ލައިފްސްޓައިލް

ހޫނު ތެލަށް އަތް ލައިގެން ހެދިކާ ހަދާ މީހެއް!

އިންޑިޔާގެ އެކި ރަށްތަކުގެ މަގުމަތީގައި ގާޑިޔާތަކުގައި ތަފާތު ކާނާ ތައްޔާރުކޮށް ވިއްކަން ގިނަ އަދަދެއްގެ މީހުން ތިބެ އެވެ. މީގެ ތެރެއިން ބައެއް މީހުން އެމީހުންގެ ހުނަރު ދައްކާލަނީ އެހެން މީހުން ވިއްކާ ކާ އެއްޗިއްސާ ތަފާތުކޮށް މީރުކޮށް ކާ އެއްޗެތި ހަދައިގެނެވެ. އަނެއް ބަޔަކު ދައްކާލަނީ އެމީހުންގެ ކިބައިގައި ހުންނަ އެހެނިހެން ހުނަރެވެ.

މިހާރު ވައިރަލް ވެގެން އުޅޭ އެއް ވީޑިއޯ އަކީ މިގޮތަށް ގާޑިއަލެއްގައި "ޕަކޯޅާ" (ހެދިކާއެއް) ތައްޔާރުކުރާ މީހަކު އެ މަސައްކަތް ކުރާތަން ފެންނަ ވީޑީއޯ އެކެވެ.

މިލިއަނަކަށް ވުރެ ގިނަ ވިއުޒް މިހާރު ލިބިފައިވާ މި ވިޑިއޯގައި ފެންނަނީ ބޮޑު ތާހަކަށް ތެޔޮ އަޅާފައި ހުރިއިރު ކެކިކެކި ހުރި ތެޔޮގަނޑު ތެރެއަށް އެމީހާ އަތް ކޮއްޕައިގެން ޕަކޯޅާތައް ނަގާތީ އެވެ. މި މަންޒަރުތައް ވީޑިއޯކޮށްފައި ވަނީ މުމްބައިގައި ދިރިއުޅޭ ފުޑް-ބްލޮގާ އެކެވެ. އޭނާ މި ވީޑިއޯގެ ކެޕްޝަނަކަށް ޖަހާފައިވަނީ "ޖައިޕޫރު ހީޓްޕްރޫފް ޕަކޯޅާވާލާ" އެވެ.

އިންސްޓަގްރާމްގައި މި ފުޑް-ބްލޮގާ ޝެއާ ކޮށްފައިވާ ވީޑިއޯގައި ފެންނަނީ ޕަކޯޅާ ތެތްލާ މީހާ އެންމެ ފުރަތަމަ އެ އެއްޗެތި ކެކިކެކި ހުރި ތެޔޮގަނޑަށް އަޅާ ތަނެވެ. އަދި ދޭފަތް ނުވަތަ އުނދުޅިއެއް ފަދަ އެއްޗަކުން އެ ތަކެތި ހޭކުމުގެ ބަދަލުގައި އަމިއްލަ އަތް ތެޔޮގަނޑު ތެރެއަށް ކޮއްޕައިގެން އެ ޕަކޯޅާތައް އެއް ފުށުން އަނެއް ފުށަށް ޖަހާ ތަނެވެ.

މިކަމުގެ ސަބަބުން އޭނާއަށް އެއްވެސް ތަދެއް އިހްސާސްވާ ކަމަކަށް އޭނާގެ މޫނުމައްޗަކުން ނުދައްކަ އެވެ. އަދި އަތަށް އެއްވެސް ގެއްލުމެއް ވެފައިވާ ތަނެއް ވެސް ނުފެނެ އެވެ.

މި ވީޑިއޯއަށް އެތައް ހާސް ބަޔަކު ލައިކްސް ދީފައިވާއިރު ކޮމެންޓުކުރި ގިނަ މީހުން އެމީހާގެ ހުނަރަށް ސާބަސް ދީފައި ވެއެވެ. ނަމަވެސް މިގޮތަށް އަތް ކޮއްޕުމުން ކާ އެއްޗެތީގެ ސާފުތާހިރުކަން ގެއްލޭނެތީ ކަންބޮޑުވުން ފާޅުކުރި މިހުން ވެސް މަދެއް ނޫނެވެ. އެމީހާއަށް އެހާ ފަސޭހައިން ތެޔޮގަނޑަށް އަތް ކޮއްޕޭ ސަބަބު ކިޔައިދޭން ވެސް ބަޔަކު މީހުން މަސައްކަތް ކޮށްފައި ވެއެވެ.

އެތަނުން އެކަކު ބުނީ އެމީހާ އެންމެ ކުރިން ފެން އެއްޗަކަށް އަތް ކޮއްޕާފައި ނަގާ ތެޔޮގަނޑަށް އަތްލަނީ ކަމަށާއި އެހެންހެދުމުން ތެލާ ފެނާ އެކުނުވާތީ އެމީހާ އަތް ތެޔޮގަނޑުން ނެގުމާ ދެމެދު ހިނގާ ވަގުތުކޮޅުގައި އޭނާގެ އަތަށް ހޫނު ނުވަނީ ކަމަށެވެ.