ބޮލީވުޑް

ވިކީއާ ދެކޮޅަށް ފުލުހުންނަށް މައްސަލައެއް

ފިލްމު ޝޫޓިން އެއްގައި އެކްޓަރު ވިކީ ކޯޝަލް ދުއްވި ސައިކަލެއްގެ ނަންބަރު ޕްލޭޓެއްގެ މައްސަލައިގައި އިންޑިޔާގެ މަދްޔަ ޕްރަދޭޝްގެ އިންދޯރުގައި ދިރިއުޅޭ މީހަކު ވިކީއާ ދެކޮޅަށް ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އެމީހާ ބުނަނީ ސާރާ އަލީ ޚާން ފަހަތަށް ލައިގެން ވިކީ ދުއްވި ސައިކަލުގައިވާ ނަންބަރު ޕްލޭޓަކީ އޭނާގެ އެއްޗެއް ކަމަށެވެ. އަދި އެ ނަންބަރު ޕްލޭޓް އެ ސައިކަލުގައި ބޭނުންކޮށްފައިވަނީ އޭނާގެ ހުއްދަ ނުހޯދާ ކަމަށެވެ.

މި މީހާ ޝަކުވާ ހުށަހެޅީ ވިކީ އާއި ސާރާ ސައިކަލު ދުއްވަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑީއާގައި އާއްމުވީ ފަހުންނެވެ.

އޭއެންއައި އަށް ދިން އިންޓަވިއު އެއްގައި މި މައްސަލަ ފުލުހުންނަށް ހުށަހެޅި ޖައި ސިންގް ޔާދަވް ބުނީ ވިކީ ދުއްވި ސައިކަލުގައި އިން ނަންބަރު ޕްލޭޓަކީ އޭނާގެ ވެހިކަލެއްގައި ބޭނުންކުރާ ނަންބަރު ޕްލޭޓެއް ކަމަށެވެ.

"އަހަންނަކަށް ނޭނގެ ފިލްމު ޔުނިޓުގެ މީހުންނަށް އެކަން އެނގޭ ކަމެއް. އެކަމަކު މިއީ ކަނޑައެޅިގެން މަނާ ކަމެއް. އަހަރެންގެ ނަންބަރު ޕްލޭޓް އަހަރެންގެ ހުއްދަ ނުހޯދައި އެމީހުންނަކަށް ބޭނުމެއް ނުކުރެވޭނެ. އަހަރެން ޕޮލިސް ސްޓޭޝަނަށް ގޮސް މި މައްސަލަ ޖައްސާފައި ވާނީ. އެމީހުންނާ ދެކޮޅަށް ފިޔަވަޅު އެޅެން ޖެހޭނެ،" ޖައި ސިންގް ބުންޏެވެ.

ސަބް-އިނިސްޕެކްޓަރު ރާޖެންދުރަ ސޯނީ ބުނި ގޮތުގައި ޖައި ސިންގް ހުށަހެޅި ޝަކުވާ އެ ސްޓޭޝަނުން ބަލައި ވިކީ ދުއްވި ސައިކަލުގައި ބޭނުންކުރީ އޭނާގެ ވެހިކަލެއްގެ ނަންބަރު ޕްލޭޓްތޯ ނުވަތަ ނޫންތޯ ޔަގީންކުރާނެ ކަމަށެވެ. އަދި އިންދޯރުގައި ފިލްމު ޔުނިޓް ތިބިނަމަ އެ ފަރާތުން ވެސް މައުލޫމާތު ސާފުކޮށް ކަން ހިނގާފައިވާ ގޮތް ބަލާނެ ކަމަށެވެ.

މި ފޮޓޯތައް ވައިރަލްވީ ފަހުން ވިކީ ވަނީ އެނބުރި މުމްބައި އަށް ގޮސް އަންހެނުން ކެޓުރީނާ ކައިފްއާ އެކު އާ އަހަރު ފާހަގަކުރުމަށް ދުވަސްކޮޅަކު މަޑުކޮށްލުމަށްފަހު މިހާރު އަނެއްކާވެސް އިންދޯރަށް ގޮސް ފިލްމުގެ ޝޫޓިންގް ފަށާފަ އެވެ.

ވިކީ އާއި ސާރާ ކުޅޭ މި ފިލްމަކީ ވިކްރަމް އުޓޭކަރްގެ ފިލްމެކެވެ.