އުރީދޫ

އުރީދޫ ސަބްމެރިން ކޭބަލުން މުޅި ރާއްޖެ ގުޅާލުމުގެ ބިޔަ މަޝްރޫއެއް ފަށައިފި

  • ޕްރޮޖެކްޓްގެ އަގަކީ 25 މިލިއަން ޑޮލަރު
  • ކޭބަލް އަޅަނީ ހުއާވޭ ކުންފުންޏާ ހަވާލުކޮށްގެން
  • އަންނަ އަހަރު ނިމޭނެ

މުޅި ރާއްޖެ ސަބްމެރިން ކޭބަލް އަކުން ގުޅާލުމަށް، 25 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 385.5 މިލިއަން ރުފިޔާ) ގެ ބޮޑު މަޝްރޫއެއް ހިންގުމަށް ޗައިނާގެ ހުއާވޭ ކުންފުންޏާ ގުޅިގެން އުރީދޫއިން ފަށައިފި އެވެ.

ހޮޓަލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނިން އިއުލާން ކުރި މި މަޝްރޫއު އަންނަ އަހަރު ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ހަތް މަސް ދުވަހުގެ ތެރޭގައި ހުއާވޭ އިން ކޭބަލް އަޅައި މުޅި ރާއްޖެ ގުޅާލާނެ ކަމަށް އުރީދޫ އިން ބުންޏެވެ.

ދާދި ފަހުން އިންޓަނެޓް ހިދުމަތް ދިނުމުގެ ހުއްދަ ލިބުނު އުރީދޫ އިން ބުނާ ގޮތުގައި މި މަޝްރޫއުގެ ދަށުން ރާއްޖެ ގުޅާލާނީ، ހުއާވޭ މެރިން 100 ޖީ ޓެކްނޮލޮޖީ މެދުވެރިކޮށް 1200 ކިލޯމީޓަރުގެ ސަރަހައްދެއްގަ އެވެ. މި މަޝްރޫއާ އެކު އެއްވެސް ހުރަހެއް ނެތި ބާރު ސްޕީޑްގައި އިންޓަނެޓްގެ ހިދުމަތް ދިނުމުގެ ގާބިލްކަން އެ ކުންފުންޏަށް ލިބޭނެ އެވެ. މިއީ ރާއްޖޭގެ މުވާސަލާތީ ވިއުގަޔަށް ގެނެސްދޭނެ ބޮޑު ކުރިއެރުމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

މިރޭގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ މި ހިދުމަތުގެ ސަބަބުން ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ.

"ދިވެހި ސަރުކާރުގެ އަމާޒަކީ، މި ސަރަހައްދުގައި ޑިޖިޓަލް ދާއިރާއިން އެންމެ ކުރިއަރާފައިވާ ގައުމަށް ދިވެހިރާއްޖެ ހެދުން. އުރީދޫގެ ނޭޝަންވައިޑް ސަބްމެރިން ކޭބަލް ޕްރޮޖެކްޓްއާ ގުޅިގެން ސަރުކާރުގެ މި އަމާޒަށް ވާޞިލްވުމުގައި ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެ. ޑިޖިޓަލް ފައިދާތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގައި އުރީދޫގެ ފަރާތުން ލިބޭ އެއްބާރުލުމާއި ތަރުހީބަށް އަޅުގަނޑުމެން ޝުކުރުވެރިވަން،" އުމަރު ވިދާޅުވި އެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން އުރީދޫގެ ސީއީއޯ ވިދާޅުވީ އިންޓަނެޓް ލިބުމަކީ މިހާރު ކޮންމެ މީހެއްގެ ހައްގެއް ކަމަށެވެ. އަދި އުރީދޫ އިން މި މަޝްރޫއު ފެށީ ކޮންމެ ދިވެއްސަކަށް ވެސް އިންޓަނެޓް ލިބުމަކީ ހައްގެއް ކަމުގައި ބަލައިގެން ކަމަށެވެ. މި މަޝްރޫއު ނިމުމުން ދިވެހިން ބޭނުންވާ ހަލުއި މިނުގައި އިންޓަނެޓްގެ ހިދުމަތް ލިބުމުގެ މަގު ފަހިވީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޑިޖިޓަލް ދިރިއުޅުމަކަށް ދިވެހިންނަށް މަގުފަހިކޮށް ދިނުމަށް ބްރޯންޑް ބޭންޑް އިންޓަނެޓް ހިދުމަތް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިނުމުގެ އަޒުމުގައި އަޅުގަނޑުމެން ފެށި މަސައްކަތެއް މިއީ،" އުރީދޫގެ ސީއީއޯ ވިދާޅުވި އެވެ.

މި މަޝްރޫއު ކުރިއަށް ގެންދާ ޗައިނާގެ ހުއާވޭ މެރިންގެ ވައިސް ޕްރެޒިޑެންޓް މާ ޔަންގފެންގް ވިދާޅުވީ ހުއާވޭ މެރިންއިން ފޯރުކޮށްދޭ އެންމެ ފަހުގެ ކުރިއަރައިފައިވާ އޮޕްޓިކަލް ޓެކްނޮލޮޖީ މެދުވެރިކޮށް ނެޓްވާކް ކެޕޭސިޓީ އާއި ފްލެކްސިބިލިޓީ އިތުރުކުރެވިގެންދާނެ ކަމަށެވެ.

"އުރީދޫއާ ގުޅިގެން އެންމެ ފަހުގެ މުވާސަލާތީ އިންފްރާސްޓަކްޗާ ދިވެހިރާއްޖޭގެ ރަށްތަކަށް ފޯރުކޮށްދީ، ރަށްތަކުގައި ކަނެކްޓިވިޓީ ރަނގަޅުކޮށް އިގްތިސާދީ ތަރައްގީއަށް މަގު ފަހިކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް ބޮޑު ޝަރަފެއް. ހުއާވޭ މެރިންގެ އެންމެ ކުރިއަރާފައިވާ ފަހުގެ އުފެއްދުންތަކަކީ ބައިނަލްއަޤްވާމީ މުވާސަލާތީ ޚިދުމަތްދޭ ކުންފުނިތަކުން އެކި ސަރަހައްދުތަކުގައި ހިދުމަތް ފޯރުކޮށްދޭ މުހިއްމު ނެޓްވާކްތަކުގައި ބޭނުންކުރުމަށް އެންމެ އިސްކަންދޭ އުފެއްދުންތަކެއް،" ޔަންގފެންގް ވިދާޅުވި އެވެ.