މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލްގެ މުވައްޒަފަކު ބަޔަކަށް އިންޒާރު ދިން މައްސަލަ ބަލަނީ

Jan 2, 2022
4

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފަކު މާލޭގެ ނޯތު ހާބަރުގައި ތިބި ބަޔަކާ ހުތު ބަހުން ވާހަކަދައްކާ، އިންޒާރު ދިން މައްސަލައެއް ބަލަން ފަށައިފި އެެވެ.

އެމްޕީއެލްގެ ޔުނީފޯމުގައި ހުރި ފިރިހެން މުވައްޒަފަކު އެ ބަނދަރުގައި ތިބި އާންމުންގެ ބަޔަކާ ހުތުރު ބަހުން މުއާމަލާތު ކުރުމަށްފަހު އެތަނުގައި ހުރި އަންހެނަކަށް އިންޒާރު ދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

ވީޑިއޯ އިން ފެންނަ މަންޒަރުތަކަށް ބަލާއިރު އަންހެން މީހާ އަޅައިގެން ހުރި އައިނު ތަޅާލައި މާރާމާރީ ހިންގަންޖެހިދާނެ ކަމުގެ އިންޒާރު އެ މުވައްޒަފު، އަންހެން މީހާ އަށް ދެއެެވެ.

ނޯތު ހާބަރުގައި ތިބި ބަޔަކާއި އެމްޕީއެލްގެ މުވައްޒަފާ ދެމެދު ޒުވާބު ހިނގަން މެދުވެރިވި ވަކި ސަބަބެއް އެނގިފައެއް ނުވެ އެވެ.

ޒުވާބުކޮށް މާރާމާރީ ހިންގާނެ ކަމުގެ އިންޒާރު ދޭން ފެށުމުން އެމްޕީއެލްގެ އިތުރު މުވައްޒަފުންތަކެއް އެތަނަށް ގޮސް ރުޅިގަދަވެފައި ހުރި އެމްޕީއެލްގެ މުވައްޒަފު ދުރަށް ގެންދާ މަންޒަރުވެސް ވީޑިއޯ އިން ފެނެ އެެވެ.

އެމްޕީއެލް އިން ބުނީ މުވައްޒަފުގެ މައްސަލަ ކުންފުނީގެ ސަމާލުކަމަށް އައިސްފައިވާތީ މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.