ބުނާނެ. މިހާތަނަށް ހުރީ ބުނެފަ. އެކަހަލަ ކަމެއް އާންޓީ މިއަދު ފާހަގައެއްނުކުރޭ. އެކަމަކު ޔޫކްއަށް އެ ބަދަލެއް އައިސްގެން އެ އުޅެނީ ސްކޫލުންކަން އަހަންނަށް ވެސް އެނގޭ. ގެންދިޔައިރު ހުރީ ހަމަޖެހިފަކަން މަންމަ ވެސް ބުނި. ގޭތެރޭގައި މިއަދު އުޅުނު އިރު ވެސް ޔޫކްއަށް ބަދަލެއް ނާދޭ. އެހެން ދުވަސްދުވަހުހެން އޭނާ ކުރާކަންތައްތަކުގައި ސްކޫލަށްދާންވަންދެން އުޅުނޭ މަންމަ ބުނި. ސްކޫލުން އައިސް މަންމަ ގޮވާލީމާ އަނގައިންނެއް ނުބުނި. ނުވެސް ދިޔަ މަންމަ ކައިރިޔަށް." ހޫރައިންގެ އަޑުން އެކަނި ވެސް އޭނާ ހާސްވެ ކަންބޮޑުވެފައި އިންވަރު ދެނެގަންނަން ހަސީނާއަށް ދައްޗެއް ނުވިއެވެ.
"ހަސިންތަ ތިގެއަށް ވަދެފަ މިއަދު ދާނީ." ހަސީނާ ބުނެލިއެވެ. ހޫރައިން ހަމައެކަނި ބޯޖަހާލީއެވެ.
ހަވީރަށް ގަސްތަކަށް ފެންދީފައި ހޫރައިން އެނބުރި އައިސް އިނީ މަސައްކަތު މީހުންގެ ސައިކޮޓަރީގައެވެ. އެތަނުގައި ހެދިކާ ގެނެސްގެން އެންމެންތައް ސައިބޯން ތައްޔާރުވަނީއެވެ. ސައިތަށްޓެއް ހަދަން ހުރެފައި ހޫރައިންއަށް ނާޒިމާ ގޮވާލިއެވެ. އޭނާއަށް ސައިތަށްޓެއް ހަދައިދެންތޯ އަހާލިއެވެ. ހޫރައިން ބޭނުމީ އަވަހަށް ގެއަށްދާށެވެ. ޔޫކްގެ ކައިރިއަށެވެ. މަންމައަށް ގުޅިއިރު ޔޫކް ހޭލާކަން އުޅެނީ އެނގިގެން ހޫރައިން ދަރިފުޅާ ފޯނުން ވާހަކަދެއްކިއެވެ. ވާހަކަދެއްކި ގޮތުން ދަރިފުޅު ހުރީ ހަމަޖެހިފައިހެން ހީވެއެވެ. އެހެންވިޔަސް އެވަރުން ހޫރައިންގެ ހިތްހަމައެއް ނުޖެހުނެވެ.
"އޭނާ ނުބޯނެ... ފޮނި ދަރިއެއް މީ." ހޫރައިން ސައި ނުބޯނަމޭ ބުނީތީ އެ އަޑު އިވިގެން ވަހީދާ ބުނެލިއެވެ.
"އަހަރެމެންނަށް ހުރި ބައި ގިނަވާނެއެއްނު." އަގުލީމާ ބުނެލީ ސަމާސާގެ ރާގުގައެވެ.
"ކާތަން ފެނިދާނެތީ ލަދުން ދޯ." މޭޒުދޮށުގައި އިން ގަމަރުއްނިސާ ވެސް ދިމާކޮށްލިއެވެ.
