ހޯމްސްޓޭ

އޯކާ މީޑިއާއިން ހޯމްސްޓޭގެ 500 ފެސިލިޓީ ހިލޭ އިޝްތިހާރުކޮށްދެނީ

Jan 2, 2022
2

ގެސްޓްހައުސް ވިޔަފާރި ޕްރޮމޯޓްކޮށް ކުރިއަރުވައިދިން ކުންފުނިން ހޯމްސްޓޭގެ 500 ފެސިލިޓީ ހިލޭ އިޝްތިހާރުކޮށް ދޭން ތައްޔާރުވެއްޖެ އެވެ.

ގެސްޓްހައުސް ތަކަށް ހާއްސަ ފެއާއެއް އިންތިޒާމުކޮށް އަދި އައިލެންޑް ޓޫރިޒަމް މެގަޒިން ނެރެމުން ގެންދާ އޯކާ މީޑިއާގެ މެނޭޖިން ޑިރެކްޓަރު އަހުމީމް އަބްދުއްރައްޒާގު މިއަދު ވިދާޅުވީ ރާއްޖެއަށް އަލަށް ތައާރަފް ކުރި ހޯމްސްޓޭ ވިޔަފާރި ޕްރޮމޯޓް ކުރުމުގެ ގޮތުން ޓޫރިޒަމް ޕްރޮމަޓީ މަދު މާލެއާ ދުރު އަތޮޅު ތަކަށް ހާއްސަ ފުރުސަތެއް ހިލޭ ދޭން ނިންމާފައިވާ ކަމަށެވެ. އަދި ހޯމްސްޓޭ އިޝްތިހާރު ކުރަން ޖެހޭނީ ވަކި ރަށްރަށަށް ވުރެ ބޮޑަށް އަތޮޅުތަކުގެ ގޮތުގައި ކަމަށްވާތީ އެކަމަށް އިސްކަން ދޭނެ ކަމަށް ވިދާޅުވި އެވެ.

"އަމާޒަކީ 10 އަތޮޅެއްގެ 25 ރަށުގެ 500 ފެސިލީޓީ ހިލޭ ޕްރޮމޯޓް ކޮށް ދިނުން. މި ފެސިލިޓީ ތަކަށް ދެން ނުކުންނަ އައިލެންޑް ޓޫރިޒަމް މެގަޒިން އިން ރަނގަޅު ފުރުސަތު ތަކެއް ލިބިގެން ދާނެ. ފޮޓޯއާއި ތްރީސިކްސްޓީ ނަގައި ދޭނެ،" އަހުމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހޯމްސްޓޭ އަކީ ދުނިޔޭގައި ކާމިޔާބު ވިޔަފާރިއެއް ކަމަށާއި، މި ވިޔަފާރި ވެގެންދާނީ ގިނަ ބަޔަކު ޓޫރިޒަމްގެ ތެރެއަށް ނުކުންނަން ލިބޭ ފުރުސަތަކަށް ކަމަށެވެ.

"ހޯމް ސްޓޭގެ ތެރެއަށް ލައްކައެއްހާ ރުފިޔާ އިން އެބަ ނުކުމެވޭ. އަނެއްކާ މިއީ ޑިމާންޑް ބޮޑު ވިޔަފާރިއެއް. އެހެންވެ މި ވިޔަފާރި އަށް ނުކުންނަ މީހާ އަބަދު ހޯމްސްޓޭގައި ނުހުންނާނެ. މާގިނަ ދުވަހެއް ނުވެ ގެސްޓްހައުސް ހުޅުވާނެ. އަޅުގަނޑުމެންނަށް ފެންނަނީ ގެސްޓްހައުސްގެ [10 އަހަރުގެ ތަޖުރިބާ] އިން އެތަން،" ދުނިޔޭގައި ގެސްޓްހައުސް ޕްރޮމޯޓް ކުރުމުގައި އިސްކޮށް އުޅުއްވާ އަހުމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ވިޔަފާރި އަކީ މުސްލިމް ގައުމުތަކުގައި ވެސް ކާމިޔާބު ވިޔަފާރިއެއް ކަމަށެވެ. މީގެ މިސާލެއްގެ ގޮތުން އޭނާ ދެއްކެވީ މެލޭޝިއާ އާއި އިންޑޮނޭޝިއާ އަދި ތުރުކީ އެވެ. އަދި ރާއްޖެއަކީ ޕްރިމިއަމް ޑެސިޓިނޭޝަނަކަށްވުމުން "ބެކް ޕެކާސް"ގެ މަދު ބަޔަކު ނޫނީ ރާއްޖެ ނާދެވޭނެ ކަމަށް ވިދާޅުވި އެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ރާއްޖެ އަށް އަންނަން ބެކް ޕެކާސް އަށް އެކަށީގެންވާ ކުޑަ އަގުގައި އެއާލައިނުން ޓިކެޓު ނުލިބުމެވެ.

"ގެސްޓްހައުސްގެ ތަޖުރިބާ އިން ފެންނަނީ އެ ވިޔަފާރި އަށްވުރެ ވެސް ހޯމް ސްޓޭ ކާމިޔާބުވާނެ ކަމަށް. ސަބަބަކީ ހޯމް ސްޓޭ އިން ލޯކަލް އެކްސްޕީރިއަންސް ވަރަށް ބޮޑަށް ލިބޭނެ. ހަގީގަތަކީ ޓޫރިސްޓުން ބޭނުންވަނީ ލޯކަލް އެކްސްޕީރިއަންސް. ހާއްސަކޮށް ހަލާލް ޓްރެވަލާސް [މުސްލިމް ޓޫރިސްޓު]ނަށް މިއީ ބޮޑު މާކެޓެއް،" އަހުމީމް ވިދާޅުވި އެވެ.