އެމީހުންގެ ވާހަކަތަކާމެދު ހޫރައިން އަޅައެއްނުލިއެވެ. އެމީހުންގެ ވާހަކައިގެ ރާގަށް ހޫރައިން ވަނީ ހޭނިފައެވެ. އުމުރުން ދޮށީ ބަޔަކަށްވާއިރު އެމީހުންގެ ވާހަކަދެއްކުމުގެ ވައްޓަފާޅި ވެސް ތަފާތެވެ. ބައެއް ހޫރައިންއަށް އަޑު އަހަން ލަދުގަންނަވަރުގެ ވާހަކަތައް ވެސް އެ މީހުންގެ މެދުގައި ދައްކައެވެ. އެފަދަ ވާހަކަތަކުން އެމީހުންނަށް ލަދުވެތިކަމެއް ނުލިބެއެވެ. އެކަކުއަނެކަކާ ޚިއްޞާކުރާއިރު އެއީ ބޮޑުކަމަކަށް އެމީހުންނަށް ނުވެއެވެ. އެކަހަލަ ވަގުތުތަކުގައި ހޫރައިން ބަލަނީ އަވަހަށް އެމީހުންގެ ތެރޭ ނީނދެ ދުރަށްދެވޭތޯއެވެ.
އަސުރު ކުރަން މިސްކިތައް ޒެހެންއަށް އެރުނީ ހަތަރެއް ޖެހިފަހުންނެވެ. ޖަމާޢަތުގައި ބައިވެރިއެއް ނުވެވުނެވެ. މާބޮޑަށް ވެސް ލަސްވީއެވެ. ގަޑިއަށް މިސްކިތައް އަރަން މިއަދު އޭނާއަށް ވަގުތު ނުވީއެވެ. މިސްކިތުން ނުކުތް ގޮތަށް އޭނާ އައީ ގެއަށެވެ.
އެޕާޓްމެންޓުގެ ދޮރުލައްޕާލުމާއެކު ކައިރީގަ ހުރި ފައިވަން ހަރުގަނޑު ކައިރިއަށް ޖެހިލައި ޒެހެން އަރައިގެން ހުރި ބޫޓު ބޭލިއެވެ. މަންމަ ގޭގައި އުޅޭކަން އޭނާއަށް އެނގުނީ އެތަނުން ބޫޓު ފެނިގެންނެވެ. މެންދުރުފަހު ފިހާރައަށް ވެސް މަންމަ ނުދަނީކަން ޒެހެންއަށް ލަފާކުރަން އެނގުނެވެ. ކޮޓަރިއަށް ވަނުމުގެ ބަދަލުގައި ފުރަތަމަ ވެސް އައިސް މަންމަގެ ކޮޓަރީ ދޮރުގައި ޓަކި ދިނެވެ. މަންމައަށް ގޮވާލިއެވެ. ވަންނަންތޯ ހުއްދައަށް އެއްސެވެ. މިއުނާގެ އަޑު އިވުނީ ދެނެވެ. ޒެހެން ކުޑަކޮށް ދޮރު ހުޅުވާލައި ބޯދިއްކޮށްލިއެވެ. އެނދުގައި މިއުނާ އޮތެވެ.
"ޑަކްޓަރަށް ދަމާ." ޒެހެން ވަދެގެން އައިސް މަންމަ ފެންނަ ހިސާބު އެނދު ކައިރީ މަޑުކޮށްލިއެވެ. މިއުނާ ރޯގާވައްތަރުވެފައި ހުރިކަން ޒެހެންއަށް އެނގުނީ ފަތިހުއެވެ. އޭނާ ފަތިސް ނަމާދުކޮށްގެން ގެއަށް އައިއިރު މަންމަ އުޅެނީ ހުއްޓާނުލާ ކިނބިހި އެޅުމުގައެވެ. މުޅި މޫނު ހުރީ ރަތްވެފައެވެ. ޓިޝޫއިން ނޭފަތް ފުހެފުހެ މޫނަށްވުރެ ނޭފަތް މާބޮޑަށް ރަތްވެފައި ހުއްޓެވެ. އޭރު ނޭފަތުން ފެން އަންނާތީ މަންމަ އުޅުނީ ނޭފަތް ހިރުވާވަރުން ކެތްނުވެގެންނެވެ. މިހާރު ހީވަނީ ނޭފަތް ބެދިފައި ހުރީ ހެންނެވެ. ވާހަކަދެއްކިއިރު އަޑު ހުރީ ނޯށަށް އަރާފައެވެ.
"ބޭސްކައިފިން. ނިދާލަން މިއޮތީ. މާބޮޑަށް އުނދަގޫވާވަރުވެއްޖެއްޔާ ޑަކްޓަރަށް ދާނީ. ޒެން... މަންމަ ނުހަދަން އެއްޗެއް. ކާއެއްޗެއް ޖެހޭނީ ގެންނަން." މިއުނާ ބުނެލިއެވެ.
"އޯކޭވާނެ. އަހަރެން ރެޑީކޮށްލަފާނަން. ނަމާދަށް ގޮވީމަ މަންމައަށް ގޮވާނަން. ރެސްޓްކޮށްލާ." ޒެހެން ބުނެލިއެވެ. އޭނާ ނުކުންނަން އުޅެފައި ހުއްޓުނެވެ. މަންމަގެ ކައިރިއަށް ޖެހިލައި ނިތުގައި ކަނާއަތްތިލަ ޖައްސާލިއެވެ. ހުންވައްތަރުވެފައިތޯ ބަލާލީއެވެ. ހޫނުކަމެއް އިހްސާސް ނުވުމުން އޭނާ ހިތްހަމަޖެހުނެވެ. މަންމަ އަރާމުކުރަން ބާއްވާފައި އޭނާ އެ ކޮޓަރިން ނުކުތެވެ.
ރަސްމީ ހެދުން ބަދަލުކޮށްލައިގެން ޒެހެން ކޮޓަރިން ނުކުތެވެ. އޭނާ އައިސް ބަދިގެއަށް ވަން ގޮތަށް ފުރިޖުގެ ދޮރުފަތްތައް ހުޅުވާ ބަލަން ފެށިއެވެ. މަންމަގެ ރޯގާއަށް ރަނގަޅުވާނޭ ހީވާ ކާއެއްޗެއް ރޭގަނޑަށް ތައްޔާރު ކުރުމުގެ ވިސްނުމުގައެވެ. ކުކުޅު މަސްކޮޅެއް ލާފައި ތަރުކާރީ ސޫޕެއް ތައްޔާރު ކުރަން ޒެހެން ނިންމިއެވެ. އަދި މަންމައަށް ހޭލެވުމުން އެގަޑީގަ އިނގުރާއި ލުނބޯ އެޅި ހޫނު ސައިތަށްޓެއް ދޭނީއޭ ޒެހެންގެ ހިތުގައި އޮތެވެ. އޭނާ ރޯގާ ޖެހިގެން އުޅޭއިރު މަންމަ ކަންތައްކޮށްދޭ ގޮތް ޒެހެން ހަނދާން އެބަހުއްޓެވެ. މަންމަ ބަލިވުމުން އެ މަންމައަށް އަޅާލަން ދުރުން މީހަކު ނާންނާނޭކަން ޒެހެންއަށް އެނގެއެވެ. މަންމަގެ ހުރިހާ ވެސް މީހަކީ ޒެހެންކަން އޭނާ ހަނދާންނައްތައެއް ނުލައެވެ. އަދި މަސައްކަތުގައި އުޅެފައި އައި ނަމަވެސް މަންމައަށް ކަމެއް ނުކޮށްދެވޭހާ ވަރުބައްޔެއް އޭނާ ނުވާނެއެވެ. މަންމައާއެކު އެކަނި އުޅެ އޭނާ ބޮޑުވިއިރު މޮޅު ޝެފެކޭ އެއްވަރު ނުވިޔަސް ކައްކަން ޒެހެންއަށް އެނގެއެވެ. ކިތަންމެ ފަހަރަކު އަމިއްލައަށް އެއްޗެހި ހަދައިގެން ކައި އުޅެއެވެ. ހަމައެއާއެކު ގޭތެރޭގެ މަސައްކަތްތައް އޭނާއަށް ކުރާން އެނގެއެވެ. އަމިއްލައަށް އެއްޗެހި ދޮވުމާއި އިސްތިރި ކުރުމުގެ އިތުރުން ގޭތެރެ ފޮޅާ ސާފުކުރުމާއި ކައި ނިންމާފައި ތަށިތައް ދޮވުމަކީ ބޮޑުވަމުން އައިއިރު އޭނާ ލައްވާ މަންމަ ދޭތެރެއަކުން ކުރުވާ ކަންކަމެވެ. އެހެންވެ އެކަނި ދިރިއުޅުން ޒެހެންއަށް އުނދަގޫ ކަމަކަށް ނުވެއެވެ. އޭނާއަށް ކަންކަން ކޮށްދޭން މީހަކު ހުރުން މުހިންމެއްނޫނެވެ.
ރޭގަނޑު ކާންދީފައި އިރުކޮޅަކު ޓީވީ ބަލާލަން ޔޫކްއަށް ހޫރައިން ފުރުސަތު ދިނެވެ. އޭނާއާއި ސުމައްޔާ ކައި ނިމެންދެނެވެ. ފެންނަ ފެނުމަށް އެއީ ކުރީގެ ޔޫކްއެވެ. އެކަމަކު އަދިވެސް މިއަދު ކަންތައް އެވީ ގޮތެއް ހޫރައިންއަށް އޮޅުމެއް ނުފިލައެވެ.
"މަންމަ ކުޑަކޮށް އަހާލިން. އެހެންވާހަކައެއް ފެށީ... ޔޫކް ދަބަސް ބެލިންތަ؟." ކާން އިން ސުމައްޔާ ވާހަކަދެއްކީ ސިއްރުންނެވެ.
"ނުބަލަން. މިއަދު ނުދިން ދަބަހެއް." ހޫރައިން ބުންޏެވެ.
"މަންމަ އަތްލާކަށް ވެސް ނުދިން. ފެންފުޅިއާއި ލަންޗުބޮކްސް ވެސް ނެގީ އަމިއްލައަށް. މަންމައަކަށް އެއްގޮތަކަށް ވެސް ނުދެއްކި ދަބަހެއް. ދެން ގަދަކަމުން އަތުނުލާންވެގެން އަޅާނުލީ." ސުމައްޔާ ކިޔާދިނެވެ.
ހޫރައިން ވަކި އެއްޗެއް ނުބުންޏެވެ. ނަމަވެސް ހިތަށް އުނދަގޫވިއެވެ. ޔޫކް އެހާ ކުޑައިރު ކަންކަން ސިއްރުކުރަން ފެށީބާއޭ ހޫރައިންގެ ހިތަށް އެރީއެވެ. އެކަމަކު އެއީ ކީއްވެބާއެވެ. ހޫރައިން ރުޅިއަތުވެދާނޭ ހީވާތީބާއެވެ. ދަރިފުޅުދެކެ ރުޅި އައިސްގެން ބަހެއް ނުބުނާއިރު ހަރުކަށިކޮށް ވެސް އެކުއްޖާއާ ހޫރައިން ވާހަކައެއް ނުދައްކައެވެ. ޔޫކްއަކީ ބަސްނާހާ ކުއްޖެއް ނޫނެވެ. އެފަދަ ގޮތަކަށް ބަސްބުނަން މިހާތަނަށް ޖެހިފައެއް ވެސް ނެތެވެ. ބުނާ ގޮތް ނިކަން ފަސޭހައިން އޭނާ ހަދާނެއެވެ. ކަމަކާ ސުވާލު އުފެދުނަސް އެ ސުވާލެއް ހޫރައިންއާ އައިސް ކުރާނެއެވެ.
ގައިދޮއްވާފައި ނެރި ނިދަން ޔޫކް ތައްޔާރު ކުރިއެވެ. ދަރިފުޅާއެކު އެނދުގައި ހޫރައިން އޮށޯތެވެ. އޭނާ އާދައިގެން މަތިން ވާހަކަދައްކާ އުސޫލުން ޔޫކްއާ ވާހަކަދެއްކިއެވެ. ހޫރައިންގެ ވާހަކަތަކުގައި ޔޫކް ބައިވެރި ވިއެވެ. މިއަދު ކިހިނެއްތޯވީ ހޫރައިން އެހީ ދެނެވެ. އެއާއެކު ޔޫކް ހިމޭންވެއްޖެއެވެ. ވާހަކަ ކިޔައި ދޭނީ ކޮންއިރަކުންތޯ ޔޫކް އަހާލިއެވެ. ޔޫކް އެ ވާހަކައެއް ދައްކަން ބޭނުންނުވަނީކަން ހޫރައިންއަށް ޔަގީންވެއްޖެއެވެ.
"ދަރިފުޅުދެކެ މަންމަ ވަރަށް ލޯބިވޭ. ޔޫކް މިއަދު ރޯންފެށީމަ މަންމަ ވަރަށް ދެރަވި. މަންމައަށް ގޯސްކަމެއް ކުރެވުނީތަ؟." ދަރިފުޅުގެ މޫނުގައި ހޫރައިން ފިރުމާލިއެވެ.
"މަންމި ނުރޮއްޗޭ. ޔޫކް ހަޑިކޮށްނޫޅެން. ޔޫކް ވެސް އެންމެ ބޮޑުކޮށް ލޯބިވަނީ މަންމިދެކެ އެކަނި." ޔޫކްގެ ބުންޏެވެ. ހޫރައިން މޫނު ތިރިކޮށްލައި ޔޫކްގެ ނިތުގައި ބޮސްދިނެވެ. އެއާއެކު ޔޫކް އޭނާއަށް ގޮވާލިއެވެ. މާދަމާ ސްކޫލަށް ގެންދާނީ އެހެން ދަބަހެއްކަން ބުނެލިއެވެ. ކީއްވެތަ ހޫރައިން އަހާލިއެވެ. ޔޫކް ވަރަށް ވިސްނުންތޫނެވެ. އަތުގައި އިތުރު ދަބަހެއް އޮތުމުން އެ ގެންދާ ހިތްވީ ކަމުގައި ބުނެލިއެވެ.
"ކޮންވާހަކައެއް މިރޭ ކިޔާނީ. އާ ވާހަކައެއްތަ؟." ހޫރައިން ގަސްދުކުރީ ޔޫކްއަށް ވަގުތު ދޭށެވެ.
"ޖަމަލު ވާހަކަ... ނޫން... ކޯރަށް އެއްލާލި ބޭބީގެ ވާހަކަ." ޔޫކް ބުންޏެވެ.
ހޫރައިން މޫސާގެފާނުގެ ވާހަކަ ކިޔައިދޭންފެށިއެވެ. ޤުރުއާނުގައި ގިނަ އަދަދަކަށް މޫސާގެފާނުގެ ވާހަކަ އައިސްފަވާކަން ހޫރައިން ބުނެދިނެވެ. އަދި މޫސާގެފާނު ފޮނުއްވުނީ ކޮންބައެއްގެ ކައިރިއަށް ކަމާއި ފިރިއައުނުގެ ނުބައިކަމެވެ. ކޯރަށް އެއްލާލެއްވުމަށް އެކަލޭނގެފާނުގެ މަންމާފުޅަށް ﷲ އެންގެވި ހިނދު އެކަމަނާއަށް ލިބުނު ފުން ހިތާމަ ކިޔާދިނެވެ. މަންމައަކާއި ދަރިފުޅު ވަކިވުމުން ކުރެވޭނެ އިހްސާސް ހޫރައިން ސިފަކޮށްދިނެވެ. އަދި ﷲ އަށް އިތުބާރުކުރުމުން އެކަމަނާއަށް މޫސާގެފާނު ރައްދުކޮށްދެއްވި ގޮތް ކިޔާދިނެވެ. އެއްވެސް ގެއްލުމެއްނުވެ ކޯރުގެ ފެންގަނޑުގެ ތެރޭގައި ﷲ އެކަލާނގެ ރަސޫލާ ރައްކާތެރި ކުރެއްވިކަމެވެ. އެންމެ ރެއަކުން ހުރިހާ ވާހަކައެއް ކިޔާނުދެވޭނެތީ ހޫރައިން ވާހަކަ މެދުކަނޑާލީއެވެ. ޔޫކް ޝައުގުވެރިކަމާއެކު އަޑު އަހަން އޮތެވެ. ﷲ ގެ ކުޅަދުންވަންތަކަމާއި އެކަލާނގެއާއި އިސްލާމް ދީނުގެ މައްޗަށް ތުއްތު ހިތްތަކުގައި ލޯބި އުފެއްދުމަށް ރަސޫލުންނާއި ނަބީބޭކަލުންގެ އިމްތިހާނުތަކުން ފުރިގެންވާ އިބްރަތްތެރި އެތައް ވާހަކައެއް ފުދެއެވެ. ޅައުމުރުގައި ދީނަށް ދަރީން ހޭނުން މުހިންމެވެ. ވާހަކަ މެދުކަނޑާލައި ނިދުމުގެ ކުރީން ކިޔާ ދުޢާތަކާއި ސޫރަތްތައް ކިޔަވައި ނިމެންވީއިރު ޔޫކްގެ ދެ ލޯ މެރިއްޖެއެވެ. އެކުއްޖާގެ ނިދި ހަރުވަންދެން ހޫރައިން މަޑުކޮށްލިއެވެ. ދެން އޭނާ އެނދުން މަޑުމަޑުން ފޭބިއެވެ. ޔޫކް ސުކޫލަށް ގެންދިޔަ ދަބަސް ހޯދިއެވެ. އާންމުކޮށް އެ ހުންނަ ތަނުގައި ނެތްކަން ހޫރައިންއަށް ފާހަގަވިއެވެ. ޔޫކްގެ ފޮތްތައް އަޅާފައި ހުރި ކަބަޑު ހޫރައިން ހުޅުވީ އެއީ އެންމެ ގިނައިން ޔޫކް އެއްޗެހި ފޮރުވަން ލާ އުޅޭ ތަނަށްވީމައެވެ. ހީކުރި ފަދައިން ކަބަޑުތެރޭ ދަބަސް އޮތެވެ. ހޫރައިން އަވަހަށް ދަބަސް ނެގިއެވެ. އޭނާއަށް ދަބަސްތެރެއިން އެއްޗެއް ނުފެނުނެވެ. އެހެންނަމަވެސް ދަބަސް އޮތްތަނުގައި ފޮތްތަކުގެ އަޑިއަށް ލާން މަސައްކަތްކޮށްފައި އޮތް ކަރުދާހެއްގެ އެއްބައި ލޮލުގައި އަޅައިގަތެވެ. ފޮތްތަކުގެ ދަށުން ނިކަން ސިއްރުން ހޫރައިން އެ ކަރުދާހަށް ދަމާލިއެވެ. އޭގައިވާ އެއްޗެއް ފެނުމާއެކު ހޫރައިންގެ މެޔަށް ތޫނުތަދެއްގެ އިހްސާސް ކުރެވިގެންދިޔައެވެ. ވަގުތުން އެނދުގައި އޮތް ދަރިފުޅާ ދިމާއަށް އޭނާއަށް ބަލާލެވުނެވެ. ހޫރައިންއަށް ތުންފިއްތާލެވުނެވެ. އެ ދަރިފުޅަށް އައި ބަދަލުގެ އަސްލު އެވަނީ އެ ކަރުދާހުގައިކަން ހޫރައިންއަށް އެނގިއްޖެއެވެ. (ނުނިމޭ